31 Mar 2016, 12:24
އިބްރީ ބައިބަލް ނުވަތަ ނަސާރާ އޯލްޑް ޓެސްޓަމެންޓުގެ ޑިޔުޓަރޮނޮމީގެ 22 ވަނަ ބާބުގެ 28 ވަނަ އާޔަތުގައި އޮންނަ ގޮތުން، ބިކުރުވެރި އަންހެން ކުއްޖަކަށް ރޭޕްގެ އަނިޔާ ދީފި ފިރިހެނާއަށް އޮތް އަދަބަކީ، އަންހެން ކުއްޖާގެ ބައްޕަޔަށް ރިހި ފައިސާގެ 50 ޝެކަލް ދިނުމާ އެކު، އަންހެން ކުއްޖާޔާ ކައިވަނި ކޮށްގެން އުމުރު ދުވަހު އުޅުމެވެ. ވީމާ، ރޭޕް ކޮށްލެވޭ އަންހެން ކުއްޖާޔަށް، ޔަހޫދީންނާއި ނަސާރާއިންގެ ފޮތުގައި އޮތް ހުކުމަކީ، ރޭޕް ކުރި ފިރިހެނާގެ އަތްނބެއްގެ ގޮތުގައި އުމުރު ހޭދަ ކުރުމެވެ! ޑިޔުޓަރޮނޮމީގެ 22 ވަނަ ބާބުގެ 13 އިން 21 އާ ހަމަޔަށް ހުރި އާޔަތްތައް ބުނަނީ، ތިމާގެ އަލަތު އަނބިމީހާ އަކީ ބިކުރުވެރިއެއް ނޫން ކަމަށް ފިރިޔަކު ބުނެފި ހާލަތެއްގައި، ރޭ ކުރި ދާނުން ލޭ ދައްކައިގެން، އެއީ ދޮގެއް ކަން ސާބިތު ކޮށްދޭން ޖެހޭނީ އަންހެން ކުއްޖާގެ އާއިލާއިން ކަމަށެވެ. އެއީ ދޮގު ތުހުމަތެއް ނަމަ، ފިރިހެނާއަށް ނަސޭހަތް ދީ، އޭނާގެ އަތުން އަންހެން ކުއްޖާގެ ބައްޕަޔަށް ރިހި ފައިސާގެ 100 ޝެކަލް ނަގައިދޭން ޖެހެއެވެ. ފިރިމީހާގެ ތުހުމަތަކީ ދޮގެއް ކަން ސާބިތު ކޮށްނުދެވިއްޖެ ނަމަ، އަންހެން ކުއްޖާއަށް އޮތް އަދަބަކީ ކުދި ގަލުން ތަޅައި ރަޖަމު ކޮށް މަރައިލުމެވެ.
އިނގިރޭސި ވިލާތުގެ ޕާރލަމެންޓުގައި ނަސާރާ ދީނުގެ ފާދިރީންގެ 26 ބޭފުޅުން ތިއްބަވައެވެ. ނަމަވެސް އެއިން ބޭފުޅަކު، މި ދެންނެވި ހުކުމްތަކުގެ ވާހަކައެއް ޕާލަމެންޓުގައި ނުދައްކަވާނެއެވެ. އެ ބޭފުޅުން ގާނޫނުތައް ހައްދަވާނީ މި ހުކުމްތަކާ މުޅީން ޚިލާފަށެވެ. ހުޅަނގުގެ އެހެން ދައުލަތްތަކުގައި ވެސް ކަން ހުރީ މި ގޮތަށެވެ. އެމީހުން ބައިބަލުގައި ހުރި މިފަދަ އަނިޔާވެރި، ބޭއިންސާފު ހުކުމްތައް ފޮރުވައި އެއްފަރާތް ކުރެއެވެ. ނަމަވެސް، ދެން އެމީހުން ކީރިތި ޤުރްއާނަށް ގޮން ޖަހައި، ބައިބަލަކީ މާތްރަސްކަލާނގެ ކަލާމްފުޅު ކަމަށް، ނުވަތަ އެއީ ޤުރްއާނަށް ވުރެ މަތިވެރި އަދި މޮޅު ފޮތެއް ކަމަށް ބުނެ ޒުވާބުތައް ނެރެއެވެ. އަދުލުއިންސާފާއި އިންސާނިއްޔަތުކަމުގެ ފަލްސަފާގެ ހާދީ އަކީ ބައިބަލް ކަމަށް ދައުވާ ކުރެއެވެ. އިސްލާމް ދީނަށް ވުރެ އަންހެނުންނަށް ނިކަމެތިކޮށް ހިތާ ދީނެއް ނެތް ކަމަށް ބުނެ ހަޅޭލަވައެވެ.
ހުޅަނގު ކޮޕީ ކުރުމުގެ ވަބާ
ހިތާމަޔަކީ މިފަދަ ބައެއްގެ ފިކުރީ އަޅުވެތިކަމުގެ ދަށަށް އިސްލާމީ މުޖުތަމައުތައް އުނގުރުވަތަށް ވެއްޓެމުން ދާ ކަމެވެ. މިއަދުގެ ހަގީގަތަށް ބަލާ އިރު، އިސްލާމީ ދިވެހިރާއްޖެ އަކީ ހުޅަނގުގެ ފިކުރީ ޚުދުމުޚުތާރިއްޔަތުގެ ކުރިމަތީގައި އެންމެ ބޮޑަށް ގުދު ވާ އެއް ގައުމެވެ. ދިވެހީން ކުރެ ބަޔަކަށް، ހުޅަނގުން އަންނަ ކޮންމެ އެއްޗެއް ވަނީ ރަނަށް ނޫރަށެވެ. ހުޅަނގުގެ ކޮންމެ ފިކުރެއްގެ ކުރިމަތީގައި އެއުރެން ދެއަތް ޖޯޑު ކޮށްގެން، ބޯ ގުދު ކޮށްގެން ހުއްޓެއެވެ.
