01 May 2011, 12:25
މާފަންނު ތޮއިބާ މިސްކިތް ކައިރީގައި ހުންނަ ކޮކާކޯލާ ގުދަން ކައިރީ އިން ވޮޗަރު މީހާ އަށް ހަމަލާދިނީ އެތަނަށް ވަގު ވަންނަން އުޅުމުން ވޮޗަރު އެކަމަށް ހުރަސް އެޅުމުން ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ އެންސްޕާ ކައިރީގައި ހުންނަ ކޮކާކޯލާ ކޮމްޕެނީގެ ގުދަން ބަލަހައްޓަން އިން އުމުރުން 60 އަހަރުގެ މީހާ އަށް ހަމަލާދީފައިވާ ކަމަށް ބެލެވެނީ އެ ތަނުގެ ސޭލްސް ގުނަން ތިބި ވަގުތު އެތަނަށް ވަގަށް ވަންނަން ދިޔަ ބައަކަށް ހުރަސް އެޅުމުން ކަމަށެވެ.
އަދި އެ މައްސަލަ އާ ގުޅިގެން މިހާރު މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ވެސް ފުލުހުންގެ އޮފިޝަލު ވިދާޅުވި އެވެ. އެހެންނަމަވެސް އެމީހާ އާ ބެހޭ އިތުރު މަޢުލޫމާތެއް ނުދެއްވަ އެވެ.
އައިޖީއެމްއެޗުން މިއަދު ބުނީ އެ މީހާގެ ހާލު މިހާރު އަންނަނީ ރަނގަޅު ވަމުން ކަމަށާއި ވޯޑަށް ބަދަލު ކޮށްފައިވާ ކަމަށެވެ.
ރޭގެ ހަމަލާގައި އުމުރުން ދުވަސްވީ އެމީހާގެ ބުރަކަށީގެ ހަތަރު ތަނަކަށް ވަނީ ވަޅިހަރާފަ އެވެ. އަދި އޭނާގެ މޫނު މަތިން ދެ ތަނަކަށް ވަޅި ހަރަފާއިވާ އިރު ވައަތު ކުޑަ ހުޅުގައި ވެސް ވަޅި އަޅާފައިވެ އެވެ.
އެ ހަމަލާދީފައި މިވަނީ މާރާމާރީ އާ ކުށްކުރުން ހުއްޓުވައި، މާލެ އަމާން ތަނަކަށް ހެދުމަށް ފުލުހުންނާއި ސިފައިން ގުޅިގެން ހާއްސަ އޮޕަރޭޝަނެއް ފަށައިފައިވާ ވަނިކޮށެވެ.