ޑޮލަރުގެ އަގު ބޮޑުވެ، ތަކެތީގެ އަގުބޮޑުވުމާ ގުޅިގެން މާލޭގައި ރޭ ބޭއްވި މުޒާހަރާ ރޫޅާލުމަށް ފުލުހުން ބާރުގެ ބޭނުންކުރީ މުޒާހަރާގެ ބައިވެރިން ގައު ފަދަ ތަކެތި ބޭނުންކޮށްގެން އާއްމު އެކި ފަރާތްތަކުގެ ފިހާރަތަކަށާއި މުދަލަށް ގެއްލުންދޭން ފެށުމުން ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ސަބް އިންސްޕެކްޓަރު އޮފް ޕޮލީސް އަހުމަދު ޝިޔާމް މިއަދު ވިދާޅުވީ މަޖީދީމަގާއި ޗާނދަނީމަގު ގުޅުނު ހަތަރުއަނގޮޅިން ކަންމަތީގައި ރޭ މުޒާހަރާ ކުރަމުންދިޔުމުން އާއްމުންގެ ބައެއް ފަރާތްތަކަށް ތަފާތު އުނދަގޫތައް ފޯރަމުންދާ ކަމުގެ ޝަކުވާ ފުލުހުންނަށް ލިބިފައިވާ ކަމަށެވެ. އަދި އެއްވި މީހުން އެ ސަރަހައްދުން ދުރަށް ޖެއްސުމުގެ މަސައްކަތް ފުލުހުން ކުރި ނަމަވެސް ރޭ ފަތިހު 4:00 ހާކަންހާއިރު ފުލުހުން ބާރުގެ ބޭނުންކުރީ އާންމުންގެ ފިހާރަތަކަށާއި ބައެއް ތަންތަނަށް އެއްވެ ތިބި މީހުންގެ ތެރެއިން ބަޔަކު ގައު ފަދަ ތަކެތި އުކައި ބޮޑެތި ގެއްލުންތައް ދޭން ފެށުމާ ގުޅިގެން ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

ރޭގެ މުޖާހަރާއާ ގުޅިގެން ވަރަށް ގިނަ ބަޔަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ. ނަމަވެސް އެއީ ކިތައް މީހުން ކަމެއް އޭނާ ވިދާޅެއް ނުވި އެވެ. މީޑީއާ އޮފިޝަލް ވިދާޅުވީ އާންމު ފަރާތްތަކުގެ ފިހާރަތަކަށާއި މުދަލަށް ގެއްލުންދީ ހެދި މީހުން ފިޔަވައި އެހެން ހުރިހާ މީހުން ވެސް ދޫކޮށްލާފައިވާ ކަމަށެވެ.

ފުލުހުންގެ ކޮމިޝަނާސް ޑިރެކްޓްރޭޓް، މީޑިއާ ކޯޑިނޭޝަން ޔުނިޓުން މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައި ވަނީ ޒުވާނުންގެ ނަމުގައި ސިޔާސީ ބައެއް ފަރާތްތައް ގުޅިގެން ރޭ ބޭއްވި މުޖާހަރާގައި ބޮޑެތި ހަމަނުޖެހުންތައް ހިންގާނެކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުމާ އެކު ރައްޔިތުންގެ މަޖިލީހުގެ ދެ މެންބަރުން ކަމުގައިވާ މައްޗަންގޮޅީ ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހްލޫފާއި ވިލިމާފަންނު ދާއިރާގެ އަހުމަދު ނިހާން ހުސައިން މަނިކާ ވާހަކަ ދައްކައި، އެފަދަ ކަމެއް ހިނގިޔަ ނުދިނުމަށް ފުލުހުން އެބޭފުޅުންގެ ކިބައިން އެދިފައިވާނެ ކަމަށެވެ. އަދި އެ ހަރަކާތް އިންތިޒާމްކުރުމުގައި ހަރަކާތްތެރިވި ބައެއް ފަރާތްތައް ވެސް އެ ކޮމިޝަނަށް ގެނެސް އެފަދަ ހަމަނުޖެހުމެއް ހިންގިޔަ ނުދިނުމަށް އެދި އިލްތިމާސްކޮށްފައިވާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

