31 Mar 2016, 22:03
ސިޓީ ކައުންސިލެއްގެ މެންޑޭޓަކީ ހަމައެކަނި ގަބަރުސްތާނާއި ހެރިޓޭޖު ތަންތަން ބެލެހެއްޓުން ނޫން ކަމަށް އައްޑޫ ސިޓީ ކައުންސިލުގެ މެމްބަރުން ވިދާޅުވެއްޖެ އެވެ.
އައްޑޫ ސިޓީ ކައުންސިލްގެ މެމްބަރުން މިރޭ މައްޗަންގޮޅި އަވަށު އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަބްދުﷲ ތޮއްޔިބު ވިދާޅުވީ، ލާމަރުކަޒީ ގާނޫނަށް ސަރުކާރުގެ ފަރާތުން ގެނެސްފައިވާ އިސްލާހުގެ ސަބަބުން ސިޓީ ކައުންސިލުތަކުން ކުރަމުން އައިސްފައިވާ ގިނަ މަސައްކަތްތައް މިނިސްޓްރީތަކުގެ މެންޑޭޓުގެ ތެރެއަށް ގޮސްފައިވާ ކަމަށެވެ.
ތޮއްޔިބު ވިދާޅުވީ، ސިޓީ ކައުންސިލްތަކުގެ މަސައްކަތް މިނިސްޓްރީތަކުގެ ދަށަށް ބަދަލުވުމުގެ ސަބަބުން ރައްޔިތުންނަށް އައްޑޫ ސިޓީ ކައުންސިލުން ދެމުން ގެންދިޔަ ގިނަ ހިދުމަތްތައް މިހާރު "ފަހަތަށް" ޖެހިފައިވާ ކަމަށެވެ.
"އައްޑޫ ސިޓީގައި 67 މިސްކިތް ހުންނައިރު އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ މާލޭގައި ހުންނަ މިނިސްޓަރަށް ކޮންމެ ދުވަހަކު އައްޑޫގައި ހުންނަ މިސްކިތްތަކުގެ ހާލަތު ބެލިދާނެ ކަމަކަށް،" ތޮއްޔިބު ވިދާޅުވި އެވެ.
ތޮއްޔިބު ވިދާޅުވީ، އައްޑޫ ސިޓީ ކައުންސިލުގެ މެމްބަރުން މާލެ އަށް ކުރެއްވި ދަތުރުފުޅުގައި، ގިނަ އަދަދެއްގެ މިނިސްޓްރީތަކަށް ޒިޔާރަތްކޮށް މިނިސްޓަރުންނާއި ބައްދަލުކުރައްވައި އެ ކައުންސިލުގެ ކަންބޮޑުވުންތައް ހިއްސާކޮށްފައިވާ ކަމަށެވެ.
ލާމަރުކަޒީ ގާނޫނަށް ގެނެސްފައިވާ އިސްލާހަކީ ރަނގަޅު އިސްލާހެއް ނޫން ކަމަށް ވަޒީރުން ވެސް ގަބޫލުކުރައްވަމުން އަންނަ ކަމަށްވެސް ތޮއްޔިބު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، އެބޭފުޅުންގެ ދަތުރުފުޅުގައި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާނު ހުސައިން މަނިކާއި ބައްދަލު ކުރެއްވި ކަމަށެވެ.
"އަޅުގަނޑުމެން މިއަދު ޕީޖީ ލީޑަރު ނިހާނާ ބައްދަލުކުރިން. އެބޭފުޅާ ވަރަށް ސާފުކޮށް ވިދާޅުވި ލާމަރުކަޒީ ގާނޫނު ހެއްދެވިއިރު ތިމަންނަމެންނޭ މަޖިލީހުގައި ތިއްބެވީ. ތިމަންނާމެން އަތުގައޭ މެޖޯރިޓީ އޮތީ. ތިމަންނާމެން އޭރު އޮތް ސަރުކާރަށް ބަރު ބޮޑުކުރުމުގެ ގޮތުން އުނދަގޫ ކުރުމުގެ ގޮތުން ގެނައި އިސްލާހެއްގެ ސަބަބުންނޭ މިހެން ވެގެން މިއުޅެނީ،" ތޮއްޔިބު ވިދާޅުވި އެވެ.
ލާމަރުކަޒީ ގާނޫނަށް ގެނެސްފައިވާ އިސްލާހުގެ ސަބަބުން ދިމާވަމުންދާ ދަތިތައް ހިއްސާ ކުރަމުން ތޮއްޔިބު ވިދާޅުވީ، ގެއެއްގެ އިންފާރެއް ވަކި ކުރަން ޖެހުނަސް މިއަދު ސިޓީ ފޮނުއްވަން ޖެހެނީ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒަށް ކަމަށެވެ.
ރައްޔިތުންނާ ގާތުން ހިދުމަތް ދިނުމުގެ ގޮތުން ލާމަރުކަޒީ ގާނޫނެއް ގެނެސްފައިވީ ނަމަވެސް އެ ގާނޫނުން މިއަދު ކައުންސިލުތަކަށް ކުރެވޭ އެއްވެސް މަސައްކަތެއް ނެތް ކަމަށް ތޮއްޔިބު ވިދާޅުވި އެވެ.