31 Mar 2016, 12:12
ސްޓޮކްހޯމް (މާޗް 31): މިދިޔަ އަހަރު ސްވިޑެންގެ ގިނަ ކުންފުނިތަކުން ވަނީ ދުވާލަކު މަސައްކަތް ކުރަން ޖެހޭ ވަގުތު ހަ ގަޑިއިރަށް ބަދަލު ކުރަން ފަށައިފަ އެވެ.
މީގެ 13 ވަރަކަށް އަހަރު ކުރިން މަސައްކަތް ކުރާ ވަގުތު ހަ ގަޑިއިރަށް ބަދަލުކޮށްފައިވާ ސްވިޑެންގައި ހުންނަ ޓޮޔޯޓާ ކުންފުންޏަކުން ވަނީ އެބަދަލުގެ ސަބަބުން މުވައްޒަފުންގެ އުފާވެރިކަން އިތުރުވެފައިވާ ކަމަށާއި، ވަޒީފާ އިން ވަކިވާ މުވައްޒަފުންގެ އަދަދު މަދުވެފައިވާ ކަމަށާއި، ކުންފުނީގެ ފައިދާ އިތުރުވެފައިވާ ކަމަށް ބުނެފަ އެވެ.
މަސައްކަތް ކުރާ ވަގުތު މަދު ކުރާ ޓޮޔޯޓާ ފަދަ ކުންފުނިތަކަށް ލިބޭ ފައިދާތަކަށް ބެލުމަށް ފަހު، ސްވިޑެންގެ އެހެން ކުންފުނިތަކުން ވެސް މަސައްކަތް ކުރާ ގަޑިތައް މަދު ކުރުމުގެ މަސައްކަތް ފެށި އެވެ. އަދި އޭގެ ސަބަބުން ދުނިޔޭގެ އެހެން ގައުމުތަކުން ވެސް އެފަދައިން އަމަލު ކުރުމަށް ސޯޝަލް މީޑިއާގައި ގޮވާލަން ފެށުނެވެ.
ނަމަވެސް، ސްވިޑެންގައި ވަޒީފާ ހޯދަން ބޭނުން ކުރާ އެންމެ ބޮޑު ވެބްސައިޓު، "އިންޑީޑް"އިން ހެދި ދިރާސާއަކުން ދެއްކި ގޮތުގައި ސްވިޑެންގައި ހަ ގަޑި އިރަށް މަސައްކަތުގެ ވަގުތު ކުޑަ ކުރުމަކީ އެގައުމުގެ ރައްޔިތުންނަށް މާބޮޑު ބަދަލެއް ކަމަށް ނުބެލެވެ އެވެ.
އެސައިޓުން ބުނި ގޮތުގައި ސްވިޑެންގެ ރައްޔިތުން ވަޒީފާއެއް ހޯދާ އިރު، "ދުވާލަކު ހަ ގަޑިއިރަށް މަސައްކަތް ކުރަން ޖެހޭ" ނުވަތަ "ހަފްތާ އަކު މަސައްކަތް ކުރަން ޖެހޭ ވަގުތު ކުޑަ" ވަޒީފާތަކެއް އެއްވެސް ވަރަކަށް ނުހޯދަ އެވެ. އަދި، ވަޒީފާއެއް އިޝްތިހާރު ކުރުމުގައި ކުންފުނިތަކުން ވެސް، އެއީ ހަ ގަޑިއިރަށް މަސައްކަތް ކުރަން ޖެހޭ ކުންފުންޏެއް ކަމަށް ފާހަގަ ނުކުރެ އެވެ.
"އިންޓަނެޓުގައި އެހިޔާލު ކިތަންމެ ހަލުވި ކަމާ އެކު ފެތުރުނު ނަމަވެސް، އެއީ ސްވިޑެންގެ ރައްޔިތުންނަށް އާކަމެއް ނޫން. ބޮޑަށް ބެލެވެނީ އެއީ ސްވިޑެންގެ ރައްޔިތުން، އެމީހުންގެ އަމިއްލަ ދިރިއުޅުމާއި ވަޒީފާގައި ހޭދަ ކުރާ ވަގުތު ހަމަހަމަ ކުރާނެ ގޮތަކަށް މިހާރު ވެސް ހޭނިފައި ތިބުމުން ކަމަށް،" އިންޑީޑްގެ ޗީފް އިކޮނޮމިސްޓު، ޓާރާ ސިންކްލެއާ ވިދާޅުވި އެވެ.
ސްވިޑެންގެ ރައްޔިތުންނަށް ކޮންމެ އަހަރަކު 25 ދުވަހުގެ ޗުއްޓީ ލިބެ އެވެ. އަދި ދަރިއަކު ލިބުމުން ނުވަތަ އެޑޮޕްޓް ކުރުމުން، މައިންބަފައިންނަށް 480 ދުވަހުގެ ޗުއްޓީ، ދެމީހުންނަށް ބަހާލެވޭ ގޮތަށް ލިބެ އެވެ.