ފަހަކަށް އައިސް މި މަންޒަރު ދައްކުވައިދިން އެންމެ މުހިއްމު އެއް މިސާލަކީ ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލިހަށް ހުށަހެޅިފައި ވާ"ޖެންޑަރ އިކުއަލިޓީ" ގެ ބިލެވެ. ދިވެހި ބަހުން ދަންނަވާ ނަމަ، "މިންތީގެ ހަމަހަމަކަމާ ބެހޭ" ބިލެވެ. މި ބިލަކީ އިސްލާމް ދީނުގެ އަސްލުތަކާއި އުސޫލުތަކަށް ރިއާޔަތް ނުކޮށް ހެދިފައި އޮތް ބިލެއް ކަން ވަރަށް ސާފެވެ. ބިލުގެ މަދު ވެގެން ދެ މާއްދާއެއްގައި، އަންހެނުންނާއި ފިރިހެނުންގެ ތަބީއީ ތަފާތާއި ފަރަގަށް ރިއާޔަތް ނުކޮށް، މުޖުތަމައުގައި ދެ ޖިންސުގެ ދައުރު އެއް ގޮތަކަށް ކަނޑައެޅުމަށް ބުނެފައި ވެއެވެ. 18 ވަނަ މާއްދާގެ (ށ) ގައްޔާއި، 19 ވަނަ މާއްދާގެ (ށ) ގައެވެ.
ދައްޖާލު އަރާން ވާ އިރަށް، މިފަދަ ގާނޫނުތަކާ އެކު، އަޅުގަނޑުމެން ވެސް ޝަހާދަތް ކިޔަކިޔައި ތިބެ، ލާދީނީ ވެ ފަރަންޖީ ވެގަންނާން ވީއެވެ! އިންސާނުން އުފެއްދެވި ފަރާތުން އިންސާނުން ދެ ޖިންސަކަށް ބައްސަވައިލައްވައި، ދެ ޖިންސުގެ ދެމެދުގައި ލެއްވެވި ފަރަގާއި ތަފާތަށް ލޯ މަރައިލާން ވީއެވެ! މިއީ ދެން ކިހައި ހިތާމަ ހުރި ކަމެއްތޯއެވެ؟
ތަފާތު ...
އަންހެނުންނާއި ފިރިހެނުންނަކީ ތަބީއީ ގޮތުންނާއި ހަޔަވީ ގޮތުން ތަފާތު ދެ ޖިންސެވެ. މިއީ އިންކާރު ނުކުރެވޭނޭ ވާގިއާއެކެވެ. އިންސާނީ ބުއްދި އާއި، އިންސާނީ ތަޖުރިބާ އާއި، ސައެންސީ ހޯދުންތައް ބުނެދެނީ، ދެ ޖިންސު ތަފާތު ކަމުގައެވެ. މިސާލަކަށް، "ކޮގްނިޓިވް ސައެންސް" ގެގިނަ ދިރާސާތައް ބުނާ ގޮތުގައި، ޖަޒުބާތީ ވިސްނުންތެރިކަމުގެ ރޮނގުން، ނިސްބަތުން އަންހެނުން އުޅެނީ ފިރިހެނުންނަށް ވުރެ ކުރީގައެވެ. މާނައަކީ، އިންސާނީ އިހުސާސްތަކާއި ޖަޒުބާތުތައް ދެނެގަތުމުގައި، އަންހެނުން މާ މޮޅު ކަމެވެ. ބުނެވޭ ބަހަކުން، ކުރެވޭ އަމަލަކުން، އަނެކާގެ ހިތަށް ކުރާނެ އަސަރާއި އޭނާއަށް ވެދާނެ ގޮތަކާ މެދުގައި، އަންހެނުންގެ ވިސްނުން މާ ތޫނު ކަމެވެ. ވީމާ، މީހުންނާ މުއާމަލާތު ކުރުމުގައި އޯގާވެރިކަމާއި، ހިތްހެޔޮކަމާއި، ކެތްތެރިކަން އަންހެނުންގެ ކިބައިން ފެންނަ ލެއް ބޮޑެވެ.
