31 Mar 2016, 14:01
ގައުމީ ކުޅިވަރުތަކުގެ ތެރޭގައި ބޮޑީބޯޑިން އަދި ބަށި ހިމަނަން ކުޅިވަރުގެ ގައުމީ މަޖިލީހުން ނިންމައިފި އެވެ.
ކުޅިވަރުގެ ގައުމީ މަޖިލީހުން މި ނިންމި ނިންމުމާއެކު މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ) އާއި ނެޝަނަލް ބަށިބޯލް އެސޯސިއޭޝަން (އެންބީއޭ) އާއި ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކުގެ ގޮތުގައި ބެލެވޭނެ އެވެ.
ސަރުކާރުން ގައުމީ ކުޅިވަރުތަކަށް އިނާޔަތް ދެމުންދާ އުސޫލާ އެއްގޮތަށް ބޮޑީބޯޑިން އަދި ބަށްޓައް ވެސް އިނާޔަތްތައް ލިބިގެންދާނެ އެވެ. އެގޮތުން ބަށި އަދި ބޮޑީބޯޑިން ގައުމީ ޓީމުގައި ހިމެނޭ ކުޅުންތެރިންނަށް މުސާރަ ލިބިގެންދާނެ އެވެ.
ބޮޑީބޯޑިންއަކީ ގައުމީ ކުޅިވަރެއްގެ ގޮތުގައި ހަމަޖެއްސުމަށް އެމްބީބީއޭއިން ގިނަ މަސައްކަތްތަކެއް ކޮށްފައިވާއިރު، ބައްޓަކީ ވެސް ގައުމީ ކުޅިވަރެއްގެ ގޮތުގައި ހަމަޖެއްސުމަށް އެންބީއޭއިން ވެސް މަސައްކަތްތަކެއް ކޮށްފައިވެ އެވެ.

މޯލްޑިވްސް އޯޕަން އިންޓަނޭޝަލް ސާފް ޗެމްޕިއަންޝިޕްގެ ބޮޑީބޯޑިން ބައިގެ ޗެމްޕިއަންކަން ހޯދި ރާއްޖޭގެ އަލީ ހުޝްރުވާން (ވ) --- ފައިލް ފޮޓޯ/ އެމްބީބީއޭ މީޑިއާ
އަންހެނުންނަށް ހާއްސަކޮށްގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުޅޭ ކުޅިވަރެއް ކަމުގައިވާ ބަށި ކުރިއަރުވާ އާލާކުރުމަށް އެންބީއޭ އިން ދަނީ ގިނަ ހަރަކާތްތެކެއް އިންތިޒާމްކޮށްގެން ބާއްވަމުންނެވެ.
ބޮޑީބޯޑިންއަކީ ބައިނަލްއަގުވާމީ ފެންވަރުގައި ރާއްޖެއަށް ގިނަ ކާމިޔާބީތަކެއް ހޯދައިދެމުންދާ ކުޅިވަރެކެވެ. އެގޮތުން ބައިނަލްއަގުވާމީ ފެންވަރުގައި ރާއްޖޭގެ އެންމެ މޮޅު ބޮޑީބޯޑަރު އަލީ ހުޝްރުވާން (ކުޑައައްޔަ) ހޯދި ކާމިޔާބީތައް ފާހަގަކޮށްލެވެއެވެ.