ފިލްމު އެވޯޑު ހިންގުމުގެ އެެއްބަސްވުމެއްގައި ޕަބްލިކު ސާވިސް މީޑިއާ (ޕީއެސްއެމް) އާއެކު މޯލްޑިވްސް ފިލްމު އެސޯސިއޭޝަން (އެމްއެފްއޭ) އިން ސޮއިކޮށްފި އެވެ.

ޓީވީއެމްގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ޕީއެސްއެމްގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގު ޑިރެކްޓަރު އާމިނަތު ޝާޔަން ޝާހިދު އެވެ. އެމްއެފްއޭގެ ފަރާތުން ސޮއި ކުރެއްވީ އެ އެސޯސިއޭޝަންގެ ޗެއާޕާސަން އަދި އިހަވަންދޫ ދާއިރާ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ) އެވެ.

ފިލްމު އެވޯޑު ހިންގުމުގެ އެެއްބަސްވުމުގައި ސޮއި ކުރުމަށް މިއަދު ޓީވީއެމްގައި ބޭއްވި ރަސްމިއްޔާތުގައި އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގު ޑިރެކްޓަރު ވާހަކަ ދައްކަވަނީ --- ސަން/ފޮޓޯ: ފަޔާޒް މޫސާ

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިންގު ޑިރެކްޓަރު ވިދާޅުވީ، ކެމެރާ ކުރިމަތީ އަދި ފަހަތުގައި މަސައްކަތް ކުރާ މީހުންގެ އަގު ވަޒަން ކުރާ ހަމައެކަނި އެވޯޑަކީ ފިލްމު އެވޯޑު ކަމަށެވެ. އަދި މިފަހަރުގެ ފިލްމު އެވޯޑު ހިންގުމަށް ޕީއެސްއެމް އިން ގަސްތު ކުރީ، ފިލްމީ ދާއިރާ ކުރިއެރުވުމަށް އެންކުފުނީގެ މަގުސަދެއް އޮތީމަ ކަމަށްވެސް ޝާޔަން ވިދާޅުވި އެވެ.

"ހަމައެކަނި ކުރިމަތީގަ ތިބޭ މީހުންނެއް ނޫން. ފަހަތުގައި ތިބޭ މީހުން ޓްރެއިން ކުރުމާއި މިކަހަލަ ކިތަންމެ ކަމެއް އަޅުގަނޑުމެން ޕީއެސްއެމް އިން ހިންގަން ނިންމާފައި ވާނީ،" ޝާޔަން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ކުރިއަށް އޮތް ތާނގައި އެމްއެފްއޭ އާއެކު އެފަދަ އެހެނިހެން އެއްބަސްވުމުގައި ސޮއި ކުރާނެ ކަމަށެވެ. އަދި އެފަދަ ކަންކަމުގައި ޕީއެސްއެމްގެ ފުރިހަމަ އެއްބާރުލުން އެމްއެފްއޭ އަށް ލިބިގެންދާނެ ކަމުގެ ޔަގީންކަން ޝާޔަން ދެއްވި އެވެ.

ފިލްމު އެވޯޑު ހިންގުމުގެ އެެއްބަސްވުމުގައި ސޮއި ކުރުމަށް މިއަދު ޓީވީއެމްގައި ބޭއްވި ރަސްމިއްޔާތުގައި އެމްއެފްއޭ ގެ ޗެއާ ޕާސަން އަދި އިހަވަންދޫ ދާއިރާ މެމްބަރު ވާހަކަ ދައްކަވަނީ --- ސަން/ފޮޓޯ: ފަޔާޒް މޫސާ

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މުހައްމާ ވިދާޅުވީ، ފިލްމު އެވޯޑު ހިންގުމަށް ޕީއެސްއެމް އިން އިސްނެގުމާ ގުޅިގެން ފިލްމު އުފައްދާ ފަރާތްތަކަށް ވަރަށް ބޮޑު ހިތްވަރެއް ލިބިގެން ދާނެ ކަމަށެވެ.

"އަޅުގަނޑަށް ހަމަގައިމު ވެސް ވަރަށް ބޮޑު ހިއްވަރެއް ލިބިގެން ހިނގައްޖެ މިކަމުގެ ސަބަބުން. އަޅުގަނޑު ގަބޫލު ކުރަނީ، މި ދާއިރާގައި މަސައްކަތް ކުރާ ޕްރޮޑިއުސަރުންނަށް އިތުރު ހިއްވަރެއް މިކަމުގެ ސަބަބުން ލިބިގެންދާނެ ކަމަށް،" މުހައްމާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ކެމެރާގެ ފުރަގަ އާއި ކުރިމަތީގައި ހަރަކާތްތެރިވާނެ އާ ފަންނާނުން ބިނާ ކުރުމަށް ކުރިއަށް އޮތްތާނގައި ޕީއެސްއެމްއާއެކު ވަރަށް ބުރަކޮށް މަސައްކަތް ކުރާނެ ކަމަށެވެ.

"ކުރިއަށް އޮތް ތާނގައި ސައިން ކުރެވޭ އެގްރީމެންޓު ވެގެންދާނީ ވަރަށް ސަޕްރައިސް އެގްރީމެންޓެއް ކަމަށް އަޅުގަނޑު ގަބޫލު ކުރަނީ. މިއަދު އެންމެ ބޮޑަށް ދެކެވޭ ވާހަކަ އަކީ ކެމެރާ ކުރި މައްޗަށް މަސައްކަތް ކުރާނެ ވަރަށް ރީތި އަންހެން ބޭނުންވާ ވާހަކަ... އިރާދަ ކުރެއްވިއްޔާ ދެން ކުރެވޭ އެއްބަސްވުމުގެ ދަށުން އަޅުގަނޑުމެންނަށް އެ މަގުސަދު ހާސިލް ވެގެންދާނެ،" މުހައްމަދު އަބްދުﷲ ވިދާޅުވި އެވެ.