ޖަޒުބާތީ ވިސްނުންތެރިކަމުގައި އަންހެނުންނަށް ދަރަޖައެއް އިތުރު ކޮށްދެއްވީ އަންހެނާ އާއި ފިރިހެނާގެ ހަޔަވީ ތަރުކީބު ފަރުމާ ކުރެއްވި ފަރާތުންނެވެ. ނުވަ މަސް ވާންދެން ދަރިފުޅު އޮންނާނީ މަންމަގެ ބަނޑުގައި ކަމާއި، ތުއްތު ދަރިފުޅުގެ އަސާސީ ކާނާ އަންނާނީ މަންމަގެ ލެއިން ކަމަށް ކަނޑައެޅުއްވި ފަރާތުންނެވެ. ކުޑަ ދަރިފުޅަށް ލޯތްބާއި ރަހުމާއި ހަމްދަރުދީގެ އާރުން ފެން ދޭ އެންމެ މުހިއްމު ފަރާތަކީ މަންމަ ކަމަށް ކަނޑައެޅުއްވި ފަރާތުންނެވެ. މި ކަންކަމާ މެދުގައި ފުންކޮށް ވިސްނައިލުމުން، އެންމެ ކަމޭހިތާން، އެންމެ ލޮބުވަތާން، އެންމެ ކިޔަމަންތެރި ވާން ޖެހެނީ މަންމަޔަށް ކަމަށް ބުނާ އިލާހީ ގާނޫނުގެ ހިކުމަތް މަޑުމަޑުން ވިސްނޭން ފަށާނެއެވެ. މަންމަގެ ފައިތިލަދަށުން ނޫނީ ސުވަރުގެ ނުދެވޭނެ ކަމަށް އޮންނަ އޮތުމުގެ މާނަ، މަޑުމަޑުން ފަހުމު ވާން ފަށާނެއެވެ. މިއަދު އަޅުގަނޑުމެން ވީ، މަންމަޔާ ހަވާލު ކުރެއްވި މި ދެންނެވި ވަޒީފާ އާއި، އެ ވަޒީފާއާ އެކުގައި އަންހެނުންނަށް ދެއްވެވި މަތިވެރި މަގާމާއި ދަރަޖަ ވެސް އެއްލައިލާން ތޯއެވެ؟ މައިވަންތަކަމުގެ ޝަރަފާއި އިއްޒަތާއި ކަރާމާތަށް ވުރެ ބޮޑު ޝަރަފެއް، އިއްޒަތެއް، ކަރާމާތެއް އޮވޭ ތޯއެވެ؟
ދެ ޖިންސުގެ ދެމެދުގައި ވާ ތަބީއީ އަދި ހަޔަވީ ތަފާތަކީ ބޭތަރުތީބީ ނުވަތަ "ރޭންޑަމް"، އެއްވެސް މާނައެއް ނެތް، ކަނު އިއްތިފާގެއް ނޫނެވެ. އެއީ އިލާހީ ހިކުމަތުގެ ތެރެއިން ކަނޑައެޅިގެން އަންނަ ކަންކަމެވެ. ދެ ޖިންސު ތަފާތު ކުރެއްވީ ދެ ޖިންސުގެ ދައުރު ވެސް ތަފާތު ކުރެއްވުމަށެވެ. ދެ ޖިންސުގެ ތަބީއީ އަދި ފިތުރީ ތަފާތު ބިނާ ވެފައި ވަނީ، ދެ ޖިންސުގެ ދައުރުގެ ތަފާތުގެ މައްޗަށެވެ.
ދާދި ފަހުން އަޅުގަނޑުގެ ރައްޓެއްސަކު ބުނީ، ގޭގެ ކަންކަމުގައި ފިރިހެނުންނަށް ވަކި ޒިންމާތަކެއް، އަންހެނުންނަށް ވަކި ޒިންމާތަކެއް ނެތް ކަމުގައެވެ. އޭނާ ދެއްކީ އަނބިމީހާއެކޭ އެއްފަދައިން އޭނާ ވެސް ކައްކާ ވާހަކަ އާއި، ދަރިފުޅު ފެންވަރުވައި ރީތި ކޮށް ހަދާ ވާހަކަ އާއި، ދެން ވެސް މި ބާވަތުގެ ވާހަކަތަކެކެވެ. އަޅުގަނޑު އޭނާޔާ ކުރި ސުވާލަކީ، ގޭގެ ފުރާޅުން ފެން ފައިބާން ފެށުމުން، ނުވަތަ ކުނި އެޅިގެން ފުރާޅުގެ ދިޔަދޮވި ބެދުމުން، ނުވަތަ ފެން މޯޓަރު ހަލާކު ވެގެން ފެން ބަންދު ވުމުން، މި ކަންކަން ހައްލު ކުރުމަށް ފޫގަޅައިގެން އަނބިމީހާ ދޭތޯއެވެ. ވަރަށް ތެދުވެރިކަމާ އެކު އަޅުގަނޑުގެ އެކުވެރިޔާ ބުނީ، ދުވަހަކުވެސް މިއިން ކަމެއް އަނބިމީހާ ނުކުރާ ކަމުގައެވެ. އެކުވެރިޔާގެ އަނެއް ޒުވާބަކީ، ތުއްތު ދަރިފުޅުގެ ކަންކަމުގައި މަންމަޔާއި ބައްޕަގެ ވަޒީފާގެ ފަރަގެއް ނެތް ކަމުގެ ޒުވާބެވެ. އޭނާ ބުނީ ދަންވަރު ދަރިފުޅު ހެއިލައި ރޮއިގަތުމުން، އަނބިމީހާ ނިދާން ބާއްވައިފައި، އޭނާ ތެދު ވެ ކުއްޖާގެ ކަންކަން ކުރާ ކަމުގައެވެ. އަޅުގަނޑުގެ ސުވާލަކީ، ކުއްޖާއަށް އެ ވަގުތު ބޭނުން ވާ އެންމެ މުހިއްމު އެއް ކަންތައް ކަމުގައި ވާ، ބުއް ދިނުމުގެ ކަންކަން، މަންމަޔާ ނުބައްސައި ބައްޕަ ހަމަޖައްސަނީ ކިހިނެއް ބާވައޭ، މިއެވެ. ތުއްތު ކުދީންގެ ތަބީއަތާއި ފިތުރަތު ހުންނަ ގޮތުން، އެ ވަގުތު ކުއްޖާއަށް ބޭނުން ވާނީ މަންމަގެ އުރު ތޯ ނުވަތަ ބައްޕަގެ މުލައްދަނޑި ތޯ، މި ނުކުތާޔާ މެދުގައި އޭނާ ވިސްނައިލި ބާވައޭ، މި ސުވާލެވެ. އެފަދަ ވަގުތުގައި، މަންމަގެ އުރުން ކުއްޖާ މަހުރޫމު ކޮށްލުމުން، ކުއްޖާގެ ނަފްސާނިއްޔަތަށް ކުރާނެ އަސަރުތަކާ މެދު އަޅުގަނޑުމެންނަށް އެނގެނީ ކޯއްޗެއް، ކިހައި ވަރަކަށް ބާވައޭ، މި ސުވާލެވެ. އަންހެނުންނާއި ފިރިހެނުން އެކައްޗަކަށް ހެދުމުގެ ހަނގުރާމައިގައި، މައުސޫމު ތުއްތު ކުދީންގެ ހައްގުތަކަށް ދެވޭ މިނެއް ނުވެސް އެނގޭ ގެއްލުމާއި ހަލާކަކީ ވެސް "ކޮލެޓަރަލް ޑެމޭޖް" ކަމަށް ހަދައި ކޮނޑު އަރުވައިލައިފައި މައްސަލަ ނިންމައިލާން ވީ ބާވައެވެ!
