އެމްޑީޕީ ސަރުކާރުން ގެންގުޅޭ ސިޔާސަތަކީ ބާރުގެ ބޭނުންކޮށްގެން ރައްޔިތުންނަށް ބިރުދައްކައި ރައްޔިތުންގެ އަޑު އޮއްބައިލައި ރައްޔިތުންގެ ވެރިކަމުގެ ނަމުގައި ޚުދުމުޚުތާރު ވެރިކަމެއް ކުރުން ކަމުގައި ޕީޕަލްސް އެލަޔަންސް (ޕީއޭ) އިން ބުނެފި އެވެ.

ތަކެތީގެ އަގު އުފުލުމާ ދެކޮޅަށް އެތައް ހާސް ބަޔަކު ރޭ މާލޭގައި ކުރި މުޒާހަރާ ރޫޅާލުމުގައި ފުލުހުން ޢަމަލުކޮށްފައިވާ ގޮތް ކުށްވެރިކޮށް ޕީއޭ އިން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައި ވަނީ ސުލްހަވެރިކަމާ އެކު އަޑުއުލުފުލަމުން ދިޔަ މުޒާހަރާގެ ބައިވެރިންނަށް ލިބިގެންދިޔަ އަނިޔާގެ ފުރިހަމަ ޒިންމާ ހޯމް މިނިސްޓަރާއި ފުލުހުންގެ އިސްވެރިން އުފުއްލަވަން ޖެހޭނެ ކަމަށެވެ.

އަދި މިސަރުކާރުން ގެންގުޅޭ ސިޔާސަތަކީ ބާރުގެ ބޭނުންކޮށްގެން ރައްޔިތުންނަށް ބިރުދައްކައި ލިބިފައިވާ ހުރިހާ ވަސީލަތެއް ބޭނުންކޮށްގެން ވެސް ރައްޔިތުންގެ އަޑު އޮއްބައިލައި ރައްޔިތުންގެ ވެރިކަމުގެ ނަމުގައި ޚުދުމުޚުތާރު ވެރިކަމެއްކުރުން ކަމަށް އެ ބަޔާނުގައި ބުނެފަވެ އެވެ.

ޕީއޭ އިން ވަނީ ހިޔުމަން ރައިޓްސް ކޮމިޝަނަށާއި ޕޮލިސް އިންޓަގްރިޓީ ކޮމިޝަނަށް ރޭގައި ހިނގާ ދިޔަ ކަންތައްތައް މިނިވަންކަމާ އެކު ތަހުގީގުކޮށް ރައްޔިތުންނަށް އިންސާފު ހޯދައިދިނުމަށް ގޮވާލާފަ އެވެ. އަދި ސަލާމަތީ ބާރުތަކަކީ ވަކި ސިޔާސީ ވިސްނުމެއްގެ މަސްލަހަތު ޙިމާޔަތްކޮށް ރައްޔިތުންނަށް ލިބިދިނުން ލާޒިމްކުރާ އަސާސީ ހައްޤުތައް ނިގުޅައި ގަތުމަށް ސިޔާސީ ބަޔަކު ބޭނުންކުރާ ވަސީލަތަކަށް ހެދިޔަ ނުދިނުމަށް ސަލާމަތީ ބާރުތަކަށް ޕީއޭ އިން ވަނީ ގޮވައިލައިފަ އެވެ.

"ރޭގެ ފަތިސް ނަމާދު ވަގުތާ ދާދި ކައިރިވެފައި ވަނިކޮށް ސަރުކާރުން މިހިންގި ޖަރީމާ ރަމްޒު ކޮށްދެނީ މިހާރު ސަރުކާރު ހިންގަން ތިބި އިސް ފަރާތްތަކަކީ ރައްޔިތުންގެ އަޑުއަހައި ރައްޔިތުންގެ އިޙްސާސްތައް ދެނެގަތުމަށް ބޭނުންނުވާ އަދި ކެތްތެރިކަމާ އެކު ރައްޔިތުންގެ އަޑުއެހުމުގެ ޤާބިލުކަން ވެސް ލިބިފައިވާ ބައެއް ނޫން ކަން،" ޕީއޭގެ ބަޔާނުގައި ބުނެފައިވެ އެވެ.

ޕީއޭގެ ބަޔާނުގައި ވަނީ ރައްޔިތުންނަށް ދިމާވެފައި ގިލަންވެރިކަމުން ސަލާމަތް ކޮށްދިނުމަށް ހަޤީޤަތާ ޚިލާފު ފޮނި ވާހަތަކެއް ދައްކައި ރައްޔިތުންނަށް އޮޅުވައިލުމުގެ ބަދަލުގައި އިޚްލާސްތެރިކަމާ އެކު ސިޔާސީ ވިސްނުމުން އެއްކިބާވެ ތިބެ އިޤްތިސާދީ ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ވެސް މި ސަރުކާރަށް ގޮވާލާފަ އެވެ.