ސްކޫލްތަކުގައި ހަމަހަމަ ވަސީލަތްތައް ގާއިމު ކުރުމަށް ސަރުކާރުން ވެފައިވާ ވައުދުގެ ދަށުން 80 ސްކޫލަކަށް ލައިބްރަރީ ފޮތާއި ސާމާނު ހަވާލުކޮށްފި އެވެ.

ސްކޫލްތަކަށް މިއަދު ހަވާލުކުރި ފޮތްތަކަކީ ރާއްޖޭގެ ސްކޫލްތަކުގެ ލައިބްރަރީތަކަށް ބޭނުންވާ ފޮތްތައް ގެނައުމަށް އިންޑިއާގެ އޮކްސްފޯޓް ޔުނިވާސިޓީ ޕްރެސް އާއި އެޑިއުކޭޝަން މިނިސްޓްރީއާ ދެމެދު މިދިޔަ ހަފްތާތެރޭގައި ސޮއިކުރި އެއްބަސްވުމުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ހަވާލުކުރި ފޮތް ތަކެވެ.

އިންޑިއާގެ އޮކްސްފޯޓް ޔުނިވާސިޓީ ޕްރެސްއާ އެކު ވެފައިވާ ތިން އަހަރު ދުވަހުގެ އެ އެއްބަސްވުމުގެ އަގަކީ 9.5 މިލިއަން ރުފިޔާ އެވެ. އަދި މިއަދު ސްކޫލްތަކުގެ ލައިބްރަރީތަކާ ހަވާލުކޮށްފައި ވަނީ 3.9 މިލިއަން ރުފިޔާގެ ސާމާނެވެ. މިއީ އެޑިއުކޭޝަން މިނިސްޓްރީގެ ބަޖެޓުން ހިންގާ މަޝްރޫއެކެވެ.

އެޑިއުކޭޝަން މިނިސްޓްރީގައި މިއަދު ބޭއްވި ހަފްލާގައި ފުރަތަމަ ފިޔަވަހީގެ ދަށުން ފޮތްތައް ހަވާލުކޮށްފައި ވަނީ އުތުރުގެ 40 ސްކޫލަކަށާއި ދެކުނުގެ 33 ސްކޫލަކަށާއި މެދު ރާއްޖެތެރޭގެ 10 ސްކޫލަކަށް އަދި މާލޭގެ ހަތް ސްކޫލަކަށެވެ.

އެ ސްކޫލްތަކާ ފޮތްތައް ހަވާލުކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ނަޒީރެވެ.

ސްކޫލްތަކުގެ ލައިބްރަރީ އަށް ހަވާލުކުރި ފޮތްތަކުގެ ތެރޭގައި 48 ވައްތަރުގެ ފޮތާއި ސީޑީ އަދި ޓީޗަރުންނަށް ބޭނުންވާ ގައިޑާއި އެހެނިހެން މުހިއްމު ރީޑިން މެޓީރިއަލްސް ހިމެނެ އެވެ. އެގޮތުން މިއަދު ޖުމްލަ 138240 ފޮތް ސްކޫލްތަކާ ހަވާލުކޮށްފައިވެ އެވެ.

ރާއްޖޭގެ 212 ސްކޫލަކަށް ލައިބްރަރީ ފޮތްތައް ހޯދުމަށް އެޑިއުކޭޝަން މިނިސްޓްރީން ފަށާފައިވާ އެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގައި ހިމެނޭ 100 ސްކޫލަކަށް މިއަހަރުގެ ޖޫން ނުވަތަ ޖުލައި މަހުގެ ތެރޭގައި ފޮތްތައް ހަވަލުކުރެވޭނެ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ. އަދި ބާކީ އަންނަ އަހަރުގެ ތެރޭގައި ހަވާލުކުރެވޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.

ސްކޫލްތަކަށް ވަސީލަތްތައް ހަމަކުރުމަށް ސަރުކާރުން ވެފައިވާ ވައުދުގެ ދަށުން މިމަހުގެ ތެރޭގައި 7.9 މިލިއަން ރުފިޔާގެ ސްކޫލްތަކުގެ ސައިންސް ލެބްތަކަށް ބޭނުންވާ ކެމިކަލް އަދި އިކުއިޕްމެންޓްސް އަތޮޅުތެރޭގެ 50 ސްކޫލަކާއި ހަވާލުކޮށްފައިވެ އެވެ. އަދި 5.51 މިލިއަން ރުފިޔާގެ ޕްރީސްކޫލް އައުޓްޑޯ ޕްލޭ ސެޓަޕްތައް އަތޮޅުތެރޭގެ 90 ސްކޫލަކާއި ހަވާލުކޮށްފައިވެ އެވެ.