ވަރަށް ރަނގަޅު ވާހަކައެކެވެ. ދިރިއުޅުމުގެ ކަންކަމާއި، ގޭތެރޭގެ ޒިންމާތަކުގައި ދެމަފިރީން މުޅީން ތަޚައްސުސު ވާކަށް ނުޖެހެއެވެ. ކެއްކުމާއި، ދޮވެ އިސްތިރި ކުރުމާއި، ބާޒާރު ކުރުމާއި، ގެއަށް އަންނަ މެހުމާނުންނަށް މެހުމާންދާރީ އަދާ ކުރުމާއި، ދަރިފުޅު ރީތި ކޮށްގެން ބުރު ޖަހައިލާން ދިޔުން ފަދަ ކަންކަމުން ފެށިގެން ގޮސް، ފަރުނީޗަރުގެ ތަރުތީބު ބަދަލު ކުރުމާއި ގޭގެ ކުލަ އާ ކުރުމާ ހަމަޔަށް، ހުރިހާ ކަމެއްގައި ވެސް، ދެމަފިރީން އެކަކު އަނެކަކަށް އެހީތެރި ވާން ޖެހޭނެއެވެ. ތުއްތު ދަރިފުޅު ދަންވަރު ހެއިލުމުން، އަނބިމީހާ ތެދު ވެ ދަރިފުޅަށް ބުއް ދީގެން ދަރިފުޅު ހަމަޔަކަށް އަޅުވާން އުޅޭ އިރު، ފިރިމީހާ ވެސް ތެދު ވެ، އަނބިމީހާއާ ބައިވެރި ވާން ވާނެއެވެ. ނަމަވެސް އާއިލާ އާއި ގޭތެރޭގެ މި ބާވަތުގެ ޒިންމާތަކުގައި ފިރިމީހާ އާއި އަނބިމީހާގެ އެއްވެސް ފަރަގެއް ނެތް ކަމަށް ބުނުމަކީ އިންސާނީ ފިތުރަތާ އަރައިރުން ވެގަތުމެވެ. ތަބައީ ގާނޫނާ ދެކޮޅަށް ޖަގަޑާ ހަދައިގަތުމެވެ. ހައްދު ފަހަނައަޅައި ދިއުމެވެ.
އަންހެނުންނާއި ފިރިހެނުންނަކީ ތަފާތެއް ނެތް އެކައްޗަކަށް ހަދައިގަތުމުގެ ނަތީޖާއެއްގެ ގޮތުން ހުޅަނގުގެ މުޖުތަމައުތަކުގައި ދިމާ ވާ އެތައް މައްސަލަތަކެއްގެ ވާހަކައަކީ ދިގު ވާހަކައެކެވެ. ވަރަށް ކުޑަކުޑަ ކަމެއްގެ ވާހަކަ ދައްކަމާތޯއެވެ! ބީބީސީ އޮންލައިނުގައި 1 ޑިސެންބަރު 2015 ގައި ޝާއިއު ކުރިލިޔުމެއްގައިއޮތީ ސްވިޑްންގައި، ޖިންސު ނުވަތަ މިންތީގެ ހަމަހަމަކަމުގެ މަފްހޫމު ތަންފީޒު ކުރެވުނު ގޮތުން، ރޭލެއް ނުވަތަ ބަހެއް ފަދަ އެއްޗެއްގައި ދަތުރު ކުރާ އިރު، ސީޓު ބޭނުން ކުރުމުގައި އަންހެން ކުއްޖަކަށް އިސްކަން ދޭން ވެސް ފިރިހެނަކަށް މިހާރު ނުކެރޭ ވާހަކައެވެ. އަންހެން ކުއްޖަކު ބަރު ދަބަހެއް އެއްޗެއް ހިފައިގެން ހުނ ކިޔަމުން އުޅޭ ތަން ފެނުނަސް، އެހީ ވާން ވެސް ފިރިހެނުން ޖެހިލުން ވާ ވާހަކައެވެ. އެފަދަ ކަމެއް ކުރުމަކީ، އަންހެނުންނަކީ ނިކަމެތި ބައެއް ކަމަށް ތިމާ ދެކޭ ކަމުގެ އަލާމާތަކަށް ވެދާނެތީއެވެ.
އެކަމަކު ހަމަހަމަ ...
ދެ ޖިންސު ތަފާތަސް، އިސްލާމް ދީނުގައި އަންހެނުންނާއި ފިރިހެނުންނަކީ އިންސާނީ ކަރާމާތާއި، ހުރުމަތާއި، ޝަރާފަތުގެ ގޮތުން ހަމަހަމަ ދެ ބައެވެ. ތާލިބާނުން ފަދަ ހައްދު ފަހަނައެޅީންގެ ވާހަކަ ބާއްވަމާ ހިންގަވާށެވެ. ދީނުގެ ހަގީގީ ދަންނަބޭކަލުން އެކަން ކަށަވަރު ކޮށްދެއްވައެވެ. ޤުރުއާނާއި ސުންނަތުގެ އެތައް ދަލީލުތަކެއްގެ އަލީގައެވެ. ޙަންނާ ބިންތި ޢިމްރާނާއި އެ ކަމަނާގެ ދަރިކަނބަލުން އައްސައްޔިދާ މަރްޔަމްގެ ވާހަކަ ކީރިތި ޤުރްއާނުގައިއައިސްފައި ވާ ގޮތުންވެސް، އިސްލާމް ދީނުގައި ވަކި ޖިންސަކަށް ވަކި މާތްކަމެއް، ނުވަތަ ޚާއްސަ އިމްތިޔާޒެއް ނުވަތަ ޝުހުރަތެއް ނެތް ކަމާއި، އަންހެނުންގެ ދަރަޖަ އާއި މަގާމުގެ މަތިވެރިކަން އެނގެއެވެ.
