31 Mar 2016, 13:32
ހަވާއީއިން ޖަޕާނަށް ދަތުރު ކުރަމުން ދިޔަ ޔުނައިޓެޑް އެއާލައިންސްގެ ފްލައިޓެއްގައި އިން ފަސިންޖަރަކު އިށީނުމަށް ދެކޮޅު ހަދައި، ޔޯގާ ހަދަން ގަދަ ދެއްކުމުގެ ސަބަބުން އެ ފްލައިޓު އެނބުރި ހަވާއީގައި ޖައްސައި، އޭނާ ހައްޔަރުކޮށްފި އެވެ.
ހްޔޮންގް ޓައެ ޕައެ ނަމަކަށް ކިޔާ ދެކުނު ކޮރެއާގެ މި މީހާ އާއި އޭނާގެ އަންހެނުން ހަވާއީއިން ޖަޕާނުގެ ނަރީޓާއަށް ދަތުރު ކުރަމުން ދިޔަ ފްލައިޓު އަނބުރާ ހަވާއީއަށް ދާން ޖެހުނީ، ފްލައިޓުގައި ތިބި ކްރޫއިންނާ ދިމާލަށް ޕައެ އެއްޗެހި ގޮވައި، އޭނާގެ އަނބިމީހާ އަށް ފްލައިޓު މަތީގައި އަނިޔާ ކުރި ކަމުގެ ކޮމްޕްލެއިނެއް ޕައިލެޓާ ހަމައަށް އައުމުގެ ސަބަބުންނެވެ.
ޕައެ ބުނީ ފްލައިޓުގައި ކާނާ ފޯރުކޮށްދިން ވަގުތު އޭނާ ގޮނޑީގައި އިށީނދެ އިންނަން ބޭނުންން ނުވި ކަމަށާއި އެގަޑީގައި އޭނާ ޔޯޣާ ހަދަން ބޭނުންވުމުން ދިޔައީ ފްލައިޓުގެ އެންމެ ފަހަތަށް ކަމަށެވެ. އެހެން ނަމަވެސް އެނބުރި ގޮނޑިއަށް ދިއުމަށް ފްލައިޓުގެ ކްރޫއިންނާއި އޭނާގެ އަނބިމީހާ އޭނާ އަށް ނަސޭހަތްތެރިވުމުން އޭނާ ހިތްހަމަ ނުޖެހުނީ ކަމަށް އޭނާ ބުންޏެވެ.
އެއަށް ފަހު ޕައެ ފްލައިޓު ކްރޫއިންނާ ދިމާލަށް އެއްޗެހި ގޮވައި، އޭނާގެ އަނބިމީހާ ފްލައިޓު ތެރޭގައި ކޮއްޕައި، އަނިޔާ ކުރުމަށް މަސައްކަތް ކުރި އެވެ. އަދި އޭނާ މަތަ ކުރުމަށް އެވަގުތު ފްލައިޓުގައި ތިބި އެމެރިކާ މެރީންސްގެ އޮފިސަރުންތަކަކާއި އެހެން ފަސިންޖަރުންނަށް ވެސް ހަމަލާ ދިނުމަށް އޭނާ މަސައްކަތް ކުރި އެވެ.
ފްލައިޓު އަނބުރާ ހަވާއީއަށް ގޮސް، ޕައެ ހަވާއީގެ ފުލުހުންނާ ހަވާލު ކުރެވުނު އިރު، އޭނާ މިވަގުތު ހުރީ ހޮނޮލުލޫގެ ފެޑެރަލް ޑިޓޭންޝަން ސެންޓަރުގައި ޚާއްސަ ބެލުމުގެ ދަށުގަ އެވެ.
ހަވާއީގައި ހުންނަ ކޯޓުން ވަނީ، 25،000 ޑޮލަރުގެ ބޮންޑެއްގެ ހޯދުމަށް ފަހު، ޕައެ ހައްޔަރުން ދޫކޮށްލުމަށް އަމުރު ކޮށްފަ އެވެ. ނަމަވެސް އޭނާ އަށް ހަވާއީގެ އޮއާހޫ ޖަޒީރާ ދޫކޮށް ނުދެވޭނެ ކަމަށާއި، އޭނާގެ ނަފްސާނީ ހާލަތު ދެނެގަތުމަށް މެންޓަލް ހެލްތު އިވެލުއޭޝަނެއް ހެދުމަށް ކޯޓުން އަމުރު ކުރި އެވެ.
މަސްދަރު: ދަ ގާޑިއަން