01 Apr 2016, 01:10
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ރަސްމީ ދަތުރުފުޅެއްގައި އިންޑިއާއަށް ވަޑައިގެންނެވުމަށް ހަމަޖެހިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެ އެވެ.
މެލޭޝިޔާއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށް ފަހު މިރޭ އެނބުރި ރާއްޖެ ވަޑައިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް ޔާމީން ވިދާޅުވީ، މިހާރުވެސް ގިނަ ގައުމުތަކަކަށް ވަޑައިގަތުމަށް ދައުވަތު ލިބިފައިވާ ކަމަށެވެ.
ނަމަވެސް މިދިޔަ ދުވަސްތަކުގައި ކަންތައްތައް ދިމާވި ގޮތުން، ދަތުރުފުޅުތައް ނުކުރެއްވި ދިޔައީ ކަމަށާއި، އެ ދަތުރުފުޅުތައް މި އަހަރު ތެރޭގައި ކުރެއްވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
"މި މަހުގެ ދެން ކުރިއަށް އޮތް ދިހަ ދުވަހެއްގެ ތެރޭގައި އިންޑިއާއަށް ފުރުމަށް ވަނީ ހަމަޖެހިފައި،" ރައީސް ވިދާޅުވި އެވެ.
މިއީ ރައީސް ޔާމީން ވެރިކަމާއި ހަވާލުވެވަޑައިގެންނެވި ފަހުން އިންޑިއާއަށް ކުރައްވާ ދެވަނަ ދަތުރުފުޅެވެ. އަދި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީވެސް ރާއްޖެ ގެންނެވުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
އިންޑިއާގެ އިތުރުން ޕާކިސްތާނާއި، އުުރުދުން، އަދި އެކުވެރި އަރަބި އިމާރަތަށް ވަޑައިގަތުމަށްވެސް ދައުވަތު ލިބިވަޑައިގެންފައި ވާކަމަށް ރައީސް ވަނީ މިރޭ ހާމަކުރައްވާފައެވެ.
ރައީސް ވަނީ މެލޭޝިޔާ އަދި ޕާކިސްތާނުގެ ބޮޑުވަޒީރު މި އަހަރު ތެރޭގައި ރާއްޖެ ވަޑައިގަންނަވާނެ ކަމަށްވެސް ވިދާޅުވެފައެވެ.