ފުރާވަރު އުމުރުގެ ކުދީންނަށް އަމާޒު ކޮށްގެން، ކުދިން ޝައުޤުވެރިވާ ގޮތަށް، އިސްލާމީ ރިވެތި އަޚްލާޤާއި އާދަކާދައިގެ މައްޗަށް ބިނާވެފައިވާ އިބްރަތްތެރި ވާހަކަ ލިޔުމުގެ މުބާރާތެއް ބޭއްވުމަށް އިސްލާމިކް މިނިސްޓްރީން ނިންމައިފި އެވެ.

އެ މިނިސްޓްރީން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނީ އެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފައިވާ ކަމަށެވެ.

"މުބާރާތަށް ހުށަހަޅާ ވާހަކަތަކުން، ބޮޑެތިވަމުން އަންނަ ކުދިންނަށް އިސްލާމީ މުޖްތަމައުގެ ތެރޭގައި ހުންނަންޖެހޭ އަދަބުތައްކަމުގައިވާ، މައިންބަފައިންނަށް ކަމޭ ހިތުން، މުދައްރިސުންނަށް އިހުތިރާމުކުރުން، އަމުރުވެރިންނަށް ކިޔަމަންވުން، ބޮޑެތި މީހުންނަށް އިހުތިރާމުކުރުން، އަވަށްޓެރިންނަށް އިހުތިރާމުކުރުން، ކުޑަކުދިންނަށް އޯގާތެރިވުން، މަގުމަތީގެ އަދަބުތަކުގައި ހިފެހެއްޓުން ފަދަ ކަންކަން އެނގި ދަސްވުމާއި، ކީރިތި ރަސޫލާގެ ސީރަތުންނާއި އަސްހާބުންނާއި ތާބިޢީން ފަދަ ބޭބޭކަލުންގެ ދިރިއުޅުއްވުމުން ލިބެންޖެހޭ އިބްރަތްތެރިކަން ލިބިގަތުން ހިމެނެއެވެ." އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ އެ މުބާރާތުން އެއްވަނަ ހޯދާ ފަރާތަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމެއް ލިބިގެންދާނެ ކަމަށެވެ. އެ އިނާމު ލިބޭނީ މަތީދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމު، 2016 ވަނަ އަހަރު ދިނުމަށް ހަމަޖެހިފައިވާ ދާއިރާތަކުގެ ތެރެއިން، "ސަރުކާރުން ކަނޑައަޅާ ފެންވަރަކަށް މަސައްކަތެއް ކުރުން ނުވަތަ އެއްޗެއް އުފެއްދުން" އެ ދާއިރާއިން ކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

މުބާރާތުން ވަނަތައް ހޯދާ ފަރާތްތަކަށް މިނިސްޓްރީން ދޭ އިނާމު:

  • އެއްވަނަ އަށް-/10000ރ. (ދިހަހާސް ރުފިޔާ)
  • ދެވަނަ އަށް-/7500 ރ. (ހަތްހާސް ފަސްސަތޭކަ ރުފިޔާ)
  • ތިންވަނަ އަށް-/5000 ރ. (ފަސްހާސް ރުފިޔާ)

އިސްލާމިކް މިނިސްޓްރީން ބުނީ އެ އިނާމުތަކުގެ އިތުރުން ވެސް އެންމެ ގިނަ މާކުސް ލިބޭ ފަސް ވާހަކަ ހުށަހެޅި ކޮންމެ ފަރާތަކަށް 3000 ރުފިޔާ (ތިންހާސް ރުފިޔާ) ގެ އިނާމެއް ކަނޑައެޅިފައިވާ ކަމަށެވެ.

އެ މިނިސްޓްރީން ބުނީ އެ މުބާރާތުގައި ބައިވެރިވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އަންނަ ޖުލައި މަހުގެ 31 ވަނަ ދުވަހުގެ މެންދުރު 2:00ގެ ކުރިން މުބާރާތުގައި ބައިވެރިކުރާ ވާހަކަފޮތާއި އެ މިނިސްޓްރީން މުބާރާތަށް ދޫކުރާ ފޯމު ފުރިހަމަ ކުރުމަށްފަހު ހުށަހަޅަންޖެހޭނެ ކަމަށެވެ.