31 Mar 2016, 11:57
ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އިތުރަށް ދަށްވެ، ތެޔޮ ފީފާއެއްގެ އަގު 38 ޑޮލަރަށް ވެއްޓިއްޖެ އެވެ.
މިއީ ދެ ހަފްތާ ތެރޭގައި ތެލުގެ އަގު އެންމެ ބޮޑަށް ދަށްވި ދަށްވުމެވެ. ތެލުގެ އަގު މިފަހަރު ދަށްވެގެން ދިޔައީ، އެމެރިކާގައި ސާފު ނުކުރާ ތެޔޮ ނަގާ މިންވަރު އިތުރު ކުރުމުންނެވެ. އެހެންކަމުން ތެޔޮ އޯވަސަޕްލައި ވެދާނެ ކަމުގެ ބިރު، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވަނީ އުފެދިފަ އެވެ.
އެމެރިކާގައި ސާފު ނުކުރާ ތެލުގެ ސްޓޮކު މިދިޔަ ހަފްތާގައި ވަނީ 2.3 މިލިޔަން ފީފާ އިން، 534.8 މިލިޔަން ފީފާ އަށް އުފުލިފައި ކަމަށް އެމެރިކާގެ ކަމާ ބެހޭ އިދާރާތަކުގެ ތަފާސް ހިސާބުތައް ދައްކަ އެވެ.
ތެޔޮ ފީފާއެއްގެ އަގު 38.28 ޑޮލަރަށް ވެއްޓިފައިވާ އިރު، މީގެ ކުރިން އެ އަގު ހުރީ 38.81 ޑޮލަރުގަ އެވެ. އަދި މީގެ ދުވަސްކޮޅެއް ކުރިން ތެލުގެ އަގު 40.61 ޑޮލަރުގައި ވެސް ހުއްޓެވެ.
ދުނިޔޭގެ ބޮޑެތި ކުންފުނިތަކުގެ އިސްވެރިން ލަފާކުރާ ގޮތުގައި، ތެލުގެ އަގު މި އަހަރު ނިމެންދެން ވެސް އޮންނާނީ މިކަހަލަ ގޮތަކަށެވެ.
ޖަޕާނުގެ މިޓްސުބިޝީ ކޯޕަރޭޝަނުގެ އޮއިލް ރިސްކް މެނޭޖަރ ޓޯނީ ޓުނާން ވިދާޅުވީ، މި އަހަރު ނިމުމާއި ހަމައަށް ތެލުގެ އަގު ދާނީ "ޒިގްޒެގް" ވަމުން ކަމަށެވެ.
މަސްދަރު: ރޮއިޓާރސް