31 Mar 2016, 15:41
އިބްރާހީމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ)ގައި މިދިޔަ އަހަރުގެ މާރިޗު މަހު މުޒާހަރާ ކުރި މީހުންގެ މައްޗަށް، އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ ސާބިތުވެ، ތިން މަހަށް ޖަލަށްލުމަށް ކުރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
ކްރިމިނަލް ކޯޓުން ކުރި ހުކުމްގައި ބުނެފައި ވަނީ އެ މީހުންގެ މައްޗަށް އެ ހުކުމް ތަންފީޒު ކުރަން ފަށާނީ ތިން އަހަރު ފަހުން ކަމަށެވެ. ހުކުމް ތަންފީޒު ކުރަން ފެށުމުގެ ކުރިން ކުށެއްކޮށްފިނަމަ ޖަލަށްލެވޭނެ ކަމަށް ހުކުމްގައި ބުނެފައިވެ އެވެ.
ޖުމްލަ 15 މީހެއްގެ މައްޗަށް އެއާޕޯޓުގައި މުޒާހަރާކޮށްގެން އުފުލި ދައުވާގައި ބުނެފައިވަނީ މިދިޔަ މާރިޗު މަހުގެ ފަސް ވަނަ ދުވަހު އިބްރާހީމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގެ އިންޓަނޭޝަނަލް ޓާމިނަލްގެ ޑިޕާޗާ ހޯލް ކުރިމައްޗަށް ރައީސް ނަޝީދުގެ ޕޯސްޓަރުތައް ހިފައިގެން އެއްވެ ރައީސް ނަޝީދު މިނިވަންކުރުމަށް ގޮވާލާފައިވާތީ ކަމަށެވެ.
އެމީހުންގެ މައްޗަށް އެ ދައުވާ އުފުލާފައި ވަނީ ސުލްހަވެރިކަމާ އެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނުގެ 24 ވަނަ މާއްދާގެ ހަތް ވަނަ ނަންބަރާ ހަވާލާދީ ގާނޫނުލް އުގޫބާތުގެ 88 ވަނަ މާއްދާގެ (ހ) ގެ ދަށުންނެވެ.
އެމައްސަލަ ބަލައި ނިންމައި މިއަދު ކުރި ހުކުމުގައި ބުނެފައިވަނީ މައްސަލާގައި ދައުވާ ލިބޭ 15 މީހުންގެ ތެރެއިން މީގެ ކުރިން އެއްވެސް ޝަރީއަތުގެ މަޖިލީހަކަށް ހާޒިރުވެފައި ނުވާ މ. ނިރޮޅު އާމިނަތު ޝާނީޒު ސައީދުގެ މައްސަލަ ބެލިފައިނުވާ ކަމަށެވެ.
ތިން މަހަށް ޖަލަށްލުމަށް ހުކުމްކުރި މީހުން
- މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރު، ޝިފާ މުހައްމަދު
- ޏ. ފުވައްމުލައް، މިސްކިތްމަގު، ދޯނާޑު، ޒަހުރާ މޫސާ
- މ. ނިވްހިލްމަން، ޝަމީމާ އާދަމްފުޅު
- ހ. ވެޔޮވިލާ، ޝަފިއްއާ ޒުބައިރު
- މއ. ނާރިނގުގޭ، މުހައްމަދު އިބްރާހީމް މަނިކު
- ސ. ހުޅުދޫ ކަޅުމަގިގޭ، މަރިޔަމް ޒުބައިރު
- ސ. ހިތަދޫ ޝެޑިއުލަސް، ޚަދީޖާ ޝާދިޔާ
- މާލޭ ދަފްތަރު 5866 ފާތިމަތު ރަޝީދު
- ހ. ޓިވެގާލައިޓް، ފަރީޝާ އަހްމަދު
- މ. ތަންތާރަ، އާމިނަތު ޒިމްނާ
- ގ. އާކާޝްވިލާ، އާމިނަތު ޒާހިރާ
- ގ. ދުވާފަރު، އާއިޝަތު މަމްދޫހާ
- މއ. ބީޗްހައުސް، އާމިނަތު ދުމައިނާ އިރުޝާދު
- މ. ފެހިފަތް، ޔުމްނާ
މައްސަލައިގައި ދައުވާ ލިބޭ އަނެއް 14 މީހުންގެ މައްޗަށް ކުރި ހުކުމުގައި ފާހަގަ ކޮށްފައިވާ ނުކުތާތަކުގައި ބުނެފައިވަނީ ދައުލަތުން ހުށަހަޅާފައިވާ ހެކިބަހުން އެއާޕޯޓުގައި އެމީހުން މުޒާހަރާކުރިކަން ސާބިތުވާ ކަމަށެވެ. އަދި ދިފާއީ ހެކިންގެ ހެކިބަހުންވެސް އެމީހުން އެއާޕޯޓުގެ އެސަރަހައްދަށް އެއްވިކަން އެނގޭކަމަށް ފާހަގަކޮށްފައިވެ އެވެ.
ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނުގައި ވާގޮތުން ގާނޫނު މަނާކުރާ ތަނަކަށް އެއްވެވޭނީ ފުލުހުންގެ ހުއްދަ ލިބިގެނެނެވެ. އެއާޕޯޓުގައި މުޒާހަރާ ކުރި މީހުން އެތަނަށް އެއްވީ ފުލުހުންގެ ހުއްދަ ލިބިގެންކަން ދައްކުވައިދޭ އެއްވެސް އެއްޗެއް ހެކިންގެ ހެކިބަހުންވެސް އެނގެން ނެތް ކަމަށް މިއަދު ކުރި ހުކުމުގައި ވަނީ ބުނެފަ އެވެ. އަދި ދައުލަތުން ހުށަހެޅި ހެކިންގެ ހެކިބަސް ނަފީ ކުރެވޭނެ ފަދަ ދިފާއީ އެއްވެސް ހެއްކެއް ހުށަހެޅިފައި ނުވާ ކަމަށް ހުކުމުގައިވެ އެވެ.
ތިންމަސް ދުވަހަށް ޖަލަށްލާން ހުކުމް ކުރި ނަމަވެސް އެ ހުކުމް ތަންފީޒު ކުރާނީ ތިން އަހަރު ފަހުން ކަމަށް ގާޒީ ވަނީ ކަނޑައަޅާފަ އެވެ. އަދި އެމުއްދަތުގެ ތެރޭގައި ކުށެއް ކުރިކަން އެއްވެސް ޝަރީއަތަކަށް ސާބިތުވެއްޖެ ނަމަ ޖަލު ހުކުމް ތަންފީޒުކުރަން ޖެހޭގޮތަށް ވެސް ވަނީ ކަނޑައަޅާފަ އެވެ.
އެއާޕޯޓުގައި މުޒާހަރާ ކުރި މީހުން ތިންމަސް ދުވަހަށް ޖަލަށްލާން ހުކުމް ކޮށްފައިވަނީ ކުރީގެ ގާނޫނުލްއުގޫބާތުގެ 88 ވަނަ މާއްދާގެ (ހ) ގެ ދަށުންނެވެ. ނަމަވެސް މިހާރުގެ ގާނޫނުލްއުގޫބާތުގައި ލުއި އަދަބެއް ކަނޑައަޅާފައިވާތީ ކުރީގެ ގާނޫނުލްއުގޫބާތުގައި ބުނާ ހަމަސް ދުވަހުގެ ޖަލު ހުކުމް ތިން މަސް ދުވަހަށް ކުޑަކުރީ ކަމަށް ގާޒީ ވިދާޅުވި އެވެ.