(ނޭޕްޔިޑޯ، މިޔަންމާ): އިއްޔެއަކީ މިޔަންމާއަށް ތާރީޚީ ދުވަހެކެވެ. އެ ގައުމުގައި ރައްޔިތުންނަށް ބަސް ކިޔުމުގެ މިނިވަންކަން އޮތްކަން އިއްޔެ މިޔަންމާގައި ހާމަވެގެން ދިޔައީ، މިދިޔަ 50 އަހަރު އެ ގައުމުގައި އޮތް އަސްކަރީ ވެރިކަމަށް ރަސްމީ ނިމުމެއް އައުމުންނެވެ.

އިއްޔެ އެ ގައުމުގެ ނޭޝަނަލް ޑިމޮކްރަޓިކް ލީގު ޕާޓީގެ ޓިން ޗޯ ވަނީ މިޔަންމާގެ ރައީސްކަމުގެ ހުވާ ކުރައްވައިފަ އެވެ.

ހަތްދިހަ އަހަރުގެ ޓިން ޗޯ އިއްޔެ ވިދާޅުވީ، ގާނޫނު ހަދާ މަޖިލީހުން ނިންމީ، މިޔަންމާގެ ރައީސްކަމަށް އޭނާ އައްޔަނު ކުރުމަށް ކަމަށާއި، އެއީ ވަރަށް ވެސް ތާރީޚީ މުނާސަބަތެއް ކަމަށެވެ.

ރައީސް ޓިން ޗޯ ވަނީ، މިޔަންމާގައި ހުރި ނަސްލުތަކުގެ މީހުންގެ މެދުގައި އޮތް ހަމަނުޖެހުންތައް ނައްތާލައި، ގައުމީ އެއްބައިވަންތަކަން ގާއިމުކުރުމަށް ވައުދުވެވަޑައިގެންފަ އެވެ.

މިޔަންމާއަށް ޑިމޮކްރަސީ ގެނައުމަށް ބޮޑެތި މަސައްކަތްތަކެއް ކުރެއްވި އާން ސަން ސޫޗީގެޕާޓީއަށް އެގައުމުގެ ވެރިކަން ލިބި، އަސްކަރީ ވެރިކަމަކުން ޑިމޮކްރަޓިކް ވެރިކަމަކަށް ގައުމު ބަދަލު ކުރުމުގެ މަސައްކަތް ފަށާފައި އޮތް ނަމަވެސް، އެގައުމުގައި އަދިވެސް އަސްކަރީ ވެރިކަމުގެ އަސަރުތައް އޮންނާނެ ކަމަށް ބެލެވެ އެވެ.

ސަބަބަކީ، އަސްކަރިއްޔާގެ މެމްބަރުން ގާނޫނު ހަދާ މަޖިލީހުގައި އަދި ސަރުކާރުގައި ވެސް އެބަ ތިއްބެވެ. އެ މީހުންގެ ބަސް ވެސް، މިޔަންމާގެ ވެރިކަން ހިންގުމުގައި ހިނގާނެ ކަމަށް ބެލެވެ އެވެ.

މީގެ އިތުރުން، މިޔަންމާގެ ދުސްތޫރު ކަމުގައިވާ، އެގައުމުގެ ގާނޫނު އަސާސީއަކީ ވެސް އެގައުމުގެ އަސްކަރިއްޔާއިން އުފައްދައި، ތައްޔާރުކޮށްފައިވާ އެއްޗެކެވެ. އޭގައި ބުނެފައިވާ ގޮތުން، މިޔަންމާގެ ރައީސަކަށް ވާ މީހަކު، މިޔަންމާގެ ފުރިހަމަ ރައްޔިތަކަށް ވާންޖެހެ އެވެ. އެ މީހަކީ ބޭރު ގައުމެއްގެ އެއްވެސް މީހަކާ އާއިލީ ނުވަތަ ޒާތީ ގުޅުމެއް އޮތް މީހަކަށް ވެގެން ނުވާނެ އެވެ.

މިޔަންމާގެ ރައީސްގެ މަގާމަށް އެންޑީއެލްގެ ރައީސާ އާން ސަން ސޫ ކީ ޝަރުތު ހަމަނުވަނީ، އޭނާ މީގެ ކުރިން އިނގިރޭސި ރައްޔިތަކާ ކައިވެނިކޮށް، އެ ދެމަފިރިންނަށް ލިބުނު ދަރީންނަކީ އިނގިރޭސި ރައްޔިތުންގެ ގޮތުގައި ރަޖިސްޓަރ ކޮށްފައިވާ ބަޔަކަށް ވީތީ އެވެ.

އެހެން ނަމަވެސް ސޫކީ ވިދާޅުވެފައި ވަނީ، މިޔަންމާގައި ވެރިކަން ހިންގަވާނީ އޭނާ ކަމަށާއި، ރައީސް ޓިން ޗޯ ވެރިކަން ކުރައްވާނީ ސޫ ކީ ވިދާޅުވި ގޮތަކަށް ކަމަށެވެ.

މަސްދަރު: ސީބީއެސް ނިއުސް