31 Mar 2016, 22:37
މެލޭޝިއާގެ ބޮޑުވަޒީރު ނަޖީބު ރައްޒާގު މިއަހަރު ތެރޭގައި ރާއްޖެއަށް ރަސްމީ ތަތުރުފުޅެއް ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.
މެލޭޝިޔާގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގަންނަވާނެކަން ހާމަކުރައްވާފައި ވަނީ، މެލޭޝިޔާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް ޔާމީން އެނބުރި މާލެ ވަޑައިގެން އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުންނެވެ.
"މެލޭޝިޔާގެ ބޮޑުވަޒީރުވެސް މާ ލަސްތަކެއް ނުވެ، މި އަހަރުގެ ތެރޭގައި ރާއްޖެއަށް ވަޑައިގަންނަވާނެ ކަމުގެ ކަށަވަރުކަން ދެއްވި،" ރައީސް ވިދާޅުވި އެވެ.
ރައީސް ޔާމީން ވިދާޅުވީ، އެމަނިކުފާނުގެ ދަތުރުފުޅަކީ ރާއްޖެއާ މެލޭޝިޔާއާ ދެމެދު އޮތް ވިޔަފާރިތަކުގައި އުފެދިފައިވާ ބައެއް ނުތަނަވަސްކަން ހައްލު ކުރުމަށް އެގައުމުގެ ބޮޑުވަޒީރުގެ ދައުވަތަކަށް ކުރެއްވި ރަސްމީ ދަތުރުފުޅެއް ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ، ފަހަކަށް އައިސް ދެ ގައުމުގެ ދޭތެރޭގައި ގުޅުން ދިޔައީ އެންމެ ރަނގަޅަށް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އެހެންކަމުން ބޮޑުވަޒީރުގެ ޒިޔާރަތަކީ މިހާރު ކޮންމެހެންވެސް ކުރަން ޖެހިފައިވާ ދަތުރެއް ކަމަށް ވިދާޅުވިއެވެ.
"އެހެންވީމަ މި ރަސްމީ ދަތުރަކީ އެކަންކަން ކޮންމެވެސް ކަހަލަ ހައްލަކަށް އައި ދަތުރެއް ކަމަށް އަޅުގަނޑަށް ގަބޫލު ކުރެވެނީ،" ރައީސް ވިދާޅުވި އެވެ.
ރައީސްގެ ދަތުރުފުޅުގައި، މެލޭޝިޔާއަށް ދަތުރުކުރާ ދިވެހިންނަށް 90 ދުވަހަށް އޮންއެރައިވަލް ވިސާ އިތުރުކޮށްދިނުމާ ގުޅޭ ގޮތުން ވަނީ މަޝްވަރާކުރައްވާފަ އެވެ. އަދި ޑިޕެންޑަންޓް ވިސާގެ މައްސަލައަށް ވެސް ރަނގަޅު ހައްލެއް ހޯދުމަށާއި މެލޭޝިޔާގެ ގައުމީ ތެޔޮ ކުންފުނިން ރާއްޖެއަށް ތެޔޮ ވިއްކުމާ ގުޅޭގޮތުންވެސް ވަނީ މަޝްވަރާކޮށްފަ އެވެ.
ރައީސް ވިދާޅުވީ، ރާއްޖެއާ އެކު އެވޮޑެންސް އޮފް ޑަބަލް ޓެކްސޭޝަން އެގްރީމަންޓެއް ހަދަން މެލޭޝިޔާއިން ބޭނުންވާ ކަމަށެވެ.