01 May 2011, 15:05
ރޭ މާލޭގައި ބޭއްވި މުޒާހަރާގެ ހަބަރުތައް ގެނެސް ދިނުމަށް މަސައްކަތް ކުރި ބައެއް ނޫސްވެރިންގެ މޫނަށް ފުލުހުން ކަރުނަގޭސް ޖެހިކަމަށާއި ބައެއް ނޫސްވެރިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަން ފާހަގަކޮށް، ނޫސްވެރިން، ނޫސްވެރިންގެ ގޮތުގައި ޒިންމާދާރުކަމާ އެކު މަސައްކަތް ކުރުމަށާއި އެފަދަ މުޒާހަރާތައް ކަވަރު ކުރުމުގެ ފުރުސަތު ގައުމީ ދިފާއީ ބާރުތަކުން ނޫސްވެރިންނަށް ދިނުމަށް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން [އެމްޖޭއޭ] އިން ގޮވާލައިފި އެވެ.
ރޭ ހިނގި ކަންތައްތަކާ ގުޅިގެން އެމްޖޭއޭ އިން މިއަދު އާއްމުކުރި ބަޔާނެއްގައި ބުނެފައިވާ ގޮތުގައި ދުވަހު ނޫސް ހަވީރުގެ ނޫސްވެރިއަކާއި ސަން މީޑިއާގްރޫޕްގެ ނޫސްވެރިޔަކާއި އެ މުއައްސަސާގެ ވެބްޑިވެލޮޕާ، ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަން އެ ޖަމިއްޔާ އިން ވަނީ ފާހަގަކޮށްފަ އެވެ. އަދި ބައެއް ނޫސްވެރިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ އެ މީހުންނަކީ ނޫސްވެރިންކަން އެނގޭ ގޮތަށް ފާސްވެސް އަޅައިގެން ތިއްބާކަން ވެސް އެމްޖޭއޭގެ ނޫސްބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.
ނޫސްވެރިން، ނޫސްވެރިންގެ ގޮތުގައި ޒިންމާދާރުކަމާ އެކު މަސައްކަތް ކުރުމަށް އެމްޖޭއޭގެ ބަޔާނުގައި ހަނދާންކޮށްދީފައިވާ އިރު ރޭގެ މުޒާހަރާއާ ގުޅިގެން އެވެސް ނޫސްވެރިއަކު ޒިންމާދާރުކަން ކުޑަގޮތަކަށް މަސައްކަތްކޮށްފައިވާ ކަން ނުވަތަ ނުވާކަން އެބަޔާނުގައި ފާހަގަކޮށްފައެއްނުވެ އެވެ.