01 Apr 2016, 10:22
ޕެޝާވަރު (ޕާކިސްތާން)- ޕާކިސްތާނުގެ އެންމެ ބޮޑު އެއް ސިޓީ، ޕެޝާވަރުގައި މީދާ ގިނަވެ އޭގެ އުދަނގޫ ބޮޑުވެ ގިނަ ބައެއްގެ ޝަކުވާތައް އަންނަމުންދާތީ، މީދާ މަރާ މީހުންނަށް ފައިސާގެ އިނާމުދޭން ނިންމައިފި އެވެ.
ޕާކިސްތާނުގެ ހުޅަނދުއުތުރުގައި އޮންނަ އެ ސިޓީގެ މީހުން ބުނާގޮތުން، ގާތްގަނޑަކަށް 12 އިންޗި ހުންނަ މީދާތަކާހެދި އެމީހުން ދިރިއުޅެނީ ވަރަށް އުދަނގުލުގައެވެ.
"މީދާތައް ވަރަށް ބޮޑެތި. ބުޅާތައް ވެސް އެ އެއްޗެހިދެކެ ބިރުގަނޭ. މީދާތައް ދަނީ އަހަރެމެންގެ ކާއެތިކޮޅާ އަންނައުނާ ނުވިތާކަށް ގޭގެ ތަންތަންކޮޅުވެސް ކަމުން،" ޕެޝާވަރުގެ ރައްޔިތެއް ކަމަށްވާ ހަމަދު ޚާން ބުންޏެވެ.
ޕެޝާވަރުގެ މީހުން ބުނާގޮތުން، ރޭގަނޑުގެ ވަގުތުގައި ސިޓީތެރެއަށް ގިނަވެގެން އުޅޭ މީދާތައް ދިރިއުޅެނީ އެ ސިޓީގެ ތެރެއިން ދާގޮތަށް ހަދާފައި ހުންނަ ޖަކްޝަނެއްގެ ތެރޭގައެވެ.
"މީދާތަކުގެ ސަބަބުން އަޅުނގަޑުމެންނަށް އަންނަނީ ތަކުރާރުކޮށް މައްސަލަ ހުށަހެޅެމުން އަދި އެހެންވެގެން އަޅުނގަޑުމެން އިނާމު ކަނޑައަޅަން ނިންމީ،" ޑިސްޓްރިކްޓުގެ މޭޔަރު އަރުބާބް މުހައްމަދު އާސިމް ވިދާޅުވި އެވެ.
ޕެޝާވަރުގެ ގިނަ ސަރަހައްދުތަކުގައި މީދަލަކަށް 25 ރުޕީސް (25 އެމެރިކާ ސެންޓް) ހުށަހަޅާފައިވާއިރު، ބައެއް ހިސާބުތަކުން ވަނީ އެ އަދަދު 300 ރުޕީސް އަށް ވެސް ބޮޑުކޮށްފައެވެ.
"އަޅުނގަޑުމެން އުއްމީދުކުރަން މިކަމުގެ ސަބަބުން [އިނާމުދޭން ނިންމުމުން] މިއުޅޭ ބޮޑެތި މީދާތަކުން ސަލާމަތްވާނެ ކަމަށް،" އާސިމް ވިދާޅުވި އެވެ.
ޕްރޮވިންޝަލް މިނިސްޓަރު އިނާޔަތުﷲ ޚާން ވިދާޅުވީ، މީދާތައް ގިނަވާން މެދުވެރިވި ސަބަބު ހޯދުމަށް އެކަމަށް ހާއްސަ ކޮމެޓީއެއް އެކުލަވާލާފައިވާ ކަމަށެވެ. ނަމަވެސް ސިޓީގެ ރައްޔިތުން ބުނާގޮތުން، މީދާތައް ގިނަވަނީ ވިއްސާރަ މޫސުމުގެ ސަބަބުންނެވެ.
ޚާން އިތުރަށް ވިދާޅުވީ، މީދާތައް އެއްކޮށް ނައްތާލުމަށް ހާއްސަ ޕްލޭނެއް ވެސް އެކުލަވާލުމުގެ މަސައްކަތް އެކަމަށް އުފައްދާފައިވާ ކޮމެޓީން ކުރާނެ ކަމަށެވެ.
ޕާކިސްތާނުގެ ބައެއް މީޑިއާ ރިޕޯޓްތައް ބުނާގޮތުން، ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި މީދާ ދަތް އަޅައިގެން އެ ސިޓީން މަދުވެގެން ފަސް ކުއްޖަކު ވަނީ މަރުވެފައެވެ.
މައުލޫމާތު:އޭއެފްޕީ، ފްރާންސް24