31 Mar 2016, 16:05
މިނިސްޓްރީ އޮފް ހެލްތުގެ ދަށުން ހިންގާ ނޭޝަނަލް ހެލްތު ލެބޯރަޓަރީ މިހާރަށް ވުރެ ބޮޑަށް ތަރައްގީ ކުރަން ނިންމާފައިވާ ކަމަށް ހެލްތު މިނިސްޓްރީން ހާމަކޮށްފި އެވެ.
ހެލްތު މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން، ހެލްތު މިނިސްޓާ އިރުތިޝާމް އާދަމް ވިދާޅުވީ، ނޭޝަނަލް ހެލްތު ލެބޯރަޓޮރީން މިހާރު ދަނީ ކާބޯތަކެއްޗާއި، ފެނާއި އަދި ބޭހުގައި ޖެހޭ މައްސަލަތައް ބެލުމަށް ފިޒިކަލް، ކެމިކަލް އަދި މައިކްރޯބަޔޮލޮޖިކަލް ތަހުލީލުތައް ކުރަމުން ކަމަށެވެ. އަދި ރާއްޖޭގެ ލެބުން ހެދެން ނެތް ތަހުލީލުތައް، އެކްރެޑިޓުކުރެވިފައިވާ ބޭރުގެ ލެބުތަކަށް ފޮނުވައި އޭގެ ނަތީޖާ ގެނެސްފައިވާ ކަމަށް އިރުތިޝާމް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ، މަހުގެ ބާވަތްތަކާއި ކާނާގެ ބާވަތްތައް ބަންދުކުރާ ފަރާތްތަކާއި، ރިސޯޓުތަކާއި، ފެން ޕްލާންޓާއި ފެން ފުޅި ބަންދު ކުރާ ފަރާތްތައް މިހާރު ވެސް އެ ލެބުގެ ޚިދުމަތް ހޯދާ ކަމަށާއި، ރާއްޖޭގެ ބައެއް އިދާރާތަކުން ވެސް، ލެބުގެ މަސައްކަތްތައް ބަލައިގެންފައިވާ ކަމަށެވެ.
ނޭޝަނަލް ހެލްތު ލެބޯރަޓޮރީ ހުންނަނީ ހެލްތު މިނިސްޓްރީ ހިންގާ އިމާރާތް ކަމުގައިވާ ރޯޝަނީ ބިލްޑިންގަ އެވެ.
މިނިސްޓާ އިރުތިޝާމް ވިދާޅުވީ، ޑިމާންޑު އިތުރުވެފައިވާ އިރު، ލެބުގެ މަސައްކަތްތައް ވެސް ދަނީ ފުޅާވެފައި ކަމަށެވެ. ނަމަވެސް ލެބުގެ ސްކޯޕު ބޮޑުކުރެވެން އޮތީ އެތަން ތަރައްގީ ކޮށްގެން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"ލެބްގެ މަސައްކަތްތައް ތަރައްގީ ކުރުމަށް އިތުރަށް ޖާގަ ހޯދައި، ލެބޯރަޓޮރީގައި މަސައްކަތް ކުރާ ބޭފުޅުންނަށް ތަމްރީނު ދީ، އިކުއިޕްމެންޓާއި މެޝިނަރީ، ބޭރުގެ އެކްރެޑިޓް ވެފައިވާ ތަންތަނާއި މިންގަނޑުތަކަށް ކެލިބްރޭޓް ކުރުމުގެ މަސައްކަތް ކުރެވޭނެ،" އިރުތިޝާމް ވިދާޅުވި އެވެ.
މިނިސްޓަރ ވިދާޅުވީ ލެބު ތަރައްގީ ކުރުމުގެ މަސައްކަތް ކުރުމަށް ރޭވިފައި ވަނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާއާއި ބައިނަލްއަގުވާމީ އެހެނިހެން ފަރާތްތަކުގެ އެހީ ހޯދައިގެން ކަމަށެވެ.
ރާއްޖޭގެ ގައުމީ ހެލްތު ލެބަކީ، 2008 ވަނަ އަހަރު، ބައިނަލްއަގްވާމީ މިންގަނޑަށް ފެތޭ ތަނެއް ކަމަށް ކަނޑައެޅިފައި ތަނެކެވެ. އަދި އެ ލެބުގެ އޮޑިޓެއް އެންމެ ފަހުން ހެދިފައިވަނީ މިއަހަރުގެ ޖަނަވަރީ މަހު އެވެ.