31 Mar 2016, 16:07
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ދަތުރުފުޅުކުރެއްވި ރިޔާސީ ލޯންޗުކޮޅު "ފިނިފެންމާ" ގައި އެއްޗެއް ގޮއްވާލި ހާދިސާއާ ގުޅިގެން ދައުވާ އުފުލާފައިވާ މއ. ކުރިކީލަގޭ އަހްމަދު ފަޔާޒު އަލީ ރިޒާގެ ބަންދުގެ މުއްދަތު އަނެއްކާވެސް 15 ދުވަހަށް އިތުރުކޮށްފިއެވެ.
ފަޔާޒުގެ ބަންދަށް 15 ދުވަސް އަނެއްކާވެސް އިތުރުކުރީ މިއަދުއެވެ.
ޝަރީއަތް ނިމެންދެން ފަޔާޒުގެ ބަންދާމެދު ގޮތެއް ނިންމުން އަންނަ މަހުގެ 10 ވަނަ ދުވަހު ބާއްވާ ޝަރީއަތުގެ މަޖިލީހުގައި އޮންނާނެ ކަމަށް ކްރިމިނަލް ކޯޓުން ވަނީ ބުނެފައެވެ.
ފަޔާޒުގެ މައްޗަށް ދެ ދައުވާއެއް ދައުލަތުން ވަނީ އުފުލާފައެވެ. އެއީ ގާނޫނު ތަންފީޒު ކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްދުގައި ހުރަސްއެޅުމުގެ ކުށުގެ ދައުވާ އާއި އަދުލު އިންސާފު ގާއިމްކުރުމަށް ހުރަސްއެޅުމުގެ ދައުވާއެވެ.
އެ ދެ ދައުވާ އަށް އޭނާ ވަނީ އިއްޔެ އިންކާރު ކުރައްވާފައެވެ.