ޓަސްކަނީ (މާޗް 31):ތަފާތު ބަލިތަކުގައި ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ދިޔަ ތޭރަ މީހަކު މަރާލުމުގެ ތުހުމަތުގައި އިޓަލީގެ ނަރުހަކު ހައްޔަރުކޮށްފައިވާ ކަމަށް އެގައުމުގެ ފުލުހުން ބުނެފި އެވެ.

'ކިލާ އޮން ދަ ވާޑް"ގެ ނަން ދީފައިވާ އެމައްސަލަ ބަލަމުންދާ ފުލުހުން ބުނި ގޮތުގައި އެ ނަރުސް މީހާ މަސައްކަތް ކުރަމުން އައީ އިޓަލީގެ ޓަސްކަން ރީޖަންގައި ހުންނަ ހޮސްޕިޓަލެއްގެ، މީހުން ހޭނައްތާ އަދި އިންޓެންސިވް ކެއާ ޔުނިޓުގަ އެވެ.

އެ ނަރުސް މީހާ ހައްޔަރު ކުރީ އޭނާ މޮނިޓާ ކުރާތާ މަސްތަކެއް ފަހުން ކަމަށް ފުލުހުން ބުންޏެވެ. އޭނާ ހައްޔަރު ކުރީ އިއްޔެގެ ވަގުތެއްގައި އިޓަލީގެ ހެލްތް އެންޑް ޑްރަގްސްއަށް ހާއްސަ ފުލުހުންގެ ޔުނިޓު ކަމަށްވާ އެންއޭއެސް އިންނެވެ.

އިޓަލީގެ މީޑިއާތަކުން ބުނާ ގޮތުގައި އެނަރުސް މީހާ ބަލި މީހުން މަރާފައި ވަނީ މަސްތުވާއެއްޗެއް ދީގެން 2014އާއި 2015އާ ދޭތެރޭގަ އެވެ. މަރާލި މީހުންގެ ތެރޭގައި ގިނައީ އެކި ބަލިތައް ޖެހިފައިވާ އުމުރުން ދުވަސްވީ މީހުންނެވެ.

އަންސާ ނިއުސް އޭޖެންސީން ބުނީ ހައްޔަރުކޮށްފައިވާ މީހާގެ އުމުރަކީ 55 އަހަރު ކަމަށެވެ. އަދި އޭނާ ޓަސްކަނީގައި ދިރިއުޅެން ފެށީ 1980ގެ އަހަރުތަކުގައި ކަމަށެވެ.

މިމަހުގެ ކުރީކޮޅު އިޓަލީން ވަނީ 78 އަހަރުގެ ބަލި މީހަކު މަރާލުމުގެ ކުށުގައި އެހެން ނަރުހަކު އުމުރަށް ޖަލަށް ހުކުމް ކޮށްފަ އެވެ. އޭނާ އިތުރު މީހުން މެރި ކަމަށްވެސް ތުހުމަތުކޮށްފައިވެ އެވެ. އަދި މަރުވެފައިވާ މީހުންނާ އެކު އޭނާ ނަގާފައިވާ ފޮޓޯތަކެއް ވަނީ އާއްމުވެފަ އެވެ. (ބީބީސީ)