01 Apr 2016, 13:54
މިފަހަރުގެ ނެޝަނަލް އެވޯޑުގައި އެންމެ މޮޅު ބަތަލާގެ އެވޯޑު ލިބުނު ކަންގަނާ ރަނާވަތަކީ ބޮލީވުޑުގެ ކާމިޔާބު އެއް ވާހަކަ ކަމަށް، ކުޅަދާނަ ޑައިރެކްޓަރު ހަންސަލް މެހެތާ ބުނެފި އެވެ.
"އަލީގަރް" އަދި "ޝާހިދު" ފަދަ ކާމިޔާބު ފިލްމުތައް ޑައިރެކްޓް ކޮށްފައިވާ ހަންސަލް ބުނެފައި ވަނީ ކަންގަނާ އަކީ ސުމަކުން ފަށައިގެން އެންމެ އުހަށް ދަތުރު ކުރި ހިތްވަރުގަދަ ތަރިއެއް ކަމަށެވެ.
"އަބަދުވެސް އަހަރެން ބުނާ ވާހަކައެއް އެއީ. ކަންގަނާ އަކީ ބޮލީވުޑުގެ ކާމިޔާބު އެއް ވާހަކަ. ސުމަކުން ފަށައިގެން ހީރޯއަކަށް އޭނާ ވަނީ ގޮސްފައި. އަހަރެން ވަރަށް އުފާވޭ އޭނާއަށް ލިބޭ ކާމިޔާބީތަކަށް،" ހަންސަލް ބުނެފައިވެ އެވެ.
"ތަނޫ ވެޑްސް މަނޫ ރިޓާރންސް" އިން ކަންގަނާއަށް މި އަހަރު ގައުމީ އެވޯޑު ލިބުނު އިރު، މިދިޔަ އަހަވެސް ފިލްމު "ކުއީން"ގައި އޭނާ ކުޅެދިން ރޯލަށް ވަނީ ގައުމީ އެވޯޑު ލިބިފަ އެވެ.
ހަންސަލްގެ ކުރިއަށް އޮތް ފިލްމު "ސިމްރަން"ގައި ފެނިގެން ދާނީ ކަންގަނާ އެވެ.
ހަންސަލް މެހެތާއަށް ވެސް ވަނީ އޭނާގެ ފިލްމު "ޝާހިދު" އިން އެންމެ މޮޅު ޑައިރެކްޓަރުގެ ގައުމީ އެވޯޑު ލިބިފަ އެވެ. ކުރިއަށް އޮތް ގައުމީ އެވޯޑުގައި "އަލީގަރް" ވެސް ބައިވެރިކުރާނެ ކަމަށް ހަންސަލް ވަނީ ބުނެފަ އެވެ.