01 Apr 2016, 11:15
މުޅި އިންޑިއާ ރޮއްވާލުމަށްފަހު އައިސީސީ ޓްވެންޓީ20 ކްރިކެޓް ވޯލްޑް ކަޕްގެ ފައިނަލަށް ވެސްޓް އިންޑީސް ދަތުރުކޮށްފި އެވެ.
އިންޑިއާގެ މުމްބާއީގެ ވަންކެޑެ ސްޓޭޑިއަމްގައި ރޭ ކުޅުނު ސެމީ ފައިނަލްގެ ދެ ވަނަ މެޗުގައި އިންޑިއާ ބަލިކޮށް ވެސްޓް އިންޑީސް ކުރި ހޯދީ ހަތް ވިކެޓުންނެވެ.

ކުޅެން އަރައި އިންޑިއާއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކި ވިރާތު ކޯލީ: ވެސްޓް އިންޑީސް އަތުން އިންޑިއާ ބަލިވީ ހަތް ވިކެޓުން -- ފޮޓޯ: އޭޕީ
މެޗުގެ ޓޮސް ދިމާވެގެން ވެސްޓް އިންޑީސް ގަސްދުކުރީ ހޮވުމަށެވެ. އިންޑިއާ ކުޅެން ނުކުމެ، 20 އޯވަރުގެ ތެރޭގައި ދެ ކުޅުންތެރިން ނުބައިގެން ހެދުނީ 192 ލަނޑެވެ. އިންޑިއާއަށް އެންމެ ރަނގަޅަށް ކުޅުނީ 89 ލަނޑު ހެދި ވިރާތު ކޯލީ އެވެ.
ޖަވާބުގައި ވެސްޓް އިންޑީސް ކުޅެން އަރައި 19.4 ތެރޭގައި އިންޑިއާގެ މައްޗަށް ކުރި ހޯދި އެވެ. ވެސްޓް އިންޑީސްއިން 19.4 އޯވަރުގެ ތެރޭގައި ތިން ކުޅުންތެރިން ނުބައިވެގެން 196 ލަނޑު ހަމަކުރި އެވެ. ވެސްޓް އިންޑީސްއަށް އެންމެ ރަނގަޅަށް ކުޅުނީ 51 ބޯޅައިން 82 ލަނޑު ހެދި ލެންޑީ ސިމޮންސް އެވެ. މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދީ ސިމޮންސް އެވެ.

ޓްވެންޓީ20 ކްރިކެޓް ވޯލްޑް ކަޕްގެ ސެމީ ފައިނަލްގައި ވެސްޓް އިންޑީސްއާއި އިންޑިއާ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން އިންޑިއާ އަތުން ވެސްޓް އިންޑީސް މޮޅުވީ ހަތް ވިކެޓުން -- ފޮޓޯ: އޭޕީ
މެޗަށްފަހު ވާހަކަދައްކަމުން ވެސްޓް އިންޑީސްގެ ސިމޮންސް ބުނީ، އޭނާ ކުޅުނީ ޕްރެޝަރުގައި ކަމަށާއި ޓީމުން އޭނާ ކައިރީ ރަނގަޅު ކުޅުމެއް ދައްކަން ޖެހެއޭ ބުނުމުން ކުރީ އެކަންތައް ކަމަށެވެ.
އިންޑިއާގެ ކެޕްޓަން އެމްއެސް ދޯނީ ބުނީ، އޭނާ ހަަމައެކަނި ހިތްހަމަ ނުޖެހުނީ ސިމޮންސް ނުބައިކޮށްލަން ލިބުނު ދެ ފުރުސަތު ބޭކާރުކޮށްލެވުމުން ކަމަށާއި އެހެން ހުރިހާ ކަމެއް ދިޔައީ ރަނގަޅަށް ކަމަށެވެ.
"އަހަރެންނަށް ހީވަނީ 190 ލަނޑަކީ ރަނގަޅު ނަތީޖާއެއްހެން. ބައެއް މެޗުތައް ކައިރި ކައިރީގައި ކުޅެން ޖެހުމުން އެކަމުގެ އުނދަގުލާ ކުރިމަތިލާން ޖެހުނު،" ދޯނީ ބުންޏެވެ.
އިންޑިއާގެ ކޮލްކަތާގެ އެޑެން ގާޑެންސް ސްޓޭޑިއަމްގައި އަންނަ އާދީއްތަ ދުވަހު ކުޅޭ މި މުބާރާތުގެ ފައިނަލްގައި ވެސްޓް އިންޑީސް ނުކުންނަން ޖެހޭނީ އިންގްލެންޑާ ދެކޮޅަށެވެ. ކުރިން ގްރޫޕް ސްޓޭޖުގައި މި ދެ ޓީމު ބައްދަލުކުރި މެޗު ހަތް ވިކެޓުން ކާމިޔާބުކޮށްފައި ވަނީ ވެސްޓް އިންޑީސް އެވެ.
މި އަހަރުގެ ޓްވެންޓީ20 ކްރިކެޓް ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ހޯދާ ޓީމަކަށް ދެ ތަށްޓާއެކު މުބާރާތުގެ އެންމެ ކާމިޔާބު ޓީމަށް ވެވޭނެ އެވެ. މިހާތަނަށް އިންޑިއާ، ޕާކިސްތާން، އިންގްލެންޑް، ވެސްޓް އިންޑީސް، ސްރީ ލަންކާ، މިއިން ކޮންމެ ޓީމަކުން ވަނީ އެއް މުބާރާތް ކާމިޔާބުކޮށްފަ އެވެ.