އާއްމުންނާއި ފުލުހުންގެ ބައެއް މީހުންނަށް އެކިވަރުގެ އަނިޔާތައް ލިބުނު އެ މުޖާހަރާއާ ގުޅިގެން ފުލުހުން ނެރެފައިވާ ނޫސްބަޔާނުގައި ބުނެފައި ވަނީ މުޒާހަރާގެ ބައިވެރިން އެ ސަރަހައްދު ބަންދުކޮށްގެން އަޑުގަދަކޮށް ހެދުމުގެ ސަބަބުން އެ ސަރަހައްދުގެ އާންމު ފަރަތާތްތަކަށާއި ވިޔަފާރިކުރާ ފަރާތްތަކަށާއި އެސަރަހައްދުން ހިނގައި ބިންގައިވެ އުޅުނު މީހުންގެ އިތުރުން ދަތުރުކުރި ވެކިކަލްތަކަށް އުނދަގޫވަމުން ދިޔަ ކަމުގެ ޝަކުވާ ތަކުރާރުކޮށް ފުލުހުންނަށް ލިބެމުން ގޮސްފައިވާ ކަމަށެވެ. އަދި ފެޓްރޯލާއި ގޭސްފަދަ ތަކެތި އެ ސަރަހައްދަށް ގެންގޮސް އެ ސަރަހައްދުގައި އިތުރު "ހަމަނުޖެހުންތައް ހިންގަން ފެށުމާ އެކު" މުޖާހަރާ ރޫޅާލީ އެ މުޖާހަރާއާ ގުޅިގެން މާލެތެރޭގައި އިތުރު ހަމަނުޖެހުމެއް ހިންގާފާނެތީ މުޒާހަރާ ހުއްޓުވުމަށާއި އެއްވެތިބި މީހުންނަށް އެ ސަރަހައްދު ދޫކޮށް ދިއުމަށް ތަކުރާރުކޮށް ފުލުހުން ނަސޭހަތްތެރިވެ އިލްތިމާސްކުރުމަށް ފަހު ކަމަށް ވެސް ފުލުހުން ބުންޏެވެ.

ރޭގެ އެ ހަމަނުޖެހުމުގައި ގިނަ އަދަދެއްގެ އާއްމުންނަށާއި ފުލުހުންނަށް އަނިޔާވެފައިވާ އިރު އަންހެން ފުލުހެއްގެ މޭމަތީގައި އެއްވެ ތިބި މީހުންގެ ތެރެއިން މީހަކު އެއްލި ގަލަކުންޖެހި އަނިޔާތަކެއް ލިބިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ ރޭގެ މުޖާހަރާގައި ފެށުނީއްސުރެ އެކި ގްރޫޕްތަކަށް ނިސްބަތްވާ ބައެއް ފަރާތްތަކުން ބައިވެރިވަމުންދިޔަ ކަމަށާއި އަދި އެއްވުން ބޭއްވި ސަރަހައްދުގައި ފުލުހުންނަށް ހަމަލާދިނުމަށާއި ބައެއް އާއްމު ފަރާތްތަކުގެ މުދަލަށް ގެއްލުން ދިނުމަށްޓަކައި ގިނަ އަދަދެއްގެ ރައްކާކޮށްފައިވާ ކަމަށެވެ. އަދި މުޖާހަރާގެ ތެރޭގައި ބައެއް ފިހާރަތަކުގެ ބިއްލޫރިތައް ތަޅާލާ، ބައެއް ސައިކަލްތަކުގައި ރޯކޮށް ހަދާފައިވާ ކަމަށްވެސް ފުލުހުން ބުނެ އެވެ.

އާޓީފިޝަލް ބީޗުގެ ސަރަހައްދުން ރޭ ފެށި އެ މުޒާހަރާ އެކިފަހަރު މަތިން ރޫޅާލުމަށް ފުލުހުން ޕެޕާސްރޭއާއި ކަރުނަގޭސް ބޭނުންކުރުމުގެ ތެރޭގައި އާއްމުންގެ އެކިފަރާތްތަކަށާއި މީޑިއާގެ ބައެއް ފަރާތްތަކަށް ވެސް ވަނީ އެކިވަރުގެ އަނިޔާ ލިބިފަ އެވެ.

ފުލުހުން މިއަދު ހެނދުނު 10:30 ހާކަންހާއިރު މުޒާރަހާ ރޫޅާލުމުން ވެސް ބައެއް ފަރާތްތަކުން ވަނީ އެ ސަރަހައްދަށް އެކިފަހަރު މަތިން އެއްވެ، ތަފާތު ހަމަނުޖެހުންތައް ހިންގުމަށް މަސައްކަތްކޮށްފަ އެވެ.
އެފަދަ ހަމަނުޖެހުންތައް ހިންގުމަށް މަސައްކަތް ނުކުރުމަށާއި އެއްވެސް ހަމަނުޖެހުމަކަށް ހިތްވަރުދީ އެފަދަ ހަމަނުޖެހުންތައް ހިންގުމަށް މަސައްކަތްކުރާ ފަރާތްތަކާ މެދު ހަރުކަށި ފިޔަވަޅުތައް އަޅާނެ ކަމަށް ވެސް ފުލުހުން އެ ނޫސްބަޔާނުގައި ވަނީ ބުނެފަ އެވެ.