އަންހެނުންނާއި ފިރިހެނުން ތަފާތެވެ. އެކަމަކު ހަމަހަމައެވެ. ދެ ޖިންސުގެ ދައުރާއި މަސްއޫލިއްޔަތު ތަފާތެވެ. ނަމަވެސް މަގާމާއި ދަރަޖަ ހަމަހަމައެވެ. މިއީ ފަހެ، ވިސްނައިނުގަނެވޭ ވަރުގެ ބޭޖަދީދު މަފްހޫމެއް ތޯއެވެ؟
ކީރިތި ރަސޫލާ ޙަދީޘް ކުރައްވަނީ އިލްމު ހޯދުމަކީ ކޮންމެ މުސްލިމް ފިރިހެނަކާއި އަންހެނެއްގެ މައްޗަށް އެއް މިންވަރަކަށް އޮތް ފަރުޟެއް ކަމުގައެވެ. މަންމަޔަކީ އިލްމެއް ނެތް ޖާހިލެއް ނަމަ، އޭނާ ދަރިފުޅަށް ދޭނީ ކޮން ތަރުބިއްޔަތެއް ތޯއެވެ؟ އަންހެނުން ގޭގެ ހަތަރު ފާރުގެ ތެރޭގައި ގައިދު ވެ ފިލައި ތިބޭކަށް ނުޖެހެއެވެ. އެކަނބަލުން މުޖުތަމައަށް ނުކުމެ، އިޖުތިމާއީ ހަޔާތުގައި ބައިވެރި ވާން ޖެހެއެވެ. އިސްލާމީ މުޖުތަމައަކަށް އަންހެން މުދައްރިސުންނާއި ޕްރޮފެސަރުން ބޭނުމެވެ. އަންހެން ޑޮކްޓަރުންނާއި ފުލުހުން ބޭނުމެވެ. އަންހެން ގާނޫނީ ވަކީލުންނާއި އަންހެން ދީނީ އިލްމުވެރީން ބޭނުމެވެ. އަންހެން ވަޒީރުންނާއި އަންހެން މަންދޫބުން ވެސް ބޭނުމެވެ. އިޖުތިމާއީ ތަފާތު މައްސަލަތަކުގައި އަންހެނުންގެ ނަޒަރުން ކަންކަން ފެންނަ ގޮތް ބަޔާން ކޮށްދޭނެ އިޖުތިމާއީ ލީޑަރުންނާއި މުހައްރިކުންނާއި މުބާހިސުން ވެސް ބޭނުމެވެ.
ނަމަވެސް މި ކަންކަން ކުރާން ޖެހެނީ، އިންސާނީ ތަބީއަތާއި ފިތުރަތުގައި ކަނު އިންކާރުގެ ބަރު މަރުތޭލުން ޖަހައިފައި، އަންހެނުންނާއި ފިރިހެނުން އެއީ އެކައްޗަކަށް ހަދައިގެނެއް ނޫނެވެ. ފިރިހެނާ، ބޭރުތެރެއަށް ނުކުންނާން ޖެހެނީ އޭނާގެ އާއިލީ ޒިންމާތައް އެކަހެރި ކޮށްފައެއް ނޫނެވެ. ހަމައެހެންމެ، އަންހެނާ ވެސް މުޖުތަމައަށް ނުކުންނާން ޖެހެނީ ތިމާގެ އާއިލީ ޒިންމާތައް އެއްކިބާ ކޮށްފައެއް ނޫނެވެ. އާއިލާއެއް ނެތި، މުޖުތަމައެއް ނޯންނާނެއެވެ.
ގާނޫނުގެ ދައުރު
އަންހެނުން ނިކަމެތި ކޮށް، އަންހެނުން ގޭތެރޭގައި ބަންދު ކޮށް، އަންހެނުންނަކީ ދެވަނަ ދަރަޖައިގެ ފަންތިއަކަށް ހަދާ ބޭއިންސާފު ނިޒާމަކާ ދެކޮޅަށް މަސައްކަތް ކުރުމަކީ އިސްލާމީ ޒިންމާއެކެވެ. އެކަމަށް ޓަކައި ގާނޫނު ހެދުން ޒަރޫރީ ވެއްޖެ ނަމަ، ގާނޫނު ވެސް ހަދާން ވީއެވެ. މި ދެންނެވި ގޮތުގެ މަތީން، މިންތީގެ މެދުގައި އަދުލުވެރި ހަމަހަމަކަން ގާއިމު ކުރުމަށް ހަދާ ގާނޫނު ވާން ޖެހޭނީ އިސްލާމް ދީނުގެ ހިދާޔަތުގެ އަލީގައި ހެދޭ ގާނޫނަކަށެވެ. އިންސާނީ ބުއްދި އާއި ޒަމީރު ގަބޫލު ކުރާ، އިންސާނީ ފިތުރަތާއި ތަބީއަތާ ތައާރުޒު ނުވާ ގާނޫނަކަށެވެ. ނަމަވެސް މުޖުތަމައުގައި އޮތްހައި މައްސަލައެއްގެ ހައްލަކީ ގާނޫނު ކަމަށް ބަލައިގެން ވެސް ނުވާނެއެވެ. ގާނޫނުން ހައްލު ކުރާ މައްސަލަ ހުންނަ ފަދައިން، އެހެން ވަސީލަތްތައް ބޭނުން ކޮށްގެން، އެހެން ގޮތްގޮތުން ހައްލު ކުރާން ޖެހޭ މައްސަލަ ވެސް ހުންނާނެއެވެ.
