01 Apr 2016, 00:17
ރެސްޓޯރަންޓްތަކުން ކާނާ އޯޑަރު ކުރުމަށް ބޭނުންކުރެވޭ އާ ސްމާޓްފޯނު އެޕްލިކޭޝަން "މާކުންބެ" ލޯންޗު ކޮށްފި އެވެ.
ސްކައި ފޯ ރެސްޓޯރަންޓުގައި މިރޭ ކުރިޔަށް ދިޔަ ޚާއްސަ ހަރަކާތެއްގައި މި އެޕް ލޯންޗު ކުރެވިގެން ދިޔަ އިރު، "މާކުންބެ" އެޕް އުފައްދައި، ހިންގާ ސިލްވަރ ގޯލްޑް ސްޓޫޑިއޯޒްގެ ސީއީއޯ މުހައްމަދު އަމާން ހުރީ، "މާކުންބެ"ގެ ޚިދުމަތް އާންމުންނަށް ދޫކޮށްލެވުނު ކަމާއި މެދު ވަރަށް ހިތްހަމަޖެހިފައެވެ.
"މާކުންބެ"ގެ ޒުވާން ސީއީއޯ އަމާން ބުނީ، އެޕްގެ މަގުސަދަކީ ރެސްޓޯރަންޓްތަކަށް ޔޫޒަރުންގެ އޯޑަރުތައް ފޯރުކޮށްދިނުން ކަމަށެވެ. "މާކުންބެ" އެޕް މަސައްކަތް ކުރަނީ، ޔޫޒަރުންނާއި ރެސްޓޯރަންޓްތަކާ ގުޅައިލެވޭ ފާލަމެއްގެ ގޮތުގައެވެ. މި އެޕް މެދުވެރިކޮށް ޔޫޒަރުން ބޭނުންވާ ވައްތަރެއްގެ ކެއުން، ބޭނުންވާ ރެސްޓޯރަންޓަކުން އޯޑަރު ކުރުމުގެ އިޚްތިޔާރު ލިބެ އެވެ. ނުވަތަ ރެސްޓޯރަންޓަށް ގޮސް ކެއުމަށާއި ޓޭކްއަވޭ ހެދުމަށް ވެސް އިޚްތިޔާރު ލިބެ އެވެ.
"ތިން ފީޗަރއެއް މިވަނީ. ރެސްޓޮރަންޓުން ޓޭކްއަވޭ، ޑައިން އިން އަދި ޑެލިވަރީގެ ތެރެއިން ޚިދުމަތެއް ދޭ ނަމަ، އެ ޚިދުމަތް އެޕް މެދުވެރިކޮށް ހޯދޭނެ. ނަމަވެސް ފައިސާގެ މުއާލަމާތް ހިނގާނީ ޔޫޒަރާއި ރެސްޓޯރަންޓާ ދެމެދު. އަޅުގަނޑުމެން އޮންލައިންކޮށް ޕޭމެންޓުތައް ވެސް ހެދޭ ވަރަށް މި އެޕް ޑިވެލޮޕް ކުރާނަން،" އަމާން ބުންޏެވެ.

މާކުންބެ އެޕްގެ ލޯގޯ
އޭނާ ބުނީ، މިވަގުތު "މާކުންބެ" ފަށައިގަންނަނީ ހަ ރެސްޓޯރަންޓަކާއި އެކު ކަމަށެވެ. އެއީ ސްކައި ފޯރ، ބެޓަރ ބައިޓްސް، މާބަލް، އަޔޯލީ، ޕެލެސް ސިޗުއާން އަދި އަޗާޒް ޕަޕަޑަމްސް އެވެ.
"ރެސްޓޯރަންޓްގެ ޒިންމާއެއް، ޑެލިވެރީ ކޮށްދޭ ކަމުގައިވާ ނަމަ އެކަން ކޮށްދިނުން. ޔޫޒަރުން ރިވިއު ކުރާނީ ރެސްޓޯރަންޓްތަކުގެ ސާވިސްއަށް. ޔޫޒަރުންގެ ރިވިއު އެޕްއިން ފެންނަން ހުރީމަ އެ ވާނެ ޗެލެންޖަކަށް ރެސްޓޯރަންޓްތަކަށް. އެއް ޕްލެޓްފޯމެއްގައި ޗެލެންޖު ކުރެވޭ ނަމަ އިމްޕްރޫވްމެންޓު ފާސްޓު ވާނެ، ކާނާއާއި ޚިދުމަތުގެ ކޮލިޓީއިން ވެސް،" އަމާން ބުންޏެވެ.
ޒުވާނުންގެ ޓީމަކުން އުފައްދައި، ތައާރަފުކުރި "މާކުންބެ" މިރޭ މި ފަށައިގަތީ އެންޑްރޮއިޑު އެޕްއަކާއި ހަ ރެސްޓޯރަންޓް ޕާޓްނަރުންނާ އެކު މާލެއިންނެވެ. ނަމަވެސް މި ފެށުނު އޭޕްރިލް މަހުގެ ތެރޭގައި ރެސްޓޯރަންޓް ޕާޓްނަރުންގެ އަދަދު 15 އަށް އިތުރުކޮށް، އެޕަލްގެ ޑިވައިސްތަކަށް ވެސް އެޕްއެއް ތައާރަފު ކުރެވޭނެ އެވެ.
"މާކުންބެ"ގެ ސީއީއޯ އަމާން ބުނި ގޮތުގައި، މާލޭގައި އެއް މަސް ދުވަހު އަޖުމަ ބެލުމަށް ފަހު، ހުޅުމާލެއަށާއި ވިލިމާލެއަށް ވެސް މި ޚިދުމަތް ފުޅާ ކުރާނެ އެވެ. މިހާރު ވެސް އެތަންތަނުގެ ބައެއް ރެސްޓޯރަންޓްތައް ވަނީ މިކަމުގައި ބައިވެރިވުމަށް އެއްބަސްވެފަ އެވެ.
"އަޅުގަނޑުމެންގެ ވަރަށް ޔަންގު ކްރައުޑެއް މިކަމުގައި މި އުޅެނީ. މިކަހަލަ އެޕްއެއް މާކެޓަށް ނެރެފައި އެ ކޮންޓްރޯލް ކުރުމަކީވެސް އަޅުގަނޑުމެންގެ ޒިންމާއެއް. އެހެންވީމާ މަޑު މަޑުން އެކްސްޕޭންޑް ކުރާނީ. މިހެން ގޮސް ތިން މަސް ތެރޭގައި ރާއްޖޭގެ ބޮޑެތި ރަށްރަށަށް ވެސް މި ފުޅާކުރަން އެބަ އޮތް އަޅުގަނޑުމެންގެ ބިޒްނަސް ޕްލޭނުގައި ރޭވިފައި،" އަމާން ބުންޏެވެ.