01 Apr 2016, 10:04
މޯލްޑިވް ގޭސް އިން ވިއްކާ 10 ކިލޯގެ ގޭސްފުޅިއަކުން 15 ރުފިޔާ އަގު ހެޔޮކޮށް ވިއްކަން ފަށައިފިއެވެ.
އެ ކުންފުނީގެ މެނޭޖިން ޑައިރެކްޓަރު ޢަބުދުﷲ މައުމޫން ވިދާޅުވީ އެ ކުންފުނިން ކުރިން 225 ރުފިޔާއަށް ވިއްކި 10 ކިލޯގެ ގޭސް ފުޅިއެއްގެ އަގު 210 ރުފިޔާއަށް މިމަހުން ފެށިގެން އަގު ހެޔޮކޮށްފައިވާ ކަމަށެވެ.
މައުމޫން ވިދާޅުވީ ގޭހުގެ އަގު ހެޔޮވާން ޖެހޭނީ ހަމައެކަނި މާލެއަށް ނޫން ކަމަށާއި އަތޮޅުތެރޭ ހުރިހާ ރަށެއްގައި ވިއްކާ އެ ކުންފުނީގެ ގޭހުގެ ތެރެއިން 10 ކިލޯގެ ގޭހުގެ އަގުން 15 ރުފިޔާ އަގުހެޔޮވާން ޖެހޭނެ ކަމަށެވެ.
އޭނާ ވިދާޅުވީ 10 ކިލޯގެ ގޭހުގެ އަގު ހެޔޮކުރީ އެ ގޭހަކީ ގޭބިސީތަކުގައި ބޭނުންކުރާ ގޭސް ކަމަށްވާތީ ކަމަށެވެ. ކުރިއަށް އޮތްތަނުގައި 10 ކިލޯއިން ދަށުގެ ގޭހުން ވެސް އަގުހެޔޮ ކުރަން ނިންމާފައިވާ ކަމަށް މައުމޫން ވިދާޅުވިއެވެ.
މިއީ އެކުންފުނީގެ ހަޔާތުގައި ގޭސް އަގު ހެޔޮކުރި ފުރަތަމަ ފަހަރެވެ. މީގެ ކުރިން ގޭހުގެ އަގަށް ބަދަލު ގެނައި ދެ އަހަރު ކަމަށްވާ 2008 ވަނަ އަހަރާއި 2011 ވަނަ އަހަރުވެސް ވަނީ ގޭހުގެ އަގު ބޮޑުކޮށްފަ އެވެ.