މިހާރު ރައްޔިތުންގެ މަޖިލިހަށް ހުށަހެޅިފައި އޮތް ބިލުން، މިންތި "ހަމަހަމަ ކޮށްދޭ" މިންވަރު ވެސް ކުޑަ ވެގެން ބައެއް މީހުން ޝަކުވާ ކުރާތީ އަޑު އިވެއެވެ. މިސާލަކަށް، ބިލާ ބެހޭގޮތުން ވާހަކަ ދެއްކި އަމިއްލަ ޖަމިއްޔާއަކުން ބުނީ އެ ގާނޫނުގެ ޒަރީއާއިން، އިންތިޚާބު ވެވޭ މަޖިލިސްތަކާއި ކައުންސިލްތައް ފަދަ ބައެއް ތަންތަނުން، ވަކި އަދަދަކަށް އަންހެނުންނަށް ގޮނޑި ކަށަވަރު ކޮށްދޭން ވެސް ޖެހޭ ކަމަށެވެ.
އިންތިޚާބެއްގައި، ވާދަ ވެވޭ 100 ގޮނޑީގެ ތެރެއިން 40 ގޮނޑި، އަންހެނުންނަށް ޚާއްސަ ކޮށް، ވަކި ޖިންސަކަށް ވޯޓު ލާން ރައްޔިތުންނަށް މަޖުބޫރު ކުރުމުން، ބޭނުން ކެންޑިޑޭޓަކަށް ވޯޓު ލުމަށް ރައްޔިތުންނަށް އޮތް މިނިވަންކަމާއި އިޚްތިޔާރަށް އަރައިގަނެވެނީ ނޫން ބާވައެވެ! ގާބިލު ނޫން 40 އަންހެނުން، ގާނޫނުގެ ބާރުގައި ގޮނޑިތަކަށް ގެންދިޔުމަށް ވުރެ، އަންހެން ޖިންސަށް ފައިދާ ބޮޑު ފިޔަވަޅަކީ އެއްކަލަ 40 އަންހެނުން ގާބިލު ބަޔަކަށް ހެދުމުގެ މަސައްކަތް ކުރުން ނޫން ބާވައެވެ! ލާއިގު ނޫން، ގާބިލު ނޫން އަންހެނުންތަކެއް މަޖިލިސްތަކާއި ކައުންސިލްތަކުގެ ގޮނޑިތަކުގައި ގާނޫނުގެ ބާރު ބޭނުން ކޮށްގެން ބައިތިއްބައިފައި، އެމީހުން ފޭލި ވުމުން، ވެއްޓޭނީ ކޮން ބައެއްގެ އަގު ބާވައެވެ! ގާނޫނުގެ ބާރުގައި އަންހެނުންނަށް ގޮނޑިތަކާއި މަގާމުތައް ކަށަވަރު ކޮށްދިނުމުން، އެ ބުނެވެނީ "އަންހެނުންނަކީ ޚާއްސަ އެހީއަށް ބޭނުން ވާ ބައެކޭ" މިހެން ނޫން ބާވައެވެ!
ރާއްޖޭގެ އިޖުތިމާއީ މައިދާނުގައި ނަގައިކިޔައި މި އުޅެނީ މަދު އަދަދެއްގެ އަންހެނުންނެވެ. ރައްޔިތުންގެ މަޖިލިހުން، ސިޓީ ކައުންސިލުން، އަދި ކެބިނެޓުން ވަކި އަދަދެއްގެ ގޮނޑި އަންހެނުންނަށް ކަށަވަރު ކޮށްދީފި ނަމަ، އެ ގޮނޑިތައް ތިމާމެންނަށް ލިބޭނެ ކަން މި ދަންނަވާ މަދު ކަނބަލުންކޮޅަށް ޔަގީން ވާ ކަމަށް ފެނެއެވެ. އެތަންތަނުން އަންހެނުންނަށް ގޮނޑިތަކެއް ކަށަވަރު ކޮށްދޭން އެމީހުން ގޮވަނީ، މާ ބޮޑު މަސައްކަތެއް ނުވަތަ ޗެލެންޖެއް ނެތި، ތިމާމެންނަށް އެ ގޮނޑިތައް ލިބޭނެ ކަމުގެ އުއްމީދުގައި ނޫން ބާވައޭ މި ސުވާލު ވެސް އުފެދެއެވެ.
ގާނޫނަކީ އިލްމާއި ހިކުމަތް ނެތް މީހާ، ބަނުމާއި މޮހުމުގެ މަގާމަށް ނަގައިދޭ އެއްޗަކަށް ވެގެން ނުވާނެއެވެ. ގާނޫނަކީ އެއްވެސް މީހަކަށް ހައްގު ނޫން މަގާމެއް، އިނާޔަތެއް، އިމްތިޔާޒެއް، ނުވަތަ ޚާއްސިއްޔަތެއް އޭނާއަށް ދޭން ބޭނުން ކުރެވޭ ހަތިޔާރަކަށް ވެގެން ނުވާނެއެވެ. ގާނޫނަކީ އެއްވެސް މީހަކަށް، އޭނާގެ އަމިއްލަ ހިންމަތާއި ހަކަތައިން، އޭނާގެ އަމިއްލަ ދެ ފައިގެ ބާރުގައި ހިނގައިފައި ނުދެވޭނެ މަންޒިލަކަށް، އޭނާ އުރައިލައިގެން ގެންގޮސްދޭ ފަސާދަވެރިއަކަށް ވެގެން ނުވާނެއެވެ. އެހެން ވެއްޖެ ނަމަ، އަމިއްލަ ހިންމަތާއި މިންނަތުން، އަމިއްލަ ފައިން ހިނގައި ކުރިޔަށް ދާ މީހުންނަށް އެ ވެވެނީ ބޭއިންސާފު ނޫންތޯއެވެ!