ސްވިޑެންގައި ހަފްތާ އަކު 50 ގަޑިއިރަށް ވުރެ އިތުރަށް މަސައްކަތް ކުރަނީ އެއް ޕަސެންޓް ރައްޔިތުންނެވެ. އެއާ އަޅާ ބަލާއިރު އެމެރިކާގެ 11 ޕަސެންޓް ރައްޔިތުން ކޮންމެ ހަފްތާއަކު 50 ގަޑިއިރަށް ވުރެ އިތުރަށް މަސައްކަތް ކުރެ އެވެ. އެހެންކަމުން، އެމެރިކާގެ ރައްޔިތަކު ކޮންމެ އަހަރަކު ސްވިޑެންގެ ރައްޔިތަކާ އަޅާ ބަލާއިރު 144 ގަޑިއިރު އިތުރަށް މަސައްކަތް ކުރާނެ އެވެ.
މީގެ އިތުރުން، ސްވިޑެންގައި ފާއިތުވި ދެ އަހަރު ތެރޭގައި ފަހެލި[ފްލެކްސިބްލް]ކޮށް މަސައްކަތް ކުރެވޭ ގޮތްތަށް ހަމަޖައްސާފައި އޮންނަ ކަމަށް ބުނާ ވަޒީފާގެ އިޝްތިހާރުތަކުގެ މިންވަރު ވަނީ އެއްވަރެއްގައި ހިފެހެއްޓިފަ އެވެ. ނަމަވެސް، އެފަދައިން ސިފަކޮށްފައިވާ ވަޒީފާތައް ހޯދާ މީހުންގެ އަދަދު ވަނީ މަދުވެފަ އެވެ. ނަމަވެސް، އެމެރިކާގައި އެފަދައިން ސިފަކޮށްފައިވާ ވަޒީފާތައް ހޯދާ މީހުންގެ އަދަދު ދަނީ ކޮންމެ އަހަރަކު އިތުރުވަމުންނެވެ.
"ފްލެކްސިބިލިޓީ އަކީ މިހާރު ވަކި ވަޒީފާއެއް އަދާކުރުމުން ލިބޭ ފައިދާއެއް ނޫން. ނަމަވެސް އެއީ ކޮންމެ ވަޒީފާއަކުން ވެސް ލިބޭނެ ކަމަށް އުއްމީދު ކުރާ ކަމެއް،" ސިންކްލެއާ ވިދާޅުވި އެވެ.
ގިނަ އިރު މަސައްކަތް ކުރުމާ ހިތުގެ ބަލިތަކާއި ސްޓްރޯކާ ގުޅުން އޮންނަ ކަމަށް އޮންލައިން ޖާނަލްއެއް ކަމަށްވާ ލާންސެޓްގައި ޕަބްލިޝްކޮށްފައިވާ ސިއްހީ ދިރާސާއަކުން ދައްކަ އެވެ.
ސްވިޑެންގައި ދުވާލަކު ހަ ގަޑިއިރަށް މަސައްކަތް ކުރާ ގޮތަށް ނިންމާފައިވާ ކުންފުނިތަކުން، އެކުންފުނިތަކުގެ އުފެއްދުންތެރިކަމާ ބެހޭ ނަތީޖާތައް އަދި އާއްމުކޮށްފައި ނުވެ އެވެ. ނަމަވެސް، މަސައްކުރާ ވަގުތު ކުޑަ ކުރުމުން، ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ގިނަ މަސައްކަތް ކުރުމަށް މުވައްޒަފުންގެ މައްޗަށް އޮންނަ ޕްރެޝަރު އިތުރުވާނެ ކަމުގެ އިންޒާރު ސައިކްލޮޖިސްޓުން ވަނީ ދީފަ އެވެ.
"އޭގެ ނުރައްކަލަކީ، ކުޑަ ވަގުތުކޮޅެއް ތެރޭގައި ގިނަ މަސައްކަތް، ބުރަކޮށް ކުރަން މަސައްކަތް ކުރުމުން މުވައްޒަފުންގެ މައްޗަށް އޮންނަ ޕްރެޝަރު މަދުވުމަށް ވުރެ އިތުރު ވުން،" ޔުނިވާސިޓީ އޮފް ބެޑްފޯޑްޝަޔާގެ އޮކިއުޕޭޝަނަލް ސައިކޮލޮޖީގެ ޕްރޮފެސަރެއް ކަމަށްވާ ގެއިލް ކިންމެން ވިދާޅުވި އެވެ. (އިންޑިޕެންޑެންޓް)