31 Mar 2016, 23:26
ރާއްޖޭގެ ގާނޫނު އަސާސީއާ ގާނޫނުތައް ހުރި ގޮތުން ކުރީގެ ރައީސް މުހައްމަދު ނަޝީދު މިނިވަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އަށް ކޮށްދެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
މެލޭޝިޔާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި ރާއްޖެ ވަޑައިގެން އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގައި ނޫސްވެރިންނާ ބައްދަލު ކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ރާއްޖޭގައި ހެދިފައި ހުރި ގާނޫނުތަކަކީ އެމްޑީޕީގެ މެމްބަރުންގެ ތާއީދު ލިބިގެން ހެދިފައި ހުރި ގާނޫނުތައް ކަމަށެވެ.
"އެމްޑީޕީން އަޅުގަނޑުމެން ގާތު ވިދާޅުވެދެއްވަންވީ އެބޭފުޅުންވެސް ތާއީދު ކުރައްވައިގެން ހައްދަވާފައި އޮތް ގާނޫނު އަސާސީއެއް އެއޮތީ، އެބޭފުޅުން ތާއީދު ކުރައްވައިގެން ހައްދަވާފައިވާ ގާނޫނުތައް އެހެރީ، މި ގާނޫނުތަކުގެ ތެރެއިން ރައީސް ކޮށްދޭންވީ ކީއްތޯ. ނުވަތަ ގާނޫނަށް އިތުރަށް ކޮން ބަދަލެއް ގެނެސްގެންތޯ ރައީސް ނަޝީދުގެ ކަންކަން ހަމަޖެއްސޭނީ އެމްޑީޕީގެ ބޭފުޅުން ވަޑައިގެން އަޅުގަނޑު ގާތު ވިދާޅުވެދެއްވަންވީ،" ރައީސް ޔާމީން ވިދާޅުވި އެވެ.
ރައީސް ޔާމީން ވިދާޅުވީ، ސަރުކާރާ އެކު މަޝްވަރާ ކުރުމަށް ދައުވަތު ދިނީ ރައީސް ނަޝީދުގެ މައްސަލައިގައި ބޭރު ގައުމުތަކުގައި ރައީސުލްޖުމްހޫރިއްޔާއާ ދިވެހި ސަރުކާރު ބަދުނާމުކޮށް ވާހަކަދައްކަމުން ދާތީ ކަމަށެވެ.
"ގާނޫނުތަކުގަައި ކަންތައްތައް ހުއްޓާ، ރައީސްއާ ސަރުކާރު ބަދުނާމުކޮށްފައި ނަޝީދު މިނިވަން ނުކޮށްގެން އުޅެނީ ރައީސް ކަމަށް، ބޭރު ދުނިޔޭގައި އަޑު އުފުލަމުން އެމްޑީޕީގެ ފަރާތުން ދާތީ އަޅުގަނޑުމެން މި ބުނަނީ އަޅުގަނޑުމެންނާ މަޝްވަރާ ކުރަން އަންނާށޭ. އޭރުން މީޑިއާ ކުރިމަތީގައި މިކަން އޮތް ގޮތް ދިވެހި ރައްޔިތުންނަށް އެނގޭނެ. މިހާރު އޮތް ގާނޫނުތަކުން ރައީސުލްޖުމްހޫރިއްޔާ އަށް ކޮށްދެވޭނެ ކަމެއް ނެތް،" ރައީސް ޔާމީން ވިދާޅުވި އެވެ.
ރައީސް ޔާމީން މިހެން ވިދާޅުވިއިރު ސިޔާސީ ޕާޓީތަކާ އެކު ސަރުކާރުން ކުރިއަށް ގެންދަން ނިންމާފައިވާ މަޝްވަރާތައް ވީހާވެސް އަވަހަށް ފެށުމަށް އިތުބާރުއޮތް މާހައުލެއް ގާއިމުކުރުމަށް، ސިޔާސީ ލީޑަރުން މިނިވަން ކުރުމަށް ގޮވާލައި އެމްޑީޕީ އިން ވަނީ ރައީސް ޔާމީނަށް ސިޓީެއް ފޮނުއްވާފަ އެވެ.