މަކަރާއި ހީލަތް ހެދުމުގެ ކުށް ސާބިތުވެ 25 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން އަންނަ ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަހްމަދު ނާޒިމަށް ރާއްޖެ އިން ބޭރުގައި ބޭސްފަރުވާ ކުރަންދީފައިވާ މުއްދަތު އިތުރު ނުކުރަން މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ނިންމައިފި އެވެ.

ކަރެކްޝަންސްގެ އޮފިޝަލަކު މިއަދު ސަން އަށް ވިދާޅުވީ މީގެ ކުރިން ދެފަހަރެއްގެ މަތިން ނާޒިމްގެ ބޭސްފަރުވާގެ މުއްދަތު އިތުރުކޮށްދީފައިވާ ކަމަށެވެ.

އޮފިޝަލް ވިދާޅުވީ އެންމެފަހުން ނާޒިމް ފޮނުއްވި ބޭސްފަރުވާގެ ލިޔުންތަކުގައިވާ ގޮތުން ސިންގަޕޫރަށް އޭނާ ކުރައްވަން ވަޑައިގެންނެވި އޮޕަރޭޝަންކޮށް ނިމިފައިވާކަން އެނގެން އޮންނަ ކަމަށެވެ.

"އެހެންކަމުން ރާއްޖެ އިން ބޭރުގައި ބޭސްފަރުވާ ކުރައްވަން އަހްމަދު ނާޒިމަށް ދީފައިވާ މުއްދަތު މިއަދަށް ހަމަވާތީ އެނބުރި ރާއްޖެ ވަޑައިގަތުމަށް އަހްމަދު ނާޒިމަށް ވަނީ އަންގާފައި،" އޮފިޝަލް ވިދާޅުވި އެވެ.

ކަރެކްޝަންސް އިން އެގޮތަށް ނިންމާފައި ވަނީ ބޭސްފަރުވާގެ މުއްދަތު އިތުރުކޮށްދޭން ނާޒިމް އަނެއްކާ ވެސް އެދިވަޑައިގަތުމުންނެވެ.

ބޭސްފަރުވާ އަށް ސިންގަޕޫރަށް ނާޒިމް ވަޑައިގަތީ މިދިޔަ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހު އެވެ.

ސިންގަޕޫރުގެ ހޮސްޕިޓަލެއްގައި މިދިޔަ ޖެނުއަރީ މަހު ނާޒިމް ވަނީ ދެ އޮޕަރޭޝަނެއް ކުރައްވައިފަ އެވެ. އޭނާގެ އާއިލާ އިން ބުނީ ނާޒިމް ފުރަތަމަ ކުރެއްވީ ކަނާތު ބޮޑުވައި އިނގިލީގެ ހުޅުގެ އޮޕަރޭޝަނެއް ކަމަށެވެ. އެއަށް ފަހު މައިބަދައިގެ އޮޕަރޭޝަނެއް ކުރައްވާފައިވާ ކަމަށް ވެސް އާއިލާ އިން ބުންޏެވެ.