އެތުލެޓިކްސް ސިންތެޓިކް ޓްރެކް އެޅުމުން ރާއްޖޭގައި ބައިނަލްއަގުވާމީ އެތުލެޓިކްސް މުބާރާތްތައް ބޭއްވުމުގެ ފުރުސަތު ތަނަވަސްވެގެންދާނެ ކަމަށް އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް މުހައްމަދު ތޮލާލް ވިދާޅުވެއްޖެ އެވެ.

މިދިޔަ ހޯމަ ދުވަހު ބޭއްވި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ)ގެ އަހަރީ އާންމު ޖަލްސާގައި ކުޅިވަރާބެހޭ ވަޒީރު އަހްމަދު ޒުހޫރު ވިދާޅުވެފައިވާ ގޮތުގައި، މިއަހަރު ތެރޭ ހުޅުމާލޭގައި އެތުލެޓިކްސް ސިންތެޓިކް ޓްރެކެއް އެޅިގެންދާނެ އެވެ.

އެތުލެޓިކްސް އެސޯސިއޭޝަންގެ ރައީސް ތޮލާލް ސަންއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އެ ހަބަރަކީ އެތުލެޓިކްސްއަށް ވަރަށް އުފާވެރި ހަބަރެއް ކަމަށާއި އެކަމުން ރާއްޖޭގެ އެތުލެޓިކްސްއަށް ގިނަ ކުރިއެރުންތަކެއް ލިބުމުގެ މަގު ފަހިވެގެންދާނެ ކަމަށެވެ.

"ސިންތެޓިކް ޓްރެކެއް އެޅުމުން އަޅުގަނޑުމެންނަށް ގިނަ ކާމިޔާބީތަކެއް ހޯދޭނެ. މިހާރު ބޮޑު ހަރަދުތަކެއް ކޮށްފައި ތަމްރީންތައް ހެދުމަށް ދާން މިޖެހެނީ އެހެން ގައުމުތަކަށް. އަޅުގަނޑުމެންގެ އެތުލެޓިކްސް ކޯޗުންގެ ފެންވަރު ވަކި ދަށެއް ވެސް ނޫން. ސިންތެޓިކް ޓްރެކް އެޅުމުން އަޅުގަނޑުމެންނަށް ރާއްޖޭގައި ބައިނަލްއަގުވާމީ މުބާރާތްތައް ބޭއްވުމުގެ ފުރުސަތު ވެސް ތަނަވަސްވެގެންދާނެ،" އޭނާ ވިދާޅުވި އެވެ.

ތޮލާލް ވިދާޅުވީ، ހުޅުމާލޭގައި އަޅާ ސިންތެޓިކް ޓްރެކްގައި ފަރިތަކުރުންތައް ކުރިއަށް ގެންދިއުމާއެކު އެތުލީޓުންގެ ފެންވަރު ވަރަށް ބޮޑުތަން ކުރިއަރާނެ ކަމަށާއި އޭގެ އިތުރުން ވެސް ރާއްޖޭގެ އެތުލެޓިކްސްއަށް ގިނަ މަންފާތަކެއް ކުރާނެ ކަމަށެވެ.

އަންނަ ޖުލައި މަހު ކުރިއަށްގެންދާ މައިލޯ އެޓޯލް އިންޓަސްކޫލް އެތުލެޓިކްސް މީޓްގައި ފުރަތަމަ ފަހަރަށް ރާއްޖޭގައި އިލެކްޓްރޯނިކް ފިނިޝް ސިސްޓަމް ބޭނުންކުރުމަށް ވެސް އެތުލެޓިކްސް އެސޯސިއޭޝަނުން ވަނީ ނިންމައިފަ އެވެ.