31 Mar 2016, 17:23
މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)އިން ކޮންމެ އަހަރަ ދެމުން އަންނަ ނޫސްވެރިކަމުގެ އިނާމަށް ޖުމްލަ 60 އެޕްލިކޭޝަން ހުށަހަޅައިފި އެވެ.
އެންމެ ގިނަ ނޫސްވެރިން ކުރިމަތިލީ އިޖުތިމާއީ ދާއިރާއަށެވެ. އިޖުތިމާއީ ދާއިރާއާ ގުޅޭ ނޫސްވެރިކަމުގެ އުފެއްދުންތަކަށް އެވޯޑު ހޯދުމަށް ކުރިމަތިލާފައި ވަނީ 21 ނޫސްވެރިއެކެވެ.
ޖުމްލަ ހަތް ދާއިރާއަކުން ވާދަ ކުރުމަށް ހުޅުވާލި ފުރުސަތު މިއަދު 2:00އަށް ހަމަވިއިރު، ނޫސްވެރިކަމުގެ އެވޯޑަށް ދެ ވަނައަށް އެންމެ ބޮޑަށް ވާދަވެރިކަން ބޮޑީ ސިޔާސީ ދާއިރާގެ ނޫސްވެރިކަމުގެ މަސައްކަތަށެވެ. އެ ދާއިރާއިން އެވޯޑު ހޯދުމަށް 11 ފަރާތަކުން ކުރިމަތިލާފައިވެ އެވެ.
ތިން ވަނަ އަށް އެންމެ ވާދަވެރިިކަން ބޮޑީ ވިޔަފާރި އާއި އިގްތިސާދުގެ ދާއިރާއަށާއި ކުޅިވަރުގެ ދާއިރާއަށެވެ. އެ ދެ ދާއިރާއިންކުރެ ކޮންމެ ދާއިރާއަކުން އަށް ނޫސްވެރިން އެވޯޑަށް ކުރިމަތިލާފައިވެ އެވެ.
ކޯޓާއި ޝަރުއީ ދާއިރާގެ ނޫސްވެރިކަމުގެ މަސައްކަތަށް އެވޯޑު ހޯދުމަށް ހަތަރު ނޫސްވެރިއަކު ކުރިމަތިލާފައިވާއިރު، ފޮޓޯ ޖާނަލިޒަމްގެ ދާއިރާއިން ހަ ނޫސްވެރިއަކު ކުރިމަތިލާފައިވެ އެވެ. އެންމެ މަދުން ނޫސްވެރިން ކުރިމަތިލާފައި ވަނީ ވީޑިއޯ ޖާނަލިޒަމްގެ ދާއިރާއިންނެވެ. އެ ދާއިރާއިން އެވޯޑު ހޯދުމަށް ހުށަހަޅާފައި ވަނީ ދެ ނޫސްވެރިއެކެވެ.
ނޫސްވެރިކަމުގެ އެވޯޑަކީ 2014 ވަނަ އަހަރުން ފެށިގެން މޯލްޑިވްސް މީޑިއާ ކައުންސިލުން ދެމުން އަންނަ އެވޯޑެކެވެ. އެ އެވޯޑުގެ މަގުސަދަކީ މިނިވަން ނޫސްވެރިކަން ދެމެހެއްޓުމަށް ބާރު އެޅުމާއި ނޫސްވެރިންގެ މަސައްކަތަށް ހިތްވަރު ދިނުމުގެ ގޮތުން ބާއްވާ އެވޯޑެކެވެ.