01 May 2011, 15:18
އެމްޑީޕީގެ ރައީސް ކަމުގެ އިންތިހާބުގައި ސްޕެޝަލް އެންވޯއީ ޓްދަ ޕްރެޒިޑެންޓް އިބްރާހިމް ޙުސައިން ޒަކީ އަށް އެމްޑީޕީގެ މެމްބަރުން ނޫނެކޭ ބުނުމުން، ރައިސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދުގެ ސަރުކާރުގެ ސިޔާސަތުތަކާ މެދު އެމްޑީޕީގެ މެމްބަރުން މާޔޫސްވެފައި ތިބި މިންވަރު ހާމަވެގެންދާ ކަމަށް އިދިކޮޅު ގައުމީ ޕާޓީން ބުނެފި އެވެ.
އެމްޑީޕީގެ ރައީސް ކަމުގެ އިންތިހާބުގެ ވަގުތީ ނަތީޖާ އިން ކުރި ހޯއްދަވާފައިވާ، ކުރީގެ ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓަރު ޑރ. އިބްރާހީމް ދީދީ އަށް މަރުހަބާ ވިދާޅުވެ ގައުމީ ޕާޓީން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ، އެމްޑީޕީގެ ރައީސްކަން ކުރެއްވުމުގައި ޑރ. އިބްރާހިމް ދީދީ އަށް ފުރިހަމަ ކާމިޔާބީ އަށް އެ ޕާޓީން އެދޭ ކަމަށެވެ.
"އެމްޑީޕީގެ ވަގުތީ ރައީސްކަން ކުރައްވަމުން ގެންދެވި ރައީސް ނަޝީދުގެ އަރިސް ބޭފުޅެއްކަމުގައިވާ އިބްރާހިމް ޙުސައިން ޒަކީ އަށް އެމްޑީޕީގެ މެމްބަރުން ނޫނެކޭ ބުނި ބުނުމުން ދޭހަހަވެގެން ދިޔައީ ނަޝީދުގެ ސަރުކާރުގެ ސިޔާސަތުތަކާ މެދު ދިވެހި ރައްޔިތުންނެކޭ އެއްފަދައިން އެމްޑީޕީގެ މެމްބަރުން މާޔޫސްވެފައި ތިބި މިންވަރެވެ،" އެ ބަޔާނުގައިވެ އެވެ.
ގައުމީ ޕާޓީގެ ބަޔާނުގައި އަދި ބުނެފައި ވަނީ، އެމްޑީޕީ ތެރޭގައި ސީދާކޮށާއި ނުސީދާކޮށް ރައީސް ނަޝީދުގެ ނުފޫޒު ފެތުރިފައި އޮތް މިންވަރުން އެމްޑީޕީގެ ރައީސް ކަމަށް މިހާތަނަށް އިންތިޚާބުވި އެއްވެސް ބޭފުޅަކަށް ކާމިޔާބުކަމާ އެކު އެބޭފުޅެއްގެ ދައުރު ހަމަވަންދެން މަސައްކަތްކުރުމުގެ ފުރުސަތު ލިބިފައި ނުވާ ކަމަށެވެ. އެ ގޮތުން އެމްޑީޕީގެ ރައީސްކަން ކުރިން ކުރެއްވި އިބްރާހިމް އިސްމާއިލާއި ޑރ. މުހައްމަދު މުނައްވަރު އިސްތިއުފާ ދެއްވާފައި ވަނީ ރައީސް ނަޝީދުގެ ދަތި ކުރެއްވުމާއި ނުފޫޒުގެ ސަބަބުން ކަމަށް ވެސް ބަޔާނުގައިވެ އެވެ.
"އެމްޑީޕީގެ ފުރަތަމަ ރައީސް އިބްރާހިމް އިސްމާއިލް، އިސްތިއުފާ ދެއްވީ، ރައީސް ނަޝީދުގެ ޚުދުމުޚުތާރު ކަމާއި ނުފޫޒު ބޭނުންކުރައްވައިގެން ޕާޓީގެ ރައީސްގެ މަސްއޫލިއްޔަތު އަދާކުރެއްވުމަށް ހުރަސްތައް ކުރިމަތި ކުރުވާތީ ކަމަށް އެމަގާމުން އިސްތިއުފާދެއްވަމުން ވިދާޅުވި އެވެ. އޭގެ ފަހުން އެމްޑީޕީގެ ރައީސް ކަމަށް ވަޑައިގެންނެވި، ޑރ. މުނައްވަރު ވެސް އިސްތިއުފާދެއްވަން ޖެހިވަޑައިގަތީ، ރައީސް ނަޝީދުގެ ޚުދުމުޚުތާރުކަމުންނާއި ނަޝީދު ބޭނުންފުޅުވާ އުސޫލާއި ހަމައިން ބޭރުން ޕާޓީކަންތައްތައް ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރައްވާތީ އެވެ." އެ ބަޔާނުގައިވެ އެވެ.
ގައުމީ ޕާޓީގެ ބަޔާނުގައި ބުނެފައި ވަނީ އެމްޑީޕީގެ ރައީސްކަން ކުރެއްވުމުގައި ޑރ.ޑީޑީ އަށް ކުރިމަތިވެވަޑައިގަންނަވާނެ ގޮންޖެހުންތައް ހައްލުކުރެއްވުމުގައި ރައްޔިތުންގެ މަސްލަހަތު އިސްކުރައްވައި، ޑިމޮކްރަސީގެ އުސޫލު ކުރިއަށް ނެރުއްވާނެ ކަމަށް އުއްމީދުކުރާ ކަމަށެވެ. އަދި ރައީސް ނަޝީދުގެ ގާތް ރަޙުމަތްތެރިންނާއި އާއިލީ ބޭފުޅުންގެ ނުފޫޒް އެމްޑީޕީ ތެރޭގައި ފެތުރުމުމަށް ކުރައްވާ މަސައްކަތް ހުއްޓުމަކަށް ގެނެސް އެމްޑީޕީގެ ތެރޭގައި ހަގީގީ ޑިމޮކްރަޓިކް ވެއްޓެއް ގާއިމްކުރައްވާނެ ކަމަށް ޔަގީންކުރާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.