ދިރާގުގެ ފިކްސްޑް ނެޓްވޯކް އަޕްގްރޭޑްކޮށް ހިދުމަތުގެ ފެންވަރު މަތިކުރުމުގެ ގޮތުން މިހާރު ހިނގަމުންދާ މަޝްރޫއުގެ 100 ޕަސެންޓު މަސައްކަތް ނިމިފައިވާކަމަށް ދިރާގުން ބުނެފިއެވެ.

އެ މަސައްކަތްތަކާ ގުޅިގެން، ދިރާގުގެ ފިކްސްޑް ބްރޯޑްބޭންޑް އިންޓަނެޓްގެ ހިދުމަތް ހޯއްދަވާ ކަސްޓަމަރުންނަށް ހިދުމަތް ލިބުމުގައި ބޮޑެތި ދަތިތަކެއް ކުރިމަތިވިކަން ދިރާގުން ފާހަގަކުރި އެވެ.

ދިރާގުން ބުނީ އެ މަޝްރޫއު ކުރިޔަށް ގެންދިޔަ ދުވަސްވަރު ކަސްޓަމަރުންގެ ފަރާތުން އެ ކުންފުންޏަށް ދިން ފުރިހަމަ އެއްބާރުލުމުގެ އަގުވަޒަން ކުރުމުގެ ގޮތުން، އެ މަޝްރޫއު ކުރިއަށް ދިޔަ ދުވަސްވަރު ހިދުމަތްތަކަށް ބުރޫއެރި ހުރިހާ ކަސްޓަމަރުންގެ މި މަހުގެ ބިލުން 20 ޕަސެންޓުގެ ޑިސްކައުންޓެއް ދިނުމަށް ނިންމަވާފައިވާ ކަމަށެވެ.

ދިރާގުން ބުނީ، މީގެކުރިން ދިރާގު ކަސްޓަމާ ފުރަންޓް އޮފީސް ހިންގަމުން އައި މެދުޒިޔާރަތް މަގު ސައިޓުގައި ހުރި މުހިންމު ޓެކްނިކަލް އިކުއިޕްމަންޓްތައް އެހެނިހެން ސަރަހައްދު ތަކަށް ބަދަލުކޮށް ނިމިފައިވާ ކަމަށެވެ.

މިކަމާ ގުޅޭ ގޮތުން ވާހަކަދައްކަވަމުން ދިރާގުގެ ކަސްޓަމާ ސާވިސަސް އެންޑް ސޭލްސް ޑިރެކްޓަރު އަލީ ރިޔާޒް ވިދާޅުވީ، ދިރާގުގެ އެންމެ ބޮޑު އަމާޒަކީ ކަސްޓަމަރުންނަށް އެންމެ ފުރިހަމަ ހިދުމަތް ފޯރުކޮށްދިނުން ކަމަށެވެ. އަދި އެކަން ކުރުމުގައި އެ ކުންފުނިން ދަނީ އިންފްރާސްޓުރަކްޗާ ތަރައްގީ ކުރުމާއި އެހެނިހެން ގޮތްގޮތުން ހިދުމަތުގެ ފެންވަރު މަތި ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން ކަމަށް އޭނާ ވިދާޅުވި އެވެ.

"އެގޮތުން މިފަހަރު މި ހިންގުނު ބޮޑު މަޝްރޫއުގެ ސަބަބުން ގިނަ ކަސްޓަމަރުން ތަކަކަށް އޭގެ އަސަރު ކުރިކަމީ އަޅުގަނޑުމެން ހިތާމަކުރާކަމެކެވެ. ނަމަވެސް މިހާރު މި މަސައްކަތް މުޅިން ނިމުމާއިއެކު އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް އަރުވަން ބޭނުންވާ ޔަޤީން ކަމަކީ، ކުރިޔަށް ވުރެވެސް މާ ފުރިހަމަ ހިދުމަތްތަކެއް އިރާދަކުރެއްވިއްޔާ މިހާރު އަޅުގަނޑުމެންނަށް ފޯރުކޮށްދެވިގެންދާނެ،" ރިޔާޒު ވިދާޅުވި އެވެ.

ދިރާގުގެ ފިކްސްޑް ބްރޯޑްބޭންޑް އިންޓަނެޓް ކޭބަލްތައް ބަދަލުކުރުމުގެ މަޝްރޫގެ ދަށުން ދިރާގުގެ ކުރީގެ މައި އޮފީސް ހުރި ސަރަހައްދުން ޕޯސްޓަލް ބިލްޑިންގަށް އެ ކޭބަލްތައް ބަދަލު ކުރުމުގެ މަސައްކަތް މީގެ ހަފްތާއެއްހާ ދުވަސްކުރިން ފެށިއިރު، ދިރާގުން ވަނީ ހަފްތާއެއްހާ ދުވަސްވަންދެން ކޭބަލް ބަދަލުކުރުމުގެ މަސައްކަތް ކުރިއަށްދާނެ ކަަމަށް ބުނެފައެވެ. އެގޮތުން އެ ކޭބަލް ބަދަލުކުރަން ފެށުމާއެކު 2400 ކަސްޓަމަރުންނަށް އެއްފަހަރާ ހިދުމަތް މެދުކެނޑޭނެ ކަމަށް ވެސް އޭރު ދިރާގުން ބުނެފައިވެއެވެ.