31 Mar 2016, 12:02
ގުޅިފަޅު އިންވެސްޓްމަންޓް ލިމިޓެޑުން ގުޅިފަޅުގައި އިމާރާތްކުރަން ފަށާފައިވާ ފުލެޓްތަކުގެ ނުނިމިހުރި މަސައްކަތްތައްކޮށް ނިންމާނެ ފަރާތެއް ހޯދަން އިއުލާނުކޮށްފި އެވެ.
އެ ކުންފުނިން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ ބުރާސްފަތި ދުވަހު އެ ކުންފުނީގެ އޮފީހުން މައުލޫމާތު އޮޅުންފިލުވުމަށެވެ.
އަދި އެއަށްފަހު އޭޕްރީލް މަހުގެ 14 ވަނަ ދުވަހު އަންދާސީ ހިސާބު ހުށަހެޅުމަށްވެސް އިއުލާނުގައިވެ އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ހިއްކި 10 ހެކްޓަރުގެ ގުޅީފަޅު، ތަރައްގީ ކުރަން ހަވާލު ކުރި ގްލޯބަލް ޕްރޮޖެކްޓްސް ޑިވެލޮޕްމެންޓް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (ޖީޕީޑީ)ގެ އަތުން ފުލުހުން މެދުވެރިކޮށް އެ ރަށް އަތުލައި، މިހާރު ވަނީ އެ ރަށް ސަރުކާރުގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
ޖީޕީޑީގެ އަތުން ގުޅީފަޅު އަތުލަން ނިންމީ ކޮންސެޝަން ފީ ހިމެނޭގޮތުން ގިނަ އަދަދެއްގެ ފައިސާ ސަރުކާރަށް ދައްކާފައި ނުވާތީ އާއި އެއްވެސް ވަރަކަށް އެތަން ތަރައްގީ ކުރެވިފައި ނުވާތީ އެވެ.
ގުޅިފަޅު ސަރުކާރަށް ނެގުމަށްފަހު އެރަށުން ފުލެޓު ގަންނަން ފައިސާ ދެއްކި 158 ފަރާތަށް ހުޅުމާލެއިން ފުލެޓު ދިނުމަށް ރައީސް އަބްދުﷲ ޔާމީން ވަނީ ނިންމަވާފަ އެވެ.
އެރަށް ސަރުކާރަށް ނެގުމަށްފަހު ސިނާއީ ބޭނުންތަކަށް ގުޅިފަޅުން ބިން ދޫކުރުމަށް ވެސް ވަނީ ނިންމާފަ އެވެ.