31 Mar 2016, 11:49
ދިރާގު ފޯނުލައިންތައް ކެނޑިފައި ހުރުމުގެ ސަބަބުން ފެމެލީ ކޯޓުގެ ބައެއް ކައިވެނިތައް ކުރުމަށް ބުރޫ އަރައިފި އެވެ.
ފެމެލީ ކޯޓުން މިއަދު ބުނީ ދިރާގުގެ ފޯނުލައިންތަކުގެ ހިދުމަތް ކެނޑިފައި ހުރުމުގެ ސަބަބުން އެކޯޓުން ރަށު ކޯޓުތަކަށް ފޮނުވާ ފެކްސްތަކަށް ޖަވާބް ނުލިބުމުގެ ސަބަބުން ކައިވެނީގެ ރިކޯޑު ސާފު ނުކުރެވޭވޭތީ ތާވަލު ކޮށްފައިވާ ބައެއް ކައިވެނިތައް ކުރުމަށް ބުރޫ އަރާފައިވާ ކަމަށެވެ.
ފެމެލީ ކޯޓު ކައިވެނީގެ ރަޖިސްޓާ އަހުމަދު އަބްދުﷲ މިއަދު ސަން އަށް ވިދާޅުވީ އެމައުލޫމާތުތައް ނުލިބޭތީ އަތޮޅުތެރޭ ފަރާތްތަކުގެ ބައެއް ކައިވެނިތައް ލަސްވަމުން އަންނަ ކަމަށެވެ.
"މާލޭގެ މީހުންގެ ވިއްޔާ އަޅުގަނޑުމެންނަށް ކުރެވޭނެ، ރިކޯޑް ސާފުކުރާކަށް ގިނަ ފަހަރަކު ނުޖެހޭނެ، ރަށްރަށުގެ ކުދިން ވިއްޔާ ރިކޯޑް ސާފްކުރަން އެބަޖެހޭ." އަހުމަދު ވިދާޅުވި އެވެ.
ނަމަވެސް ވައިބާ ފަދަ ވަސީލަތްތައް ބޭނުންކޮށްގެން ބައެއް ކައިވެނިތައް ކުރަމުން އަންނަ ކަމަށް ވެސް އަހުމަދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ދިރާގުގެ އެ މައްސަލަ ހައްލުވިހާ އަވަހަކަށް ދައްޗެއް ނެތި ކައިވެނި ކުރުމުގެ ކަންކަން ހަމަޖެހިގެންދާނެ ކަމަށެވެ.
ދިރާގުން މިހާރު ދަނީ އެކުންފުނީގެ ކޭބަލްތައް ބަދަލު ކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެހެންކަމުން މިދުވަސްކޮޅު އެފަދަ މައްސަލަތައް ކުރިމަތިވެދާނެ ކަމަށް އެކުންފުނިންވަނީ ބުނެފައެވެ. އެމަސައްކަތް މިމަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށްވެސް ދިރާގުން ބުނެއެވެ.