31 Mar 2016, 13:04
ސްޕެއިންގެ ރެއާލް މެޑްރިޑްގެ ކޯޗު ޒައިނުއްދީން ޒިދާންއަކީ އެކްލަބަށް އިރުޝާދުދޭން އެންމެ ރަނގަޅު ކޯޗު ކަމަށް ކުރީގެ ސްޕެއިން ފޯވަޑް ފެނާންޑޯ މޮރިއެންޓޭސް ބުނެފި އެވެ.
ރެއާލްގެ ކޯޗުކަމުން ރަފައެލް ބެނިޓޭޒް ދުރުކުރުމަށްފަހު އެކްލަބުގެ ކޯޗު ކަމަށް ފްރާންސް ކޯޗު ޒިދާން ހަމަޖައްސާފައި ވަނީ މި އަހަރުގެ ޖެނުއަރީ މަހުގެ ކުރީކޮޅެވެ. ރެއާލަށް ބެނިޓޭޒް އިރުޝާދު ދީފައި ވަނީ ހަތް މަސް ދުވަހުގެ މުއްދަތަކަށެވެ.
ސްޕެއިންގެ ސެގުންޑާ ޑިވިޝަން ބީގެ ކްލަބު ކަސްޓިލާއަށް އިރުޝާދު ދިނުމުގެ ކުރިން ފްރާންސްގެ ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ޒިދާން ވަނީ ރެއާލްގައި ކާލޯ އެންޗެލޮޓީގެ އެސިސްޓަންޓެއްގެ ގޮތުގައި ވެސް މަސައްކަތްކޮށްފަ އެވެ.
"އަހަރެން ދެކެނީ ޒިދާނަކީ އަހަރެންނަށް ފެނުނު އެންމެ މޮޅު ކުޅުންތެރިޔާ ކަމަށް. އަހަރެން އޭނާއާއެކު އަދި ގައުމީ ޓީމުގައި އޭނާއާ ދެކޮޅަށް ވެސް ކުޅުނިން. އެ ފަދަ ފުޓްބޯޅަ ލެޖެންޑަކާއެކު ކުޅެލަން ލިބުމަކީ އަހަރެންނަށް ލިބުނު ފަހުރެއް. ކޯޗެއްގެ ގޮތުގައި ކުރިއަށްދިއުމަށް ޒިދާން ނިންމުމަކީ ރަނގަޅު ނިންމުމެއް. އޭނާއަށް ކޯޗެއްގެ ގޮތުގައި ވެސް ކާމިޔާބު ހޯދިދާނެ،" އޮމްނިސްޕޯޓް އަށް ދިން އިންޓަވިއުއެއްގައި މޮރިއެންޓޭސް ބުންޏެވެ.
ރެއާލްގައި ޒިދާންއާއެކު 2001 ވަނަ އަހަރުން ފެށިގެން 2005 ވަނަ އަހަރުގެ ނިޔަލަށް ކުޅުނު މޮރިއެންޓޭސް ބުނީ، ޒިދާންއަށް ލިބުނު ތަޖުރިބާތަކުން އޭނާއަށް މޮޅު ކޯޗަކަށް ވެވިދާނެ ކަމަށާއި ޒިދާންއަށްވުރެ ތަޖުރިބާ ގިނަ ކޯޗުން ތިބި ކަމަށްވިޔަސް އޭނާއަށް ކެރިޔަރުގައި ކާމިޔާބު ހޯދިދާނެ ކަމަށެވެ.
ރެއާލް އޮތީ ސްޕެނިޝް ލަލީގާގެ ތިން ވަނައިގަ އެވެ. ލަލީގާގެ އެއް ވަނައިގައި އޮތް ވާދަވެރި ބާސެލޯނާއާ ރެއާލްއާ ދެމެދު ދިހަ ޕޮއިންޓްގެ ފަރަގެއް އެބައޮތެވެ. ލަލީގާގައި އަންނަ ހޮނިހިރު ދުވަހު ބާސާއާ ދެކޮޅަށް ރެއާލް ނުކުންނާނެ އެވެ. ބާސާގެ ކޭމްޕް ނޯ ސްޓޭޑިއަމްގައި ކުޅޭ މި މެޗު ފަށާނީ ރާއްޖެގަޑިން ހޮނިހިރު ދުވަހުގެ ރޭ 11:30 ގައެވެ.