ކަލްކަޓާ (މާޗް 31): އިންޑިއާގެ ކަލްކަޓާގައި އިމާރާތް ކުރަމުންދާ އޮވާހެޑް ބްރިޖެއް ވެއްޓުމުގެ ސަބަބުން 10 މީހަކު މަރުވެ، އެތައް ބަޔަކު ބްރިޖުގެ ދަށުވެފައިވާ ކަމަށް އެގައުމުގެ ފުލުހުން ބުނެފި އެވެ.

އިމާރާތް ކުރާތާ ފަސް އަހަރުވެފައިވާ އެ ބުރިޖު ވެއްޓުނީ ބްރިޖުގެ ދަށުން ދަތުރު ކުރަމުން ދިޔަ އުޅަނދުތަކުގެ މައްޗަށް ކަމަށް ސާޖެންޓު ސައުރަވް ބެނެރުޖީ ވިދާޅުވި އެވެ. އަދި ކޮންކްރީޓުގެ ދަށުގައި 100 އަށް ވުރެ ގިނަ މީހުން ތާށިވެފައިވާ ކަމަށް ލަފާ ކުރެވޭ ކަމަށް ބެނެރުޖީ ވިދާޅުވި އެވެ.

ތާށިވެފައިވާ މީހުންގެ ތެރޭގައި އާއްމުންގެ އިތުރުން ބުރިޖުގައި މަސައްކަތް ކުރަމުން ދިޔަ މީހުން ހިމެނޭ ކަމަށް ލަފާ ކުރެވޭ ކަމަށް ވެސް ކަލްކަޓާގެ ފުލުހުން ވިދާޅުވި އެވެ.

އަލިފާން ނިއްވާ ފަރާތްތަކުންނާއި އާއްމުން ދަނީ ބުރިޖުގެ ދަށުގައި ތާށީވެފައި ތިބި މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރަމުންނެވެ. (ސީއެންއެން)