ކުރަމުންދާ މަސައްކަތް ނިމި އަންނަ ހޮނިހިރު ދުވަހުން ފެށިގެން ޕްރެޝަރުގައި ފެން ލިބިގެންދާނެ ކަމަށް މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްޑަބްލިޔުއެސްސީ)އިން ބުނެފި އެވެ.

ފެނުގެ ހިދުމަތް ރަނގަޅުކުރުމަށް ސިސްޓަމް އަޕްގުރޭޑިން މަސައްކަތެއް އިއްޔެއިން ފެށިގެން ކުރަމުން އަންނާތީ ފެނުގެ ޕްރެޝާ ދަށްވެ، މާލޭގެ ބައެއް ގެތަކަށް ޕްރެޝަރުގައި ފެން ލިބުމަށް ވަނީ ދަތިތަކެއް ކުރިމަތިވެފަ އެވެ.

އެމްޑަބްލިޔުއެސްސީގެ މެނޭޖާ ބިޒްނެސް ޑިވެލޮޕްމެންޓް ހުސައިން އިބްރާހިމް މިއަދު "ސަން"އަށް ވިދާޅުވީ އެ މަސައްކަތްތައް ގާތްގަނޑަކަށް ނިމިފައިވާއިރު އަންނަ ހޮނިހިރު ދުވަހު ޕުރެޝަރުގައި ގޭތަކަށް ފެން ލިބިގެންދާ ކަމަށެވެ.

އޭނާ ވިދާޅުވީ ޕްރެޝަރުގައި ފެން ނުލިބިގެން ޝަކުވާ އަންނަނީ ހަތަރު ވަނަ ފުލޯއަށްވުރެ މަތީ ފުލޯތަކަށް ކަމަށެވެ.

އެންވައިރޮމެންޓް ޕުރޮޓަކްޝަން އެޖެންސީ(އެޗްޕީއޭ)ގެ ގަވައިދު ބުނާ ގޮތުން ހަތަރުވަނަ ފުލޯއަށްވުރެ މަތީ ފުލޯތަކަށް ފެން ފޯރުކޮށްދިނުމަށް "ބޫސްޓާ ސިސްޓަމް" ބަހައްޓަން ޖެހެއެވެ.