31 Mar 2016, 12:01
އެންމެ ނުރައްކާތެރި ހަމުގެ ކެންސަރު ކަމަށްވާ މެލަނޯމާ ޖެހޭ މީހުން ނިސްބަތުން އެންމެ ގިނައީ ނިއުޒީލޭންޑުގައި ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.
ޖާނަލް އޮފް އިންވެސްޓިގޭޓިވް ޑާމަޓޮލޮޖީގައި ޝާއިއުކޮށްފައިވާ ދިރާސާއެއްގައި ބުނާ ގޮތުން ނިއުޒީލޭންޑުގެ ކޮންމެ އެއްލަކަ މީހަކުން 50 މީހަކަށް މެލަނޯމާ ޖެހެ އެވެ. ނަމަވެސް އިރުގެ ދޯދިތަކުގެ ނުރައްކާ އެންމެ ބޮޑު ގައުމުގެ ގޮތުގައި ފާހަގަ ކުރެވިފައިވާ އޮސްޓްރޭލިއާގައި އެ ބަލި ޖެހެނީ ކޮންމެ ލައްކައަކުން 48 މީހެކަށެވެ.
އެ ދިރާސާގައި ބުނާ ގޮތުން، އޮސްޓްރޭލިއާގައި މެލަނޯމާ ޖެހޭ މީހުންގެ އަދަދު މަދުވަމުން އަންނަ އިރު އެ އަދަދު ނިއުޒީލޭންޑުގައި އަންނަނީ އިތުރުވަމުންނެވެ.
އެ ދިރާސާ ކުރުމުގައި އިސްކޮށް އުޅުނު ފަރާތެއް ކަމަށްވާ ޕްރޮފެސާ ޑޭވިޑް ވައިޓްމަން ބުނީ، ހަމުގެ ކެންސަރު ޖެހުނަ ނުދިނުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ނިއުޒީލޭންޑުގެ ސަރުކާރު ފެއިލް ވެފަވާ ކަމަށެވެ. އަދި އެ ބަލިން ރައްކާތެރި ވުމުގެ ގޮތުން ކުރަން ޖެހޭ މަސައްކަތްތައް ކުރާ ހަމައެކަނި ބަޔަކީ އެ ގައުމުގެ މެލަނޯމާ ނިއުޒީލޭންޑް ފަދަ ޗެރިޓީ ފައުންޑޭޝަންތައް ކަމަށްވެސް ޕްރޮފެސަރު ޑޭވިޑް ބުންޏެވެ.
ހަމައެއާއެކު، އެ ގައުމުގައި ދިރިއުޅޭ މީހުންގެ "އައުޓްޑޯ ލައިފްސްޓައިލް"ގެ ސަބަބުން ނުރައްކާތެރި އިރުގެ ދޯދިތަކަށް އެ މީހުން ހުށަހެޅިފައިވާ ކަމަށް ވެސް ޕްރޮފެސަރު ޑޭވިޑް ބުންޏެވެ.
ނިއުޒީލޭންޑުގައި މެލަނޯމާ ޖެހޭ މީހުންގެ އަދަދު ނިސްބަތުން ގިނަ ވަމުން އަންނަ ކަން ފާހަގަ ކުރައްވަމުން އެ ގައުމުގެ ހެލްތު މިނިސްޓަރު ޖޮނަތަން ކޯލްމަން ވިދާޅުވީ، މެލަނޯމާއިން ސަލާމަތްވެ ތިބުމަށް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމުގައި ދެމި ތިބެން ޖެހޭ ކަމަށެވެ.
"އަހަރުމެންނަށް އިނގޭ މެލަނޯމާ ޖެހޭ މީހުން ނިސްބަތުން މި ގައުމުގައި ގިނަ ކަން. އެ ބަލިން ރައްކާތެރިވުމަށް ހަށިގަނޑު ނިވާ ކުރުމާއި ބޭރަށް ނުކުންނަ އިރު ތޮފި އެޅުމަށް އަދި ސަން ސްކްރީން ބޭނުން ކުރުމަށް މީހުންނަށް އިލްތިމާސް ކުރުމުގައި ދެމިތިބެން ޖެހޭ،" ހެލްތު މިނިސްޓަރު ޖޮނަތަން ކޯލްމަން ވިދާޅުވި އެވެ.
މެލަނޯމާ އިން މީހުން މަރުވާ އަދަދު މަދު ކުރުމަށް މަސައްކަތް ކުރަމުން އަންނަ ޗެރިޓީ ފައުންޑޭޝަންއެއް ކަމަށްވާ "މެލަނޯމާ ނިއުޒީލޭންޑު"ގެ ސީއީއޯ ލިންޑާ ފްލޭ ބުނީ، ފާއިތުވި ފަސް އަހަރާއި 10 އަހަރާ ދެމެދު މެލަނޯމާއިން ރައްކާތެރިވުމަށް ގިނަ ފިޔަވަޅުތަކެއް އަޅާފައި ވާ ކަމަށެވެ.
ނަމަވެސް، ނިއުޒީލޭންޑުގެ ސުކޫލްތަކުން، ދަރިވަރުން ބޭރަށް ނެރުމުގައި އިރުގެ ދޯދިތަކުން ސަލާމަތްވުމަށް އެއްވެސް ކަހަލަ ރައްކާތެރިކަމެއް ބޭނުން ނުކުރާތީ، ލިންޑާ ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
މައުލޫމާތު: ދަ ގާޑިއަން.ކޮމް