31 Mar 2016, 10:45
ވޮޝިންޓަން (މާޗް 31) : އެމެރިކާގެ ގުއަންޓެނާމޯ ޖަލުގައި ތިބި މުސްލިމް އަސީރުންގެ ތެރެއިން 12 މީހުން ދެ ގައުމެއްގެ ޖަލަށް ގެންދިޔުމަށް ރާވާފައިވާ ކަމަށް އެމެރިކާ ބުނެފި އެވެ.
ނަންހާމަކުރަންނޭދޭ އެމެރިކާގެ މަސްއޫލުވެރިއަކު ވިދާޅުވީ މިއީ ގުއަންޓެނާމޯ ޖަލު ބަންދު ކުރުމަށް ރައީސް ބަރަކް އޮބާމާ ވެވަޑައިގެންފައިވާ ވައުދުފުއްދުމުގެ ގޮތުން އަޅާފިޔަވަޅެއް ކަމުގަ އެވެ. އަނިޔާވެރި ކަމަށް ނަންމަޝްހޫރު ގުއަންޓެނާމޯ ޖަލަކީ ކިޔުބާގައި އެމެރިކާ ވެރިވެގަނެގެންއުޅޭ ބިމެއްގައި ހަދާފައިވާ ނުރައްކާތެރި ބިރުވެރި ޖަލެކެވެ. މިޖަލުގައި ހައްޔަރު ކުރާ މުސްލިމުންނަކީ ޓެރަރިޒަމްގެ ތުހުމަތުގައި އެއްވެސް ޝަރީއަތަކާނުލައި ހައްޔަރުކުރާ މީހުންނެވެ. މިއީ އެމެރިކާގެ ގާނޫނުތަކާ ވެސް ޚިލާފު ކަމެކެވެ. ނަމަވެސް ގުއަންޓެނާމޯ ޖަލު ހުންނަ ބިމަކީ އެމެރިކާގެ ބިމަކަށް ނުވާތީ އެމެރިކާގެ ގާނޫނާ ޚިލާފަށް އެޖަލުގައި މީހުން ހައްޔަރުކުރެވޭނެ ކަމަށް އެމެރިކާގެ ގާނޫނު ތަންފީޒުކުރާ އިދާރާތަކުން ބުނެއެވެ.
ގުއަންޓެނާމޯ ޖަލުގައި ހައްޔަރުކޮށްފައިވާ އަސީރުންގެ ކިބައިން އެމެރިކާ ބޭނުންވާ އިޢްތިރާފްތައް ހޯދުމަށްޓަކައި އަސީރުންގެ ގައިގާ ކަރަންޓް ޖެއްސުމާއި ހޫނުފެނާއި ފިނިފެން އެޅުމާއި ފެނުއަޑީގައި ގަންބައި ހިފަހައްޓައި ނޭވާލިޔަނުދީ ހާސްކުރުވުމާއި ޖިންސީ ގުނަވަންތަކުގައި ތެޅުންފަދަ ޖަޕާނާއި ނާޒީ ޖަރުމަނުން ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު އަސީރުންނާ ދެކޮޅަށް ހިންގި ބާވަތުގެ ލާއިންސާނީ އަމަލުތައް އެޖަލުގައި މުސްލިމް އަސީރުންނާ ދެކޮޅަށް އެމެރިކާ ހިންގަމުން ގެންގޮސްފައިވެއެވެ.
މި އަނިޔާތަކަށް ކެތްނުކުރެވިގެން އެތަށް ބަޔަކު އެޖަލުގައި މަރުވެފައިވާއިރު އެމީހުންގެ މައްޗަށް މަދަނީ ޝަރީއަތެއް ހިންގުމަށް ވެސް އެމެރިކާ ވަނީ ދެކޮޅު ހަދާފައެވެ. އެމެރިކާ މި ލާއިންސާނީ ޖަރީމާތައް މުސްލިމް އަސީރުންނާ ދެކޮޅަށް ފާޅުގައި ހިންގަމުން ގެންދިޔައިރު އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމްއިއްޔާ ޖަމާއަތްތަކާ އަދި އދ. އަށް ކުރެވުނު އެއްވެސް ކަމެއްނެތެވެ. ގުއަންޓެނާމޯ ޖަލުގައި އެމެރިކާ ހައްޔަރުކޮށްގެން އުޅޭ މުސްލިމް އަސީރުންނަކީ އަފްޣާނިސްތާނަށް އެމެރިކާ އަރައިގަތުމަށްފަހު އެގައުމުގައި ކުރި ހަނގުރާމައިގާ ހައްޔަރުކޮށްފައިވާ ބައެކެވެ.
މީގެއިތުރުން އިރާގުގައި އެމެރިކާ ހިންގި އަބޫޣުރައިބު ޖަލާއި ޔޫރަޕްގެ ގައުމުތަކުގައި އެމެރިކާ ހިންގި ސިއްރުޖަލުތަކާ އަދި އަފްޣާނިސްތާނުގައި އެމެރިކާ ހިންގި ޖަލުތަކުގައި މުސްލިމް އަސީރުންނާ ދެކޮޅަށް ދުނިޔެ ނުދެކޭފަދަ ބިރުވެރި އަދި ލާއިންސާނީ ޖަރީމާތައް އެމެރިކާ ހިންގާފައިވެއެވެ. ނަމަވެސް މިއިން އެއްވެސް ކަމަކާ ގުޅިގެން އެމެރިކާގެ ރައީސަކު އަދި އެމެރިކާގެ އިސްވެރިއަކު ބައިނަލްއަގްވާމީ އިންސާފުގެ ކުރިމައްޗަށް ނޫނީ ބައިނަލްއަގްވާމީ ކޯޓަކަށް ޙާޒިރު ކުރެވިފައެއް ނުވެއެވެ. ގުއަންޓެނާމޯ ޖަލު ބަންދުކުރުމަށް ރައީސް ބަރަކް އޮބާމާ ވެވަޑައިގެންފައިވާ ވައުދުފުއްދުމަށް އޮބާމާ ކުރައްވާ މަސައްކަތްތަކަށް ކޮންގްރެސްގައި ހިމެނޭ ހަރުކަށި ވިސްނުމުގެ މެންބަރުން ގެންދަވަނި ހުރަސް އަޅުއްވަމުންނެވެ.
އެހެންކަމުން އެޖަލު ބަންދުކުރެވޭނެ ހަމައެކަނި ގޮތަކީ އެޖަލުގައި ހައްޔަރުކޮށްފައިވާ މުސްލިމް އަސީރުން އެހެން ގައުމުތަކަށް ބަދަލުކޮށް އެޖަލު ހުސްކޮށްގެން ކަމަށް އެމެރިކާގެ މަސްއޫލުވެރިޔާ ވިދާޅުވިއެވެ. އަނެއްކޮޅުން ކިޔުބާ މިހާރު ގެންދަނީ އެމެރިކާ ވެރިވެގެންފައިވާ ކިޔުބާގެ އެބިން އަނބުރައި ހޯދުމަށް މަސައްކަތް ކުރަމުންނެވެ.
ނަމަވެސް އެމެރިކާގެ ހަރުކަށިކަމުންނާއި ބައިނަލްއަގްވާމީ މުއައްސަސާތަކަށް އެމެރިކާގެ އަތްގަދަކޮށްފައިވުމުގެ ސަބަނުން މިއީ ކިޔުބާއަށް ކުރަންފަސޭހަ ކަމަކަށް ނުވާނެކަމަށް މުރާސިލުން ބުނެއެވެ. (ނޫސްއެޖެންސީތައް)