31 Mar 2016, 17:07
މާރިޗު މަހާ އެކު ބޮކްސް އޮފީހުގެ ފުރަތަމަ ކުއާޓަރުވެސް މިވަނީ ނިމުމަކަށް އައިސްފަ އެވެ. ބޮލީވުޑަށް ބަލައިލާއިރު، މި އަހަރު ފެށިގެން އައީ ކާމިޔާބު ފިލްމުތަކަކާ އެކީ އެވެ. އެހެންކަމުން މިއީ ބޮލީވުޑަށްވެސް ކާމިޔާބު އަހަރަކަށް ވާނެ ކަމަށް ފިލްމީ ދާއިރާ ދިސާރާ ކުރާ ފަރާތްތަކުން ވަނީ ބުނެފަ އެވެ.
މި އަހަރު ނުކުތް ފިލްމުތަކުގެ ތެރެއިން އެންމެ ބޮޑު ކާމިޔާބެއް ހޯދި ފަސް ފިލްމަށް ބަލައިލާނަމެވެ.
1. އެއާލިފްޓް
ބޮކްސް އޮފީހުގައި ލިބުނު ފައިދާ:127.80 ކްރޯޑު

ޖެނުއަރީ 22 ވަނަ ދުވަހު ރިލީޒްކުރި އެއާލިފްޓަށް ބޮކްސްއޮފީހުގައި 127.80 ކްރޯޑު ލިބުނު އިރު، އެއީ މި އަހަރު ތެރޭގައި 100 ކްރޯޑު ރުޕީސް އަށްވުރެ ބޮޑު އާމްދަނީއެއް ލިބުނު ހަމައެކަނި ފިލްމެެވެ. އަކްޝޭ ކުމާރުގެ ހުނަރު ވަރަށް ފުރިހަމައަށް ދައްކުވައިދިން އެ ފިލްމަށް އެހާބޮޑު ކާމިޔާބެއް ލިބިފައި ވަނީ ފިލްމުގެ ވާހަކައިގެ އިތުރުން ފިލްމު ގެނެސްދީފައިވާ ފުރިހަމަ ކަމުންނެވެ. އަދި ރާޖާ ކްރިޝްނާ ޑައިރެކްޓް ކުރި އެއާލިފްޓަކީ ދުވަސްގަނޑަކަށް ފަހު އިންޑިއާގައި ނެރުނު ގައުމީ ރޫހު އާލާވާ ކަހަލަ ފިލްމު ކަމަށްވެސް ގިނަ ބަޔަކު ގަބޫލު ކުރެ އެވެ.
2. ނީރްޖާ
ބޮކްސް އޮފީހުގައި ލިބުނު ފައިދާ:75.21 ކްރޯޑް

ހަގީގީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ރާމް މަދްވާނީ ޑައިރެކްޓް ކުރި ނީރްޖާ އަކީ މިއަހަރު މިހާތަނަށް ނެރުނު ދެވަނައަށް އެންމެ ކާމިޔާބު ފިލްމެވެ. އަސަރުގަދަ ވާހަކައަކަށް އުފެއްދި ފިލްމުގައި ކުޅަދާނަ ބަތަލާ ސޯނަމް ކަޕޫރު ވަނީ މޮޅު އެކްޓިން އެއް ދައްކުވައިދީފަ އެވެ. ފިލްމު ކާމިޔާބުވެގެން ދިޔައީވެސް ވާހަކައިގެ އަސަރު ފިލްމުން ފެނިގެން ދިއުމުން ކަމަށް ދިރާސާ ކުރާ ފަރާތްތަކުން ބުނެ އެވެ. ގިނަ ބަޔަކު ރޮއްވާލި ފިލްމު އަދިވެސް އަންނަނީ ސިނަމާ ތަކުގައި ދައްކަމުންނެވެ.
3. ކަޕޫރް އެންޑް ސަންސް
ބޮކްސް އޮފީހުގައި ލިބުނު ފައިދާ:60.92 ކްރޯޑް

ކަރަން ޖޯހަރުގެ ކަޕޫރު އެންޑް ސަންސް އަކީ އެންމެ ކުރު މުއްދަތެއްގައި އެންމެ ބޮޑު ކާމިޔާބީއެއް ހޯދި ފިލްމެވެ. މި މަހުގެ 18 ވަނަ ދުވަހު ރިލީޒް ކުރި އެ ފިލްމަށް މިހާތަނަށް 60.92 ކްރޯޑު ލިބިފައިވާއިރު، ފިލްމު އަދިވެސް އަންނަނީ ސިނަމާ ތަކުގައި ދައްކަމުންނެވެ. އަދި ކުރިއަށް އޮތް ތަނުގައި ފިލްމަށް ލިބޭ ފައިދާ ބޮޑުތަން އިތުރުވާނެ ކަމަށްވެސް ބެލެވެ އެވެ. އާލިއާ ބަޓް، ސިދާރްތު މަލޯތުރާ އަދި ފަވާދް ހާންގެ ހުނަރު އެންމެ ފުރިހަމައަށް ފެނިގެންދާ އެ ފިލްމަކީ އިންޑިއާ އިން ބޭރުގައި މިއަހަރުގެ މިހާތަނަށް އެންމެ ބޮޑު ކާމިޔާބެއް ހޯދި ފިލްމުވެސްމެ އެވެ.
4. ވަޒީރު
ބޮކްސް އޮފީހުގައި ލިބުނު ފައިދާ:42 ކްރޯޑު

އަމީތާބު ބައްޗަން އާއި ފަރްހާން އަހްތަރު އެކުގައި ފެނިގެން ދިޔަ ވަޒީރަކީ އެ ދެ ތަރިންގެވެސް އެންމެ ކާމިޔާބު ފިލްމު ކަމުގައި ބުނެވޭކަށް ނެތެވެ. ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވި ނަމަވެސް، އެ ފިލްމު މިވަނީ މި އަހަރު މިހާތަނަށް ނުކުތް އެންމެ ކާމިޔާބު ފިލްމުތަކުގެ ލިސްޓުން ޖާގަ ހޯދާފަ އެވެ.
5. މަސްތީޒާދޭ
ބޮކްސް އޮފީހުގައި ލިބުނު ފައިދާ:38.42 ކްރޯޑު

ތުޝާރު ކަޕޫރު އަދި ސަނީ ލިއޯން އެކުގައި ފެނިގެން ދިޔަ ކޮމެޑީ ފިލްމުވެސް ވެފައިވަނީ މި އަހަރުގެ ކާމިޔާބު ފިލްމެއްގެ ގޮތުގަ އެވެ. ފާޑުކިޔުންތެރިންގެ ހޫނު ބަސްތައް ރައްދުވި ނަމަވެސް އެއީ ބެލުންތެރިންނަށް ކަމުދިޔަ ފިލްމަކަށް ވަނީ ވެފަ އެވެ.