މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން ދައުރުހަމަވާ ހަ މެންބަރުންގެ މަގާމަށް އައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ހުށަހެޅުއްވި ނަންތަކުގެ ތަރުތީބު، މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީން ބެއްލެވުމަށްފަހުއެބޭފުޅުންނަށް މާކްސް ލިބިވަޑައިގެންނެވި ގޮތުންބަދަލުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވި ހަ ނަންފުޅުގެ ތޭރޭން އެންމެ ފުރަތަމަ އިސްކަން ދެއްވާފައި އޮތީ، މިހާރުވެސް އެ ކޮމިޝަންގެ ރައީސްކަން ކުރައްވާ މުހައްމަދު ޝަހީބަށެވެ. ނަމަވެސް ކޮމިޓީން މާކްސް ދެެއްވި ގޮތުން އޭނާގެ ނަން ވަނީ ދެވަނައަށް ވެއްޓިފައެވެ.

ބްރޯޑްކާސްޓިން ކޮމިޝަނަށް ކުރިމަތިލެއްވި 23 ބޭފުޅުންނާ އިންޓަވިއުކުރެއްވުމަށް ފަހު ތައުލީމާ މަސައްކައްތުގެ ތަމްރީނަށް ބެލުމުން އެއްވަނަ ލިބެނީ، ގ. ހިލްމަން މަރިޔަމް ވަހީދާ އަށެވެ. އޭނާއަށް ލިބިވަޑައިގަތީ 81.3 އިންސައްތަ މާކުހެވެ. ޝަހީބަށް ލިބިވަޑައިގަތީ 80.2 އިންސައްތަ މާކުހާއެކު ލިސްޓުގެ ދެވަނަ އެވެ.

ރައީސް މަޖިލީހަށް ހުށަހެޅުއްވި ލިސްޓުގެ ތަރުތީބަށް ބަލާއިރު އެންމެ ފުލުގައި އޮތީ މަރިޔަމް ވަހީދާގެ ނަންފުޅެވެ.

މާކްސް ލިބިވަޑައިގެންނެވިގޮތުގެ ތަރުތީބު

  1. މަރިޔަމް ވަހީދާ، ގ. ހިލްމަން - 81.3 ޕަސެންޓް މާކްސް.
  2. މުޙައްމަދު ޝަހީބު، ހ. ރީތިގަސްދޮށުގެ - 80.2 ޕަސެންޓް މާކްސް.
  3. ޒީނާ ޒާހިރު، ގދ. ގައްދޫ، އަތީރީގެ - 79.3 ޕަސެންޓް މާކްސް.
  4. އާމިނަތު ސަހާރަތު ޢިއްޒަތު، ގ. ގޮފި - 77.3 ޕަސެންޓް މާކްސް.
  5. ފާޠިމަތު ޒައިނާ، ކ. ދިއްފުށި، ހުވަނދުމާގެ - 76.8 ޕަސެންޓް މާކްސް.
  6. އިސްމާއީލް ޞަފްވާން، ޅ. ހިންނަވަރު ފަހަލަ - 68.8 ޕަސެންޓް މާކްސް.

ކޮމިޓީގެ ނިންމުމުގައި ވާގޮތުން، ކޮމިޝަންގެ މެމްބަރުކަމަށް ގާބިލުވާނީ، 75 ޕަސެންޓް މާކްސް ލިބުމުންނެވެ. 75 ޕަސެންޓަށްވުރެ މަތިން މާކްސް ލިބިވަޑައިގެންނެވީ ފަސް ބޭފުޅުންނަަށް ކަމަށް ކޮމިޓީގެ ރިޕޯޓުގައި ވެއެވެ.

މި ބޭފުޅުން އައްޔަންކުރުމަށް މަޖިލީހުގެ ރުހުން ހޯދުމަށް ތަޅުމުގައި ވޯޓަށް އަހާނީ ކޮންމެ ބޭފުޅަކަށްވެސް ވަކިވަކީންނެވެ. އެގޮތުން 75 ޕަސެންޓަށްވުރެ މަތީން މާކްސް ލިބިވަޑައިގެންނެވި ބޭފުޅަކު ނުހޮވިއްޖެނަމަ މާކްސް ލިބިވަޑައިގެންފައިވާ ތަރުތީބުން ދަށް މާކްސް ލިބިފައިވާ ބޭފުޅުންނަށް ވެސް ވޯޓަށް އަހާނެއެވެ.

ކޮމިޓީން މާކްސް ދިނުމުގައި ބެލި ކަންތައްތައް

  • ތައުލީމާއި ތަމްރީން
    • ތައުލީމީ ފެންވަރު
    • މަސައްކަތު ތަމްރީނު
  • މަސައްކަތުގެ ތަޖުރިބާ
    • ހިންގުމުގެ އެންމެ އިސް ފަންތީގެ ތަޖްރިބާ
    • ހާސިލްކޮށްފައިވާ ލަނޑުދަނޑިތައް
  • ގާބިލުކަމާއި ހުނަރު
    • ލީޑަރޝިޕް
    • އިންޓަވިއު އަދި ޕްރެޒެންޓޭޝަން
  • ނަޒާހަތްތެރިކަން