ދެހާސް ސާދަ ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ވ. ރަކީދޫ ކައުންސިލްގެ އިދާރާގެ ތެރެއިން ވަގަށް ނެގި މިލިއަނަކަށްވުރެ ގިނަ ރުފިޔާގެ ތެރެއިން 110،750 ރުފިޔާ އަދިވެސް ހޯދިފައިނުވާ ކަމަށް އެ ކައުންސިލުން ބުނެފި އެވެ.

ރަކީދޫ ކައުންސިލް މެމްބަރު އާދަމް ހަސަން ސަން އަށް ވިދާޅުވީ ކައުންސިލް އިދާރާގެ ތިޖޫރީ ހަލާކުކޮށްލައިގެން ވަގަށް ނެގި 1،181،445 ރުފިޔާގެ ތެރެއިން 1،070،595 ރުފިޔާ ފުލުހުން ހޯދީ އެ މައްސަލާގައި ހައްޔަރުކުރި މީހުންގެ އަތުން ކަމަށެވެ.

"އެ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި މީހުންގެ އަތުން އެފައިސާ ހޯދީ. ވަގަށް ނެގި ފައިސާގެ ތެރެއިން 110،750 ރުފިޔާ އަދިވެސް ހޯދިފައެއް ނުވޭ،" އާދަމް ހަސަން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެ މައްސަލާގައި ހައްޔަރުކުރި ތިން މީހުން ވެސް މިހާރު ވަނީ ދޫކޮށްލާފައި ކަމަށާއި އެމީހުން މިހާތަނަށް ޝަރީއަތަކަށް ހާޒިރުކޮށްފައިނުވާ ކަމަށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މައްސަލަ ވަނީ ތަހުގީގު ނިންމައި ޕީޖީ އޮފީހަށް ފޮނުވާފައި ކަމަށާއި އެ މައްސަލައާ ގުޅިގެން ދޭނެ އިތުރު މައުލޫމާތެއް ނެތް ކަމަށެވެ.

ރަކީދޫ ކައުންސިލް އިދާރާއަށް ވަގުން ވަދެފައި ވަނީ އެތަނުގެ ފުރާޅުން ޓިނު ނަގައިގެން ސީލިންގު ވެސް ހަލާކުކޮށްލައިގެންނެވެ.