ގާނޫނު ވާން ޖެހޭނީ، ތިމާޔަށް ހައްގު މަގާމަކަށް ދިޔުމަށް، ނުވަތަ ހައްގު އިނާޔަތެއް، ހައްގު އިމްތިޔާޒެއް، ނުވަތަ ހައްގު ޚާއްސިއްޔަތެއް ހޯދުމަށް ނުވަތަ ލިބިގަތުމަށް މީހަކު ކުރާ މަސައްކަތަށް ނުހައްގުން، ބޭއިންސާފުން އެޅޭ ނުވަތަ އަޅާ ހުރަސް ނައްތައިލައިދޭ އެއްޗަކަށެވެ. ވީމާ، މިންތީގެ ހަމަހަމަކަމާ ބެހޭ ގާނޫނުގެ މަގުސަދަކަށް ވާން ވާނީ، ފިރިހެން ޖިންސަށް ބޭއިންސާފުން ޚާއްސަ އިމްތިޔާޒުތައް ދިނުން ހުއްޓުވުމެވެ. އަންހެނުންގެ އިލްމީ، ރޫހާނީ، އަޚްލާގީ، އަދި މާއްދީ ތަރައްގީއަށާއި، އަންހެނުން ގާބިލު ކުރުވުމަށް އެޅިފައި އޮންނަ ހުރަސްތައް ނައްތައިލުމެވެ. ހައްގުތައް ލިބިދިނުމުގައްޔާއި، މުޖުތަމައުގެ ކަންކަމުގައި ބައިވެރި ވުމުގައްޔާއި، އިޖުތިމާއީ ހަޔާތުގެ ދާއިރާތަކުން ފައިދާ ލިބިގަތުމުގައި، އަންހެނުންނަށް ހުރި ހުރަސްތައް ނައްތައިލުމެވެ.
ހަގީގީ މައްސަލަތަކަކީ ކޮބައިތަ؟
މިންތީގެ މެދުގައި އިންސާފީ ހަމަހަމަކަން ގާއިމު ކޮށް، އަންހެނުންގެ ހައްގުތައް ހިމާޔަތް ކުރުމަށް ޓަކައި ކުރާން ޖެހޭ ލައްކަ ކަންކަން އެބަ ހުއްޓެވެ. މިސާލަކަށް، ގެވެށި އަނިޔާގެ ޝިކާރައަށް ވާ އަންހެނުން ރައްކައުތެރި ކުރުމުގެ މަސައްކަތެވެ. ޖިންސީ ކާލާއެއް ނުވަތަ "ސެކްސް އޮބްޖެކްޓް" އެއްގެ ގޮތުގައި އަންހެނުން ބޭނުން ކުރުމުގެ ބޮޑު މައްސަލައެވެ. އިލްމީ ގޮތުންނާއި ހުނަރުވެރިކަމުގެ ގޮތުން ގާބިލު ބަޔަކަށް ވުމަށް މަސައްކަތް ކުރުމުގެ ބަދަލުގައި، ކަސޯޓީ ޒިންދެގީ ކޭ އާއި ވެމްޕަޔަރ ޑައިރީޒްގެ ދުނިޔެއަށް ޣަރަގު ވެފައި ޅަފުރައިގެ އެތައް ހާސް އަންހެން ކުދީން ތިބޭ މައްސަލައެވެ.
ގެވެށި އަނިޔާ ލިބޭ އެތައް ހާސް އަންހެނުން ރާއްޖޭގައި ތިބި އިރު، އެމީހުންނަށް މަދަދުވެރި ވާނެ މޫސަރު ނިޒާމެއް ނެތެވެ. އަނިޔާ ލިބޭ އަންހެން ކުއްޖަކު ރައްކައުތެރިކަމަށް ހޯދުމަށް ޓަކައި ގޮސް ވަންނާނެ ތަނެއް، ގުޅާނެ ތަނެއް، މީހެއް ހަގީގަތުގައި ނެތެވެ. ގިނަ އަންހެނުންނަށް، އެ ހާލަތުގައި ހަދާނެ ގޮތެއް ނުވެސް އެނގެއެވެ. ހަމައެހެންމެ، ޖިންސީ ކާލާއެއްގެ ގޮތުގައި ޒުވާން އަންހެން ކުދީން ބޭނުން ކުރެވޭ މައްސަލައަކީ ވެސް އަޅުގަނޑުމެންގެ ތެރޭގައި ނުހަނު ބޮޑު މައްސަލައެކެވެ. މިއީ ވެސް ހުޅަނގު ކޮޕީ ކުރާ މީހުން އަޅުގަނޑުމެންގެ ތެރޭގައި ފަތުރައިގެން އުޅޭ ކެންސަރެކެވެ. މިލިއަން މިލިއަން ރުފިޔާގެ ސިނާއަތެއް ކަމަށް ވާ އިޝްތިހާރުގެ ސިނާއަތާއި، ރާއްޖޭގައި ވެސް ފެތުރެމުން ދާ މޮޑެލް ކުރުމުގެ ދާއިރާއިން މި މައްސަލަ ފެނެއެވެ. "މޮޑެލިން" ގެ ވިޔަފާރި އަކީ ޖިންސީ ކާލާއެއްގެ ގޮތުގައި އަންހެން ކުދީން އިސްތިއުމާލު ކުރުމުގެ ނަމޫނާއެކެވެ. މި ކަމުގެ އެތައް ހެކިތަކެއްގެ ތެރެއިން އެއް ހެއްކަކީ، ދާދި ފަހުން، ފަރަންސޭސި ވިލާތުގެ "ސުޕަރ މޮޑެލް" ވިކްޓޮޣާ މެސޮން ޑޮއުސެޣީކުރި ތަޖުރިބާތަކެވެ.
އަދުލުވެރި އަދި ބިނާ ކުރަނިވި ގޮތަކަށް މިންތީގެ ހަމަހަމަކަން ގާއިމު ކޮށް، އަންހެނުންގެ ހުރުމަތާއި ހައްގުތައް ރައްކައުތެރި ކުރުމަށް ޓަކައި، އަޅުގަނޑުމެން ވިސްނާން ވީ މި ދެންނެވި ފަދަ ކަންކަމާ މެދުގައެވެ. މި މުގައްދަސް މަސައްކަތަކީ ދެ ޖިންސުގެ ދެމެދުގައި ރަސްކަލާނގެ ލެއްވެވި ތަބީއީ އަދި ފިތުރީ ތަފާތުތަކަށް ގޮން ޖަހައި، އެކަލާނގެ ރަސްކަންފުޅާ ދެކޮޅަށް ކުރާ ބަގާވާތަކަށް ވެގެން ނުވާނެއެވެ. ކީރިތި ރަސޫލާގެ ނަންފުޅު އިވުމުން އެއް މިޔަކަނުން މަލާމާތުގެ ހިނި ހޭ ތިރީހަކަށް ސާޅީހަކަށް އަންހެނުން، ވަލުދޮރޯށިން ގައުމުގެ މަތީ މަޖިލިސްތަކަށް ވައްދައިދޭ ކުޅިގަނޑަކަށް ހަދައިގެން ނުވާނެއެވެ. ހައްގުތައް ރައްކައުތެރި ކުރުމާއި، އިންސާފީ ހަމަހަމަކަން ގެނައުމާއި، އިޖުތިމާއީ އަދާލަތު ގާއިމު ކުރުން، މިއީ ހަގީގަތުގައި ސިޔާސީ ސުވާލުތަކެއް، ސިޔާސީ މައްސަލަތަކެއް ނޫނެވެ. މިއީ އިންސާނީ މައްސަލަތަކެކެވެ. މި މައްސަލަތައް ހައްލު ކުރެވޭނީ ސިޔާސީ އެދުންވެރިކަން އެއްފަރާތް ކޮށް، އިންސާނީވަންތަ ވިސްނުމަކުން ވިސްނައިގެންނެވެ. އިލްމާއި، ހިކުމަތާއި، އީމާނާއި، އަޚްލާގާއި، ކުލުނާއި، ރަހުމުގެ ބުންޔާދެއްގެ މައްޗަށް ބިނާ ކުރެވޭ ފިކުރާއި ތަދުބީރުންނެވެ.
ނިންމައިލަމުން، ދާދި ފަހުން ފެނިގެން ދިޔަ ކަމެއްގެ ވާހަކަ ދަންނަވައިލިޔަދެއްވާށެވެ.
އިސްލާމް ދީނުގައި ވަނީ އަންހެނުންނާއި ފިރިހެނުންގެ ތަފާތު ބަޔާން ކޮށްދެއްވައިފައެވެ. ކީރިތި ރަސޫލާ އަޅުގަނޑުމެންނަށް ކުރެއްވި އެއް އަމުރުފުޅަކީ، އަންހެނުންނާއި ފިރިހެނުން ތަފާތުކޮށް ހެދުން އަޅައިއުޅުމުގެ އަމުރުފުޅެވެ. ނަމަވެސް މި ފެށުނު ދިރާސީ އަހަރާ އެކު، އަޅުގަނޑުމެންނަށް ފެނުނު އެއް މަންޒަރަކީ، ރާއްޖޭގެ ކުޑަކުދީންނަށް ކިޔަވައިދޭ ބައެއް މަދަރުސާތަކުގައި، އަންހެން ކުދީންގެ ޔުނިފޯމަކީ، ފިރިހެން ހެދުމެއް ކަމަށް ވާ ގަމީހާއި ފަޓުލޫނު ކަމަށް ހަމަޖެއްސި ތަނެވެ. ގަމީހުގެ ވަކި ދިމާޔަކުން ރުލެއް ނަގައި، ފަޓުލޫނުގައި ތިން ގޮށް ހުންނަ ތަނުގައި އެއް ގޮށް ހަރު ކުރުމުން، އެއީ އަންހެން ހެދުމަކަށް ވެޔޭ، މި ވާހަކަ ވެސް ވީ ގަބޫލު ކުރާން ތޯއެވެ!
ތެދުވެރި ގޮތުގައި، ފަޚުރާ އެކު އަޅުގަނޑުމެން އިސްލާމީ ދީނުގައި ހިފަހައްޓާކަށް ނުވޭތޯއެވެ؟ ދީނާ ދުރުހެލި ވެ، ހުޅަނގަށް އަޅުވެތި ވެ، މިލްސް އެންޑް ބޫނާއި ހޮލީވުޑާއި ކެމްބްރިޖުން ދަރީން ތަރުބިއްޔަތު ކުރުމުގެ ހިތި ނަތީޖާ އަންނަ ގޮތާ މެދު ހެއިލާކަށް އަދިވެސް ނުވޭތޯއެވެ؟ އިޚްލާސްތެރިކަމާ އެކު އިސްލާމް ދީނަށް ނުއުޅެންޏާ، ދެން އޮތީ ދުލުން ޝަހާދަތް ކިޔަމުން ހިތާއި އަމަލުން ހުޅަނގަށް އަޅުކަން ކުރުމުގެ ނިފާގީ މަގު ދޫކޮށްލައި، މުޅީން ކާފިރު ވުމުގެ މަގެވެ. ތުއްފާށަނާ ހަސަނު ބުނި ހެން، ކޮން އައްޔެއް ކޮން އަނދިރިއެއް ހޭ، ކިޔައިފައި، އިސްލާމް ދީން ނަގައި ގާދޫކޮލުން ބޭރަށް ހޫރައިލުމުގެ މަގެވެ. މުނާފިގުކަމަށް ވުރެ ކާފިރުކަން ވެސް ރަނގަޅުތާއެވެ! ނަރަކައިގައި ވެސް މުނާފިގުންނަށް ވުރެ ކާފިރުންގެ އަޒާބު ދަރަޖައެއް ލުއި ވާނެޔޭ އިލްމުވެރީން ވިދާޅު ވޭ ވިއްޔާއެވެ.