31 Mar 2016, 13:36
ގދ. މާވަރުލު އެއާޕޯޓާއި ނ. މާފަރު އެއާޕޯޓް ހެދުމަށް ތިން ކުންފުންޏަކުން ކުރިމަތިލައިފި އެވެ.
އެ ދެ ރަށުގައި އެއާޕޯޓް އެޅުމަށް ބިޑު ހުށަހެޅުމުގެ މުއްދަތު އިއްޔެއަށް ހަމަވެފައިވާއިރު މާފަރު އެއާޕޯޓް އެޅުމަށް ބިޑު ހުށަހެޅީ ސަން ހޮޓެލް އެންޑް ރިސޯޓް އާއި ތުރުކީގެ ބޮރޮސާ އިންސާޓް ޓްރިޒަމެވެ.
މާވަރުލު އެއާޕޯޓަށް ބިޑް ހުށަހެޅީ ޗައިނާގެ ޑޯންފަންގް އިލެކްޓްރިކް ކޯޕަރޭޝަން އާއި ތުރުކީގެ ބޮރޮސާ އިންސާޓް ޓްރިޒަމެވެ.
ރީޖަނަލް އެއާޕޯސްޓް އޮތޯރިޓީގެ ޑިރެކްޓަރު ސާމީ އަގީލް 'ސަން'އަށް މިއަދު ވިދާޅުވީ އަންނަ ހަފްތާގެ ތެރޭގައި އިވެލުއޭޝަން ނިމި ވަކި ކުންފުއްޏެއް ކަނޑައެޅިގެންދާނެ ކަމަށެވެ.
އެ ދެ އެއާޕޯޓް ހެދުމަށް ކުރިން ހަވާލުކޮށްފައިވާ ދެ ކުންފުނީގެ އެގްރިމެންޓް ބާތިލްކޮށްފައި ވަނީ މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ.
ގދ. މާވަރުލު އެއާޕޯޓް މޯވިން އިންޓަނޭޝަނަލް އެއާޕޯޓް އާއި ހަވާލުކޮށްފައި ވަނީ 30 މަސްތެރޭ އެއާޕޯޓް ނިންމާގޮތަށް 2011 ވަނަ އަހަރު އެވެ. އެ އެގްރިމެންޓް ބާތިލުކުރީ ދީފައިވާ މުއްދަތައް އެއާޕޯޓުގެ މަސައްކަތް ނިންމާފައި ނުވާތީ އެވެ.
ނ. މާފަރު އެއާޕޯޓް 18 މަސްތެރޭ ނިންމުމަށް މިލޭނިއަމް ކެޕިޓަލް މެނޭޖްމަންޓް ލިމިޓެޑާ އެކު އެގްރިމެންޓު ހަދާފައިވަނިކޮށް އެ އެގްރިމެންޓް ބާތިލުކުރީ ގަވައިދާ ހިލާފަށް އެ ކުންފުނިން މަސައްކަތްކޮށްފައި ވާތީ އެވެ.