31 Mar 2016, 17:12
ސިއްހީ ހިދުމަތް ދިނުމުގައި އިހުމާލުވި ކަމަށް ބުނެ ހުށަހެޅޭ މައްސަލަތައް ބަލައި، އިހުމާލުވާ މުވައްޒަފުން ވަޒީފާއިން ވަކި ކުރުން ފަދަ ހަރުކަށި ފިޔަވަޅު އަޅަން ނިންމާފައިވާ ކަމަށް ހެލްތު މިނިސްޓަރު އިރުތިޝާމް އާދަމް ވިދާޅުވެއްޖެ އެވެ.
ހެލްތު މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން، މިނިސްޓަރު އިރުތިޝާމް ވިދާޅުވީ ރާއްޖޭގައި ސިއްހީ ފަރުވާ ދޭ ތަންތަނުގެ ޑޮކްޓަރުންނާއި ނަރުހުންގެ އިތުރުން ޓެކްނީޝަނުންނާ ބެހޭ ޝަކުވާތައް އެ މިނިސްޓްރީއަށް ލިބެމުންދަ ކަމަށާއި، އެފަދަ މައްސަލައެއް ހުށަހެޅިއްޖެ ނަމަ އެއީ ހިދުމަތުގެ ފެންވަރާއި ގުޅޭ ކަމެއްގެ ގޮތުގައި، މިނިވަން ތަހުގީގެއްގެ ގޮތުގައި ބަލާނެ ކަމަށެވެ.
"އެއްވެސް ހާލަތެއްގައި ރައްޔިތަކަށް ގެއްލުމެއް ލިބި، ކޭސްއެއް ފައިލު ކުރެވިއްޖިއްޔާ އެ ވާނީ ކޮލިޓީ އެޝުއަރަންސް ކަމަކަށް. އިންޑިޕެންޑެންޓް އިންކުއަރީއެއްގެ ގޮތުގައި އެ ކޭސް ރިވިއުކޮށް، ހިނގައިދިޔަ ގޮތް ބަލާނެ. އިންޑިޕެންޑެންޓް އޮޕިނިއަންއެއް އޮންނަން ވާނެ،" މިނިސްޓަރ ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ، ސިއްހީ ފަރުވާ ދިނުމުގައި ގެއްލުމެއް ވީ، ހިދުމަތް ދިން މީހާގެ އިހުމާލެއް ވެގެންތޯ، ނުވަތަ ގުދުރަތީ ގޮތުންތޯ ނުވަތަ ސިއްހީ ގޮތުން ދިމާވި ހާލަތެއްތޯ ކަށަވަރު ކުރަން ޖެހޭ ކަމަށެވެ.
އަދި އެކަން ކަށަވަރުކޮށް ބަލައި، އިހުމާލެއް ވާ ފަރާތެއް ވާ ނަމަ ހަރުކަށި ފިޔަވަޅު އެޅޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"އެއްވެސް ކޭސެއްގައި އިހުމާލެއް އޮތް ނަމަ ފިޔަވަޅު އަޅައި، އެބޭފުޅަކަށް ރެޖިސްޓްރޭޝަން ވިތުޑްރޯ ކުރެވޭނެ. ބޭރުގެ ބޭފުޅެއް ކޮންޓްރެކްޓް އުސޫލުން ވަޑައިގެން އުޅުއްވާ ނަމަ، އެބޭފުޅާއަށް ފިޔަވަޅު އަޅައި ސަސްޕެންޑުކޮށް، ވަޒީފާއިން ވަކި ކުރަން ހަމަޖައްސާފައި ވަނީ،" މިނިސްޓަރު ވިދާޅުވި އެވެ.
ދާދި ފަހުން ވަނީ މާލެއާއި އަތޮޅު ތެރޭގައި ސިއްހީ ފަރުވާ ދިނުމުގެ ތެރޭގައި ހިނގި ބޮޑެތި ހާދިސާތަކެއް ފެންމަތި ވެފަ އެވެ. އޭގެ ތެރޭގައި މީހެއްގެ ގަޔަށް ނުބައި އިންޖެކްޝަނެއް ޖެހި ހާދިސާއަކާއި، ސިޒޭރިއަން ހެދި މީހަކު ހޭނާރައި ގިނަ ދުވަސްތަކެއް ވުން ފަދަ ހާދިސާ ހިމެނެ އެވެ.
މިނިސްޓަރު ވިދާޅުވީ، ކުއްލިއަކަށް އެފަދަ ހާދިސާތަކެއް އެއްފަހަރާ ފެންމަތިވި ސަބަބާއި މެދު ސުވާލު އުފެދޭ ކަމަށާއި، ހުރިހާ ހާދިސާއެއް ވެސް އުފެދެނީ "ޕޮއިންޓް އޮފް އިވެކުއޭޝަން" ގައި ނުވަތަ ބަލިމީހާ އެއްތަނުން އަނެއް ތަނަށް އިވެކުއޭޓް ކުރެވޭ ހާލަތުގައި ކަމަށެވެ.
"މިނިސްޓްރީ އޮފް ހެލްތާއި އެމްއެންޑީއެފްއާ އެއްބާރުލުމުގެ ދަށުން ސީ އެމްބިއުލަންސް އޮޕަރޭޝަންތައް ކުރަނީ. އާސަންދައިގެ ދަށުން އިވެކުއޭޝަންގެ ކަންތައްތައް ކުރިޔަށް ގެންދަނީ. ހެލްތުން ގިނަ ބައެއްގެ އެއްބާރުލުމާއި އެކު މިފަދަ ހިދުމަތްތައް ދެނީ،" މިނިސްޓަރ ވިދާޅުވި އެވެ.