އިޚްލާސްތެރި ނައިބު ރައީސަކު ހޯދުމުގެ ފުރުސަތު އެމަނިކުފާނަށް ލިބިވަޑައިގަންނަވަން ޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.

މެލޭޝިއާގެ ބޮޑުވަޒީރުގެ ދައުވަތަކަށް އެގައުމަށް ރައީސް ޔާމީން ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި ރާއްޖެ ވަޑައިގެން، އިބްރާހީމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ)ގައި މިރޭ މީޑިއާތަކާ ބައްދަލުކުރައްވައި ރައީސް ޔާމީން ވިދާޅުވީ، އެމަނިކުފާނަށް ވަގުތުވުމުން ނައިބުރައީސެއްގެ ނަންފުޅު މަޖިލީހަށް ހުށަހަޅުއްވާނޭ ކަމަށެވެ.

ރައީސް ވިދާޅުވީ، މުޅި ގައުމުގެ ހަމެޖެހުމަށް ބަލާއިރު، މުޅި ގައުމުގެ ހަމަޖެހުން އޮތީ ނައިބު ރައީސުންގެ ހުންނަ ސިފަތަކާ ދޭތެރޭގައި ވިސްނާފައި އެފަދަ ބޭފުޅަކު ނެގުން ކަމަށް މިހާރު މުޅި ދިވެހި ރައްޔިތުންނަށް ގަބޫލުކުރެވޭ ކަމަށެވެ. އެގޮތުން އެއް ޒައާމަތެއްގައި ހަތަރު ފަސް ނައިބު ރައީސުން ބަދަލުވުމަކީ ރައްޔިތުންނަށްވެސް ފަސޭހަ ކަމަކަށް ނުވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އެއީ އަޅުގަނޑުގެ އަތް މަތީގައި އޮތް ކަމެއް ދެއްތޯ. އަޅުގަނޑަށް ވަގުތުވެގެން އަޅުގަނޑުވެސް ނައިބު ރައީސުންނާ ދޭތެރޭގައި ހަމަ ވަރަށް ވިސްނާފައި ދެއްތޯ. މުޅި ގައުމުގެ ހަމަޖެހުން އޮތީ ނައިބު ރައީސުންގެ ހުންނަ ސިފަތަކާ ދޭތެރޭގައި ވިސްނާފައި ނެގުން ކަމަށް މިހާރު މުޅި ދިވެހި ރައްޔިތުންނަށް ގަބޫލު ކުރެވޭ ދެއްތޯ. އެހެންވީމަ ދެން އަނެއްކާވެސް މުޅި ގައުމުގެ ހަމެޖެހުމަށް އެއް ޒައާމަތެއްގައި ހަތަރު ފަސް ނައިބު ރައީސުން ބަދަލުވުމަކީވެސް ރައްޔިތުންނަށް ފަސޭހަ ކަމަކަށް ނުވާނެ ދެއްތޯ. އެހެންވީމަ އެވަރުގެ ސިފަތަކެއް ހުރި، އިހުލާސްތެރި ބޭފުޅަކު ހޯދަން މަސައްކަތް ކުރަން ޖެހޭނެ ދެއްތޯ. އެހެންވީމަ އެ ފުރުސަތު އަޅުގަނޑަށް ލިބެންވާނެ ކަމަށް އަޅުގަނޑު ގަބޫލު ކުރަނީ.ރައީސް ޔާމީން

ރައީސް ވިދާޅުވީ، ގައުމު ހިންގުމުގައި ނައިބު ރައީސެއްގެ ދައުރު ނޯންނަކަމަށާއި، ނައިބު ރައީސެއް ހުރުމަކީ ގާނޫނުން ލާޒިމު ކުރާ ކަމެއް ނަމަވެސް، ގައުމު ހިންގާނީ ރައީސް ކަމަށެވެ.

ރައީސް ވިދާޅުވީ، ވަގުތު ވެގެން ނައިބު ރައީސެއްގެ މައްސަލަ މަޖިލީހަށް ފޮނުވާނެ ކަަމަށާއި، ނަމަވެސް އެއަށްވުރެ މުހިންމީ ނައިބު ރައީސް ހިމެނިގެން ހިނގާދިޔަ ޖިނާއީ ބޮޑު މައްސަލައިގެ ތަހުގީގު ނިންމައި ޝަރީއަތަށް ހުށަހެޅި ކަންކަން ނިމިގެން ދިއުން ކަމަށެވެ.

ރައީސް ޔާމީންއާ އެކު ނައިބު ރައީސްކަމަށް ފުރަތަމަ އިންތިހާބުވެ ވަޑައިގަތީ ޑރ. މުހައްމަދު ޖަމީލް އަހްމަދެވެ. ނަމަވެސް 21 ޖުލައި 2015 ވަނަ ދުވަހު ޖަމީލު މަގާމުން ވަކި ކުރުމަށްފަހު ޖެހިގެން އައި ދުވަހު، އޭރު ޓުއަރިޒަމް މިނިސްޓަރު ކަމުގައި ހުންނެވި އަހްމަދު އަދީބު އަބްދުލްޣަފޫރު ވަނީ ނައިބުރައީސްގެ މަގާމަށް އައްޔަން ކުރައްވާފަ އެވެ.

މިދިޔަ ނޮވެމްބަރު މަހު އަދީބު މަގާމުން ވަކި ކުރީ ރިޔާސީލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލައާ ގުޅިގެން ފުލުހުން އަދީބު ހައްޔަރު ކުރުމުންނެވެ. އަދި މިހާރު ވަނީ ރިޔާސީ ލޯންޗުކޮޅު ގޮއްވާލުމުގެ އިތުރުން ހިޔާނާތުގެ ބައެއް ދައުވާތައްވެސް އުފުލައިފައެވެ.