01 Apr 2016, 10:47
ޓުރެފިކް މައްސަލަތައް ހައްލު ކުރުމަށް ޖޫރިމަނާތައްކޮށް ފިޔަވަޅު އެޅުމަކީ ފުލުހުންގެ ސިޔާސަތު ނޫން ކަމަށް ހެޑް އޮފް ޓްރެފިކް ޕޮލިސް ޑިޕާޓްމަންޓް މުހައްމަދު ދާއޫދު ވިދާޅުވެއްޖެއެވެ.
ދާއޫދު "ސަން"އަށް ވިދާޅުވީ ޓްރެފިކް މައްސަލަތައް ހައްލުކުރުމަށް ޖޫރިމަނާތައްކޮށް ފިޔަވަޅުތައް އެޅުމަކީ ސަރުކާރުގެ އަދި ފުލުހުންގެ ސިޔާސަތެއްވެސް ނޫން ކަމަށެވެ. އޭގެ ބަދަލުގައި ސިޔާސަތަކީ ވިސްނައިދީ ބުނެދީގެން ކަންކަން ހައްލު ކުރުން ކަމަށް އޭނާ ވިދާޅުވިއެވެ.
ކޮމިޝަނާ އޮފް ޕޮލިސް އަންގަވާފައިވަނީ އަބަދުވެސް ރައްޔިތުންނަށް ވިސްނައިދީ، ކިޔައިދީގެން ކަންކަން ހައްލުކޮށް ފިޔަވަޅު އެޅުން އެންމެ ފަހުގެ ކަމަކަށް ހެދުމަށް ކަމަށް ދާއޫދު ވިދާޅުވިއެވެ.
"ހައްލުކުރަން މިގެންގުޅޭ އުސޫލްތަކަކީ ދަނޑިމާރު އަޅައިގެން ކަންކަން ހައްލުކުރަން އުސޫލެއް ނޫން، ވިސްނައިދީގެން ކިޔައިދީގެން އެމީހާއަށް އެ ފިކުރަށް ނުވަތަ ވިސްނުމަށް ބަދަލު ގެނެސްގެން އެބަދަލު ގެނެވޭތޯ އަޅުގަނޑުމެން ބަލަނީ،" ދާއޫދު ވިދާޅުވިއެވެ.
ފިޔަވަޅުއަޅަންޖެހޭ ފަހަރުތަކުގައި ފިޔަވަޅުވެސް އަޅާނެ ކަމަށާއި ނަމަވެސް ފިކުރަށް ބަދަލު ގެނެސްގެން ގެނެވޭ ބަދަލުތައް މާ ރަނގަޅުވާނެ ކަމަށް ދާއޫދު ވިދާޅުވިއެވެ.
އެގޮތައް އަމަލުކުރަމުން އަންނަކަމަށް ވިދާޅުވެ އޭނާ ވިދާޅުވީ ސައިލެންސަރު މޮޑިފައިކޮށް ބިރުވެރިކަށް އުފެދޭގޮތަށް ދުއްވާ ސައިކަލްތައްވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް އެސައިކަލުގެ ވެރިފަރާތް ލަށްވައި ސައިލެންސަރުތައް ބަދަލު ކުރަމުން އަންނަ ކަމަށެވެ.
އެގޮތުން 100 އަށްވުރެ ގިނަ ސައިކަލުގެ ސައިލެންސަރު ބަދަލު ކޮށްފައިވާކަމަށް ދާއޫދު ވިދާޅުވިއެވެ.