ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އިންތިހާބު އަވަސްކުރުމަށް ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބު ގޮވާލައިފި އެވެ.

ފީފާގެ ރިފޯމް އެޖެންޑާއާ ހިލާފަށް އެފްއޭއެމްގެ އަސާސީ ގަވާއިދު އިސްލާހު ކުރި މައްސަލާގައި ރާއްޖެ ސަސްޕެންޑް ނުކުރާނެ ކަމަށް ފީފާއިން ދާދި ފަހުން ވަނީ އަންގާފަ އެވެ. ނަމަވެސް މިއަހަރުގެ މެއި މަހުގެ 31 ވަނަ ދުވަހުގެ ކުރިން އަސާސީ ގަވާއިދު އަލުން އިސްލާހުކޮށް އިންތިހާބު ނުބާއްވައިފިނަމަ ރާއްޖެ އޮޓޮމެޓިކުން ސަސްޕެންޑްވާނެ ކަމަށް ވެސް ފީފާއިން އަންގާފައިވެ އެވެ.

ނިއު އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، މިއަދު ރާއްޖޭގެ ފުޓްބޯޅައަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައެއް ކަމަށް ގަބޫލު ކުރަނީ އިންތިހާބު ކުރެވިފައިވާ ހިންގާ ކޮމިޓީއެއް އެފްއޭއެމްގައި ނެތުން ކަމަށެވެ.

ނިއުގެ ބަޔާނުގައިވާ ގޮތުގައި، ޑިސެމްބަރު 14، 2014 އިން ފެށިގެން ފާއިތުވެދިޔަ 15 ވަރަކަށް މަސް ދުވަހުގެ ތެރޭގައި އެފްއޭއެމްގެ ކްލަބުތަކުގެ އެއްވެސް ބަހެއްނެތި ފީފާއިން ކަނޑައަޅާފައިވާ ވަގުތީ ކޮމިޓީއަކުން އެ އެސޯސިއޭޝަން ހިންގަމުން ދިއުމުގެ ސަބަބުން ރާއްޖޭގެ ފުޓްބޯޅަ މީގެކުރިން ދުވަހަކު ވެސް ދަށަށް ނުދާ ހިސާބަށް ގޮސް ސަރަހައްދީ ފެންވަރުގައި ވެސް ރާއްޖޭގެ ފުޓްބޯޅަ މުޅިން ފުހެވިގެންދާނެ ކަމުގެ ބިރު ވަނީ ކުރިމަތިވެފަ އެވެ.

"..އަދި ހަމައެއާއެކު ރާއްޖޭގެ ފުޓްބޯޅަ ފީފާއިން ސަސްޕެންޑް ކޮށްފާނެކަމުގެ ބިރު ހީވެފައިވާ މި ދަނޑިވަޅުގައި މިކްލަބުން ފުޓްބޯޅަ އެސޯސިއޭޝަންގެ ނޯމަލައިޒިން ކޮމިޓީއަށް މި ގޮވާލަނީ އަމިއްލަ އެދުން އެއްކިބާކޮށް ރާއްޖޭގެ އެންމެ ގަދީމީ، އެންމެ ގިނަ މީހުން ސަޕޯޓްކުރާ ކުޅިވަރު ފުޓްބޯޅަ ސަސްޕެންޝަނަކާ ދިމާލަށް ދިޔަނުދީ ވީހާވެސް އަވަހަށް އިންތިހާބެއް ބާއްވާ ކްލަބުތަކުން އިންތިހާބު ކޮށްފައިވާ ހިންގާ ކޮމިޓީއަކާ ފުޓްބޯޅަ އެސޯސިއޭޝަން ހަވާލު ކުރުމަށެވެ. އަދި އިންތިހާބު އަވަސްކޮށް ރާއްޖޭގެ ފުޓްބޯޅަ ސަސްޕެންޑް ވިޔަނުދިނުމުގެ ބާރާއި ޒިންމާ ބޮލުގައި އެޅިފައިވާ ހަމައެކަނި ފަރާތަކީ ފުޓްބޯޅަ އެސޯސިއޭޝަން މިވަގުތު ހިންގަން ހަވާލުވެތިބި ބޭފުޅުންނެވެ..،" ނިއުއިން ނެރުނު ބަޔާނުގައި ބުންޏެވެ.

ނިއުއިން ބުނީ، އެންމެ ފަހުން ހިންގާ ޤަވާއިދު އިސްލާހު ކުރުމަށް އެފްއޭއެމުން ބޭއްވި ކޮންގްރެސްގައި ފީފާގެ ސްޓޭންޑެޑް ސްޓެޓިއުޓްއާ ހިލާފަށް ކްލަބުތަކުން ފާސްކޮށްފައި ވަނީ ކޮންކޮން މާއްދާތަކެއް ކަމެއް މިއަދާއި ހަމައަށް ވެސް ކްލަބުތަކާ ހިއްސާކޮށްފައި ނުވާކަން ހިތާމައާއެކު ފާހަގަކުރާ ކަމަށެވެ.

"..ފުޓްބޯޅަ އެސޯސިއޭޝަންގެ ނޯމަލައިޒޭޝަން ކޮމިޓީއަށް ފީފާގެ ކޮންބޮޑުވުންތަކަކީ ކޮބައިކަން ކްލަބުތަކާ ހިއްސާކުރުމަށްފަހު، އިންތިޚާބު ވީހާވެސް އަވަސްކޮށް ބާއްވައި ދެއްވުމަކީ ދިވެހި ފުޓްބޯޅައަށް މިވަގުތު ކޮށްދެވޭނެ އެންމެ ބޮޑު ހިދުމަތްކަން މިކްލަބުން ދެކެމެވެ. އަދި ދިވެހި ފުޓްބޯޅަ މިވަގުތު ވެއްޓިފައިވާ އަނދަވަޅުން ސަލާމަތްކުރުމަށް މިކްލަބުން ދޭންޖެހޭ ހުރިހާ އެއްބާރުލުމެއް ދޭން ތައްޔާރަށް ތިބި ވާހަކަވެސް ދެންނެވީމެވެ..،" ނިއުއިން ނެރުނު ބަޔާނުގައިވެއެވެ.

އެފްއޭއެމްގެ ކޮންގްރެސް މި މަހުގެ 6 ވަނަ ދުވަހު ބާއްވައި އަސާސީ ގަވާއިދު ފާސް ކުރި ނަމަވެސް ފީފާގެ ރިފޯމް އެޖެންޑާއާ ހިލާފު ގިނަ ކަންތައްތަކެއް ހުރުމުން ފީފާއިން ވަނީ އަސާސީ ގަވާއިދު ބަލައިނުގަންނާނެ ކަމަށް ބުނެފަ އެވެ.