31 Mar 2016, 15:49
މާލޭގެ ހުޅަނގު ފަރާތުގައި ހަދާފައިވާ ރަސްފަންނު އާންމުންނަށް ހުޅުވާލީ އެތަނުގެ ފެންގަނޑު ޓެސްޓު ކުރުމަށްފަހު، ސިއްހީ މިންގަނޑުތަކަށް ބަލައި އެތަނުގެ ފެނުގައި ނަޖިސްކަމެއް ނެތް ކަމަށް ފެނުމުން ކަމަށާއި، ދެން އެތަން ހުޅުވާލުމުން ވެސް ދިގު މުއްދަތަކަށް ފެންގަނޑު ޓެސްޓު ކުރަމުން ގެންދާނެ ކަމަށް ހެލްތު މިނިސްޓްރީން ބުނެފި އެވެ.
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ މަސައްކަތްތަކާ ބެހޭގޮތުން މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، "ސަން"އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު އިރުތިޝާމް އާދަމް ވިދާޅުވީ، ރަސްފަންނު އާންމުކޮށް ސަރުކާރުން ހުޅުވައިލީ، އެންވަޔަރަމެންޓް ޕްރޮޓެކްޝަން އޭޖެންސީ އާއި ހައުސިން މިނިސްޓްރީ އާއި އެމްޑަބްލިއުއެސްސީ އާއި އެމްއެފްޑީއޭގެ އިތުރުން އެޗްޕީއޭއިން ވެސް ޓެސްޓުތަކެއް ހެދުމަށް ފަހު ކަމަށެވެ.
މިނިސްޓަރު އިރުތިޝާމް ވިދާޅުވީ، އާންމުން ބޭނުންކުރުން މިހާރު މަނާކޮށްފައިވާ ރަސްފަންނުގެ މޫދުގެ ސަރަހައްދު އެންމެ އަވަހަކަށް އާންމުންނަށް ހުޅުވައިލުމުން ވެސް ގަވައިދުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއިން ޓެސްޓު ކުރަމުން ދާނެ ކަމަށެވެ. އެގޮތުން، އަހަރެއްހާ ދުވަސް ވަންދެން ގަވައިދުން ފެންގަނޑު ޓެސްޓު ކުރަމުން ދާނެ ކަމަށް އިރުތިޝާމް ވިދާޅުވި އެވެ.
މާޗް 27، 2016: ހެލްތު މިނިސްޓަރ އިރުތިޝާމް އާދަމް -- ސަން ފޮޓޯ/ ފަޔާޒު މޫސާ
ރަސްފަންނުގެ މޫދަށް އެރުން އާންމުކޮށް މަނާ ކުރެވުނީ އެ ސަރަހައްދުގައި އޮންނަ ނަޖިސް ހޮޅިއެއް ފަޅައިގެން ދިއުމުގެ ސަބަބުން، އެސަރަހައްދުގައި މޫދަށް އެރުމަކީ ރައްކާތެރި ކަމެއް ނޫން ކަމަށް ބެލެވިގެންނެވެ.
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ޑިރެކްޓަރ ޖެނެރަލް ޝަރީފާ އާދަމް މަނިކު ވިދާޅުވީ، 20 މާޗު ވަނަ ދުވަހު އެ މައްސަލަ ދިމާވި ދުވަހުން ފެށިގެން ކޮންމެ ދުވަހަކު ވެސް ރަސްފަންނުގެ މޫދުގެ ފެންގަނޑު އެއް ފަހަރު ނުވަތަ ދެ ފަހަރަށް ޓެސްޓު ކުރަމުންދާ ކަމަށެވެ. އަދި އެތަނުގެ ފެންގަނޑުގެ ޓެސްޓުތަކަށް ބަލައި، މިންގަނޑުތަކާ އަޅައި ބަލާއިރު ރައްކާތެރި ކަމަށް ފެންނަހާ އަވަހަކަށް އެތަން ރައްކާތެރި ކަމަށް ސެޓިފައި ކުރާނެ ކަމަށް ޝަރީފާ ވިދާޅުވި އެވެ.
"އަދި ރައްކާތެރި ތަނެއްގެ ގޮތުގައި ސެޓިފައި ނުކުރަން. ޑަބްލިއުއެޗްހޯގެ ގައިޑްލައިނުތަކާއި މިންގަނޑުތަކަށް ބަލާފައި، ވަކި އަދަދަކަށް ޓެސްޓު ކުރުމަށްފަހު ޖެހިޖެހިގެން ރަނގަޅު ނަތީޖާ ލިބުމުން ރައްކާތެރި ކަމަށް ސެޓިފައި ކުރާނީ،" ޝަރީފާ ވިދާޅުވި އެވެ.
ޝަރީފާ ވިދާޅުވީ، ރަސްފަންނަކީ އާންމުން މޫދަށް އެރި އުޅުމަށް ރައްކާތެރި ތަނެއްގެ ގޮތުގައި އެންމެ ފުރަތަމަ ސެޓިފައި ކުރީ، އެމްއެެފްޑީއޭގައި ހުރި ހުރިހާ ވަސީލަތަކުން ވެސް ނަތީޖާ ދެއްކި ގޮތުން، އެތަން ރައްކާތެރި ކަމަށް ދައްކާތީ ކަމަށެވެ.
"11 ޖަނަވަރީން ފެެށިގެން 15 މާޗާ ހަމައަށް ކޮންމެ ދުވަހަކު ހެން ޓެސްޓު ކުރަން. މޫދަށް އެރޭ ހުރިހާ ދިމާލަކާއި ތޮށިިގަނޑުގެ ބޭރުން ވެސް ޓެސްޓު ކުރިން،" ޝަރީފާ ވިދާޅުވި އެވެ.
ޝަރީފާ ވިދާޅުވީ، އެމްއެފްޑީއޭއިން އޭރުވެސް، އަދި މިހާރުވެސް ހެދި ތަހުލީލުތަކުން ބެލީ އެތަނުގެ ފެނުގައި ނަޖިހުގެ އަސަރު ހުރޭތޯ ކަމަށެވެ.
"ކުރިއަށް ކުރިމަތިވެދާނެ ހާލަތެއް އަޅުގަނޑުމެންގެ ޓެސްޓުތަކަކުން ނުފެންނާނެ. އެ ޓެސްޓުތައް ކުރި އިރު އެ ފެނުގެ ހުރި ހާލަތު، އަދި އެތަން ރައްކާތެރިތޯ ނުވަތަ ނޫންތޯ، އަޅުގަނޑުމެންގެ ޓޭސްޓުތަކުން ދައްކާނީ،" ޝަރީފާ ވިދާޅުވި އެވެ.
މާލޭ ހުޅަނގު ފަރާތުގައި ހައުސިންގ މިނިސްޓްރީ، އެމްއާރުޑީސީ އަދި އެމްޓީސީސީ ގުޅިގެން ހެދި ގޮނޑުދޮށް "ރަސްފަންނު" ރަސްމީކޮށް ހުޅުވީ މިއަހަރުގެ ފެބްރުއަރީ މަހުގެ ހަތްވަނަ ދުވަހު އެވެ.