އަލުން ދިރުމަށްޓަކައި ފުރަތަމަ ވާންޖެހޭނީ މަރުކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ. ރާއްޖެ އަށް މިހާރު ކުރިމަތިވެފައިވާ އިގުތިސާދީ މައްސަލަތަކަށް އިޝާރާތްކުރައްވައި ރައީސް ނަޝީދު މިހެން ވިދާޅުވީ ދުނިޔޭގެ މަސައްކަތްތެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ދަރުބާރުގޭ ދޮށިމޭނާ މާލަމުގައި މިއަދު ހެނދުނު ބޭއްވި ހާއްސަ ޖަލްސާގައި ވާހަފުޅު ދައްކަވަމުންނެވެ.

"މިއަދު ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު އަނެއްކާ ވެސް ދަންނަވާލަން ބޭނުންވަނީ، ޤައުމު މިއޮތީ ހަމަ މިޞްރާބުގައޭ. ސަރުކާރުގެ ޕްރޮގްރާމްތައް މިދަނީ ހިނގަމުން. އަލުން ދިރުމަށް، ފުރަތަމަ ވާންޖެހެނީ މަރު. ރާއްޖޭގެ މާލީ އަދި އިޤްތިޞާދީ ނިޒާމަށް ގެންނާން ޖެހިފައިވާ ބަދަލުތަކަކީ ކުޑަ ބަދަލުތަކެއް ނޫން" ރައީސް ނަޝީދު ވިދާޅުވި އެވެ.
ރައީސް ނަޝީދު ވިދާޅުވީ ގައުމުތަކުގެ މާލީ ކަންތައްތަކަށް ބަދަލު ގެނައުމަށް ސިޔާސީ ވެރިން ޖެހިލުންވާ ކަމަކީ ދުނިޔޭގެ ތާރީހުން ސީދާ ގޮތެއްގައި ފެންނަން އޮތް ހަގީގަތެއް ކަމަށެވެ. އަދި ގިނަ ސިޔާސީ ވެރިން އެފަދަ ކަންތައްތަކުގައި ބާރުގަދަ މަދު މީސްކޮޅެއްގެ ފިއްތުންތަކަށް ދީލާލަން ޖެހޭ ކަމަށް ވެސް އެމަނިކުފާން ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ ދިވެހި ފައިސާގެ އަގު މަތިކުރުމަށްޓަކައި ކުރަން އޮތް ކަމަކީ ސަރުކާރުން ކުރާ ހަރަދުކުޑަކުރުން ކަމަށާއި އެހެން ނަމަވެސް އަދި އެގޮތަށް ކަންތައް ކުރައްވާކަށް ގަސްދެއް ނުކުރައްވާ ކަމަށެވެ. އަދި އެގޮތަށް ކަންތައް ކުރައްވައިފި ނަމަ ދަތިތަކާ ކުރިމަތިލާން ޖެހޭ މީހުން މަދެއް ނުވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ ތަކެތީގެ އަގު ތިރިކުރުމަށާއި ރާއްޖެ އަށް ވަންނަ ޑޮލަރު ގިނަ ކުރުމަށް މަސައްކަތް ކުރެވިދާނެ ކަމަށާއި ނަމަވެސް އެފަދަ މަސައްކަތެއްގެ ނަތީޖާ ފެންނަން ދުވަސްކޮޅެއް ނަގާނެ ކަން އެއީ އެންމެން ގަބޫލުކުރަން ޖެހޭނެ ހަގީގަތެއް ކަމަށެވެ.

"ތަކެތީގެ އަގުތިރިކުރުމަށް، ރާއްޖެ އަށް ވަންނަ ޑޮލަރުގެ އަދަދު އިތުރުކުރުމަށް މަސައްކަތް ކުރެވިދާނެ. މިފަދަ މަސައްކަތެއްގެ ނަތީޖާ ފެނުމަށް ދުވަސްކޮޅެއް ނަގާނެކަން އެއީ، އަޅުގަނޑުމެން ޤަބޫލުކުރަން ޖެހޭ ޙަޤީޤަތެއް. " ރައީސް ނަޝީދު ވިދާޅުވި އެވެ.