31 Mar 2016, 17:03
މައިލޯ އެޓޯލް އިންޓަސްކޫލް އެތުލެޓިކްސް މީޓްގައި އިލެކްޓްރޯނިކް ފޮޓޯ ފިނިޝް ސިސްޓަމް ޓެސްޓް ކުރުމަށް އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ނިންމައިފި އެވެ.
އިލެކްޓްރޯނިކް ފޮޓޯ ފިނިޝް ސިސްޓަމް މިހާރު ރާއްޖެ ގެނެސްފައިވާއިރު، މިއީ ރާއްޖޭގައި މި ސިސްޓަމް ބޭނުންކުރާނެ ފުރަތަމަ ފަހަރެވެ.
އެތުލެޓިކްސް އެސޯސިއޭޝަންގެ ރައީސް މުހައްމަދު ތޮލާލް ސަންއަށް މައުލޫމާތުދެއްވަމުން ވިދާޅުވީ، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ)ގެ އެހީތެރިކަމާއެކު ރާއްޖެ ގެނެސްފައިވާ އިލެކްޓްރޯނިކް ފޮޓޯ ފިނިޝް ސިސްޓަމްއާއެކު އެތުލެޓިކްސްއަށް ގިނަ ފައިދާތަކެއް ލިބިގެންދާނެ ކަމަށެވެ.
"މި ސިސްޓަމަކީ ބައިނަލްއަގުވާމީ މުބާރާތްތަކުގައި ބޭނުންކުރާ ސިސްޓަމެއް. ސްޕްރިންޓްތަކުގައި އަޅުގަނޑުމެން ކުރިން މެނުއަލްކޮށް ޓައިމިންތައް ބަލަނީ. އެހެންވެގެން އައިއޭއޭއެފްގައި އެ ޓައިމިންތައް ރަޖިސްޓްރީއެއް ނުކުރެވޭ. ނަމަވެސް މި ސިސްޓަމް އިން ޓައިމިންތައް ނަގަން ފެށުމުން ރަޖިސްޓްރީ ކުރެވޭނެ. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އެޓޯލް އިންޓަސްކޫލް އެތުލެޓިކްސް މީޓްގައި މި ސިސްޓަމް ޓެސްޓްކުރާނަން،" އޭނާ ވިދާޅުވި އެވެ.
ތޮލާލް ވިދާޅުވީ، އެޓޯލް އިންޓަސްކޫލް އެތުލެޓިކްސް މީޓްގައި ސިސްޓަމް ޓެސްޓްކުރުމަށް ފަހު ދައްކާ ނަތީޖާތަކަށް ބެލުމަށްފަހު ކުރިއަށް ހުރި މުބާރާތްތަކުގައި ސިސްޓަމް ބޭނުންކުރާނެ ކަމަށާއި ބޭނުންވާ ޓެކްނިކަލް ސަޕޯޓާއި ބޭނުންވާ ސޮފޮޓްވެއާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މިއީ އެތުލެޓިކްސްއަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މައިލޯ އެޓޯލް އިންޓަސްކޫލް އެތުލެޓިކްސް މީޓް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ޖުލައި މަހުގެ 21 އިން ފެށިގެން 24 ވަނަ ދުވަހުގެ ނިޔަލަށް ޏ. ފުވައްމުލަކުގައެވެ.