31 Mar 2016, 13:21
އެފްއޭއެމްއިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ 16 އަހަރުން ދަށުގެ މައިލޯ އިންޓަ ސްކޫލް ފުޓްބޯޅަ މުބާރާތުގައި އިސްކަންދަރު ސްކޫލްގެ މައްޗަށް ކުރި ހޯދައި، ގްރޫޕް ތިނެއްގެ އެއް ވަނައަށް ތާޖުއްދީން ސްކޫލް ޖެހިލައިފި އެވެ.
ހެންވޭރު ދަނޑުގައި އިއްޔެ ހަވީރު ކުޅުނު މެޗުގައި އިސްކަންދަރުގެ މައްޗަށް ތާޖުއްދީން ކުރި ހޯދީ 2-1 ލަނޑުގެ ނަތީޖާއަކުންނެވެ.
އެ ނަތީޖާއާއެކު ގްރޫޕްގެ އެއް ވަނައިގައި ތާޖުއްދީން އޮތީ ކުޅުނު ދެ މެޗުން ވެސް މޮޅެވެ، ލިބުނު ހަ ޕޮއިންޓާއެކު އެވެ. ގްރޫޕްގެ ދެ ވަނައިގައި އޮތް ގާޒީ ސްކޫލް އާއި އިސްކަންދަރަށް ލިބިފައިވަނީ ތިން ޕޮއިންޓެވެ. ގްރޫޕްގެ ފުލުގައި އޮތް ރެހެންދި ސްކޫލަށް އަދި އެއްވެސް ޕޮއިންޓެއް ލިބިފައެއް ނުވެ އެވެ.
އިއްޔެ ހަވީރު ކުޅުނު މެޗުގެ ފުރަތަމަ ހާފްގައި ލަނޑެއް ޖަހައި، ތާޖުއްދީނުން ލީޑު ހޯދި އެވެ. މި ލަނޑު މެޗުގެ ހަތަރު ވަނަ މިނެޓްގައި ތާޖުއްދީނަށް ކާމިޔާބުކޮށް ދިނީ މުހައްމަދު އަހުނަފް ޝަރީފެވެ.
މި މެޗުގެ ދެވަނަ ހާފްގެ ކުރީކޮޅުގައި އިސްކަންދަރުން ވަނީ ލަނޑެއް ކާމިޔާބުކޮށް، ނަތީޖާ ހަމަހަމަކޮށްފަ އެވެ. މި ލަނޑު މެޗުގެ 50 ވަނަ މިނެޓްގައި އިސްކަންދަރަށް ކާމިޔާބުކޮށްދިނީ އަހްމަދު އައިހަމް ސައީދެވެ. ތާޖުއްދީނުން އަލުން ލީޑު ހޯދީ މެޗުގެ 64 ވަނަ މިނެޓްގައެވެ. މި ލަނޑު ތާޖުއްދީނަށް ޖަހައިދިނީ އަރުޝަން ރަޝީދެވެ.
ގްރޫޕް ތިނެއްގައި އިއްޔެ ރެހެންދި ސްކޫލް އަތުން ގާޒީ ސްކޫލް ވަނީ ފަސޭހަކަމާއެކު މޮޅުވެފައެވެ. މި މެޗު ގާޒީ ސްކޫލް ކާމިޔާބުކުރީ 12-0 ލަނޑުންނެވެ. މެޗުގެ ފުރަތަމަ ހާފްގައި ގާޒީ ސްކޫލުން ފަސް ލަނޑު ކާމިޔާބުކުރިއިރު، ދެ ވަނަ ހާފްގައި އެ ސްކޫލުން ހަތް ލަނޑު ކާމިޔާބުކުރި އެވެ.
މެޗުގައި ގާޒީ ސްކޫލުން ޖެހި 12 ލަނޑުގެ ތެރެއިން ހަސަން ނަވާޒް ހެޓްރިކެއް ހެދިއިރު، ހަސަން އަލީފް އާއި، ޔާމިން އަލީ އާއި، މުހައްމަދު މާއިޒް އަލީ އާއި، އަލީ އަސްހަމް އަބްދުﷲ، މިއިން ކޮންމެ ކުޅުންތެރިޔަކު ދެ ލަނޑު ކާމިޔާބުކުރި އެވެ. މެޗުގައި ގާޒީ ސްކޫލްގެ ސައްމާހު ހަސަން ވެސް ލަނޑެއް ކާމިޔާބުކުރި އެވެ.
މި މުބާރާތުގެ ގްރޫޕް އެކެއްގެ އެއް ވަނައިގައި ކުޅުނު ދެ މެޗުން ލިބުނު ހަތަރު ޕޮއިންޓާއެކު ދ. އަތޮޅު ތައުލީމީ މަރުކަޒު އޮތްއިރު، ދެ ވަނައިގައި އޮތް އިމާދުއްދީން ސްކޫލާއި ތިން ވަނައިގައި އޮތް އަހުމަދިއްޔާ ސްކޫލަށް ލިބިފައިވަނީ ތިން ޕޮއިންޓެވެ. ގްރޫޕްގެ ފުލުގައި އޮތް ޖަމާލުއްދީން ސްކޫލަށް ލިބިފައިވަނީ އެއް ޕޮއިންޓެވެ.
ގްރޫޕް ދޭއްގެ އެއް ވަނައިގައި ކުޅުނު ދެ މެޗުން ލިބުނު ހަ ޕޮއިންޓާއެކު މުހިއްޔުއްދީން ސްކޫލް އޮތްއިރު، ދެ ވަނައިގައި އޮތް ދަރުމަވަންތަ ސްކޫލާއި ތިން ވަނައިގައި އޮތް މަޖީދިއްޔާ ސްކޫލަށް ލިބިފައިވަނީ ތިން ޕޮއިންޓެވެ. ގްރޫޕްގެ ފުލުގައި އޮތް ކަލާފާނު ސްކޫލަށް އަދި ޕޮއިންޓެއް ލިބިފައެއް ނުވެ